ތިން ގަޑިއެއްހާއިރު ފަހުން ފެނުނީ ބަންޑުން ޖަހާލައިގެން ޑިންގީ މަތީ ތިއްބާ

ހދ. މަޑަވެއްޔާ ދިމާލުން ދަތުރުކުރި ޑިންގީއެއް އޮޔާދާކަމުގެ ރިޕޯޓު ލިބިގެން ހޯދަމުން ދަނިކޮށް، އެ ޑިންގީ ބަންޑުން ޖަހާލައިގެން އެއިން ދަތުރުކުރި ދެ މީހުން އެ މަތީގައި ތިއްބާ މިއަދު ފެނިއްޖެއެވެ. އެ ޑިންގީ އޮޔާދާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރީ ހެނދުނު 8:39 އެހާކަންހާއިރެވެ. ފުލުހުން މިއަދު މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ބުނީ، ފުލުހުންނަށް އެ ޑިންގީ ފެނުނީ 11:04 އެހާކަންހާއިރު ކަމަށެވެ. އޭރު އެ ޑިންގީ ވަނީ ބަންޑުން ޖަހާލައިފައެވެ. އެއިން ދަތުރުކުރި ދެ މީހުން ތިބީ ބަންޑުން ޖަހާލާފައި އޮތް ޑިންގީގެ މަތީގައި އިށީނދެގެންނެވެ. އެއީ، 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ފުލުހުން ބުނީ، ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. މީގެ އިތުރުން، އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި ސިފައިން އެ ޑިންގީ ހޯދަން ހަރަކާތްތެރިވަމުން އަންނަނިކޮށް ސިފައިންގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް ވެސް ފެނުނެވެ. އެ ޑިންގީ އަނބުރާ މަޑަވެއްޔަށް ދާން ވެސް އެހީތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މުޅި ރާއްޖެއަށް ވެސް ހުޅަނގު މޫސުގެ ބާރުގަދަވެ، އަންނަނީ ވިއްސާރަކުރަމުންނެވެ. އަދި، ވައިގަދަވުމުގެ ސަބަބުން މާލޭ ސަރަހައްދުގައި ވެސް އެތައް ގަހެއް ވެއްޓި، ބައެއް ގެއްލުންވެފައިވެއެވެ. https://sun.mv/208753 މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ވަނީ ކުރިއަށް އޮތް ދެ ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް ލަފައިކޮށްފައެވެ. މެޓުން ވަނީ މިއަދު ހެނދުނު 9:30 އިން މެންދުރު 13:30 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެ ވަގުތުތަކުގައި އެ ބޮޑު ސަރަހައްދަށް ގަޑިއަކު 25 މެއިލާއި 30 މެއިލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއިރަކު 50 މެއިލަށް ވައިގަދަ ވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. އޭގެ ސަބަބުން ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓުން ލަފާ ކުރެއެވެ. މެޓުން ވަނީ މިއަދު ހެނދުނު 11:00 އިން ހަވީރު 17:00 އަށް ދ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެ މުއްދަތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި, ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ. މޫސުން ގޯސް ދުވަސްވަރު ކަނޑު ދަތުރުކުރަނިކޮށް ހިތާމަވެރި ހާދިސާތައް ވެސް މީގެ ކުރިން ހިނގާފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ