ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރާނަން: ރައީސް

ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އިތުރު އިންވެސްޓްމަންޓްތައްކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބާގައި މިއަދު މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ، ހަމަހަމަ ފުރުޞަތުތަކާއި ދުޅަހެޔޮކަން ހުރިހާ ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ މުހިންމުކަމާމެދު ވިސްނާލުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެމަނިކުފާނުގެ ޕޯސްޓްގައި އިތުރަށް ބަޔާންކުރައްވާފައިވާ ގޮތުގައި، 2062 ވަނަ އަހަރާ ހަމައަށް އާދެވޭއިރު، ދިވެހިރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ އުމުރުފުރައިގެ މީހުންކަމަށް ލަފާކުރެވެއެވެ. މި ހަޤީޤަތަށް ރިޢާޔަތްކޮށް، އުމުރުން ދުވަސްވީ މުޖުތަމަޢުއަކާ ކުރިމަތިލުމަށް ޒުވާނުން ތައްޔާރުކުރުމަށްޓަކައި، އެ ފަރާތްތަކަށް ދިމާވާނެ ގޮންޖެހުންތަކާއި ލިބޭނެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މިގޮތުން، ސަރުކާރުން އިސްކަންދޭނެ މައިގަނޑު ދާއިރާތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރިޕްރޮޑަކްޓިވް ހެލްތު ކެއަރގެ ޚިދުމަތްތައް ފުޅާކުރުމާއި، ތަޢުލީމީ ދާއިރާގެ ފެންވަރު މަތިކުރުމާއި، އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، އަދި ކޮންމެ ދިވެއްސެއްގެވެސް އިޖްތިމާޢީ އަދި އިޤްތިޞާދީ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރެވޭނެ ކަމަށެވެ.
ރައީސްގެ މި ބަސްފުޅުތަކުން ދައްކުވައިދެނީ، ދިވެހިރާއްޖޭގެ އާބާދީގެ އާދަޔާޚިލާފު ބަދަލުތަކަށް ތައްޔާރުވުމާއި، ޚާއްޞަކޮށް އުމުރުން ދުވަސްވީ އާބާދީއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރުކާރުން ދެއްވާ އިސްކަންކަމެވެ. މީގެ މަޤްޞަދަކީ، ދިވެހި މުޖުތަމަޢުއަކީ ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ހަމަހަމަ ފުރުޞަތުތައް ލިބިގެންވާ މުޖުތަމަޢުއެއްކަން ކަށަވަރުކުރުމެވެ.
ދުނިޔޭގެ އާބާދީ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ