ށ.އަތޮޅު ޤުރުއާން މުބާރާތް ކުރިއަށް ގެންދަން ފުނަދޫ ކައުންސިލާއި ހަވާލުކޮށްފި

ށ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކު އަތޮޅު ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ އަތޮޅު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް މަރުހަބާ ދެންނެވުމަށާއި އެކި ކަންކަމަށް އެހީތެރިވުމުގެ ގޮތުން ފުނަދޫ ކައުންސިލާއި އެކު އެމް.އޯޔޫގައި ސޮއިކޮށްފިއެވެ.
މި އަހަރުގެ މި މުބާރާތް ހޯސްޓްކުރުމަށް ށ. އަތޮޅު ކައުންސިލުން ހުށަހެޅި އިރު އެއްވެސް ރަށަކުން ކުރިމަތިލާފައިނުވާތީ މި މުބާރާތް ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވަނީ ފުނަދޫގައެވެ.
އެގޮތުން ށ. އަތޮޅު ކައުންސިލުން "ތިލަދުން" އަށް ބުނިގޮތުގައި، މި މުބާރާތަކީ އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ކީރިތި ޤުރުއާން ހިތުދަސް ކުރުމަށާއި ތަޖުވީދު މަގުން ޤުރުއާން ކިޔެވުމަށް ހިތްވަރުލައިދިނުމުގެ މަޤުސަދުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
މީގެ އިތުރުން ޤުރުއާން ރީތިކޮށް ކިޔެވުމުގެ މައިދާނުގައި ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފައްދައި، ޤައުމީ މުބާރާތައް ބޭނުންވާ ބައިވެރިން އުފެއްދުމަށާއި، ޤައުމީ މުބާރާތުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޓީމެއް އެކުލަވާލުމުގެ އިތުރުން މި މުބާރާތުގެ މަޤުސަދަކީ، ޤާރީންނާއި ޙާފިޘުން އުފެއްދުމަށް ހިތްވަރުދީ، ސްކޫލްތަކުގެ މެދުގައި ބަދަހި ގުޅުމެއް ޤާއިމްކުރުމަށް ކަމަށްވެސް ކައުންސިލުގެ ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
ށ. އަތޮޅު ޤުރުއާން މުބާރާތައް އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް ލިބި، އަތޮޅުގެ 12 ސްކޫލަކުން މުޅި ޖުމްލަ 124 ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގައި 1 ވަނަ އަށް ދާ ސްކޫލަށް 15 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2 ވަނަ އަށް ދާ ސްކޫލަށް 10 ހާސް ރުފިޔާ އާއި 3 ވަނަ އަށް ދާ ސްކޫލަށް ދޭން ހަމަ ޖެހިފައިވަނީ 7 ހާސް ރުފިޔާއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ