އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެ ވަނަ ފަހަރަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ޔޫކްރެއިންއަށް އާ ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް މިއަދު ވައުދުވެވަޑައިގެންފި އެވެ.
އާ އެއްބަސްވުމެއްގެ ދަށުން އެމެރިކާއިން ނޭޓޯގެ މެމްބަރުންނަށް ހަތިޔާރު ފޯރުކޮށްދޭނެ ކަމަށާއި އޭގެ ފަހުން ރަޝިއާއާ ދެކޮޅަށް ކުރާ ހަނގުރާމާގައި އެ ހަތިޔާރު ބޭނުން ކުރާނެ ކަމަށް އެއްބަސްވެފައިވެ އެވެ.
ޓްރަމްޕް އެ އެއްބަސްވުމުގެ މާ ބޮޑު ތަފުސީލުތަކެއް ނުދެއްވަ އެވެ. ނަމަވެސް ވިދާޅުވީ އެއީ އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އާލާތްތައް ކަމަށެވެެ. ނަމަވެސް އެއްބަސްވުމުގައި ޕެޓްރިއޮޓް އެއާ ޑިފެންސް ބެޓެރީ އާއި އިންޓަސެޕްޓާ މިސައިލް ހިމަނާފައިވޭތޯ ނޫސްވެރިން އެހުމުން ޓްރަމްޕް ވިދާޅުވީ އޭގެ ތެރޭގައި ހުރިހާ އާލާތެއް ހިމެނޭނެ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ޔޫރަޕްގެ ގައުމެއްގައި 17 ޕެޓްރިއޮޓް ސިސްޓަމް އެބަހުރި ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް ވަރަށް އަވަހަށް ޔޫކްރެއިނަށް ފޮނުވާނެ ކަމަށެވެ.
މިހާރު މަދު އަދަދެއްގެ ބެޓެރީއާ އެކު އޮޕަރޭޓްކުރާ ޔޫކްރެއިނަށް މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ރަޝިއާގެ ބެލިސްޓިކް އަދި ކްރޫޒް މިސައިލްތަކާ ދެކޮޅަށް ދިފާއު ވަރުގަދަ ކުރުމުގެ ފުރުސަތު ޔޫކްރެއިނަށް އޭރުން ލިބޭނެ އެވެ.
ޓްރަމްޕްގެ ކައިރީގައި އިންނެވި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓޭ ރައީސްގެ ވާހަކައަށް ބާރުދީ ވިދާޅުވީ އެއީ ވަރަށް ބޮޑު ޕެކޭޖެއް ކަމަށެވެ.
އެ އެއްބަސްވުމުގެ ސަބަބުން ވައިގެ ދިފާއީ ނިޒާމާއި މިސައިލާއި ހަތިޔާރު ފަދަ ގިނަ އަދަދެއްގެ އަސްކަރީ އާލާތްތައް ޔޫކްރެއިންއަށް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޕެންޓަގަން އިން ޕެޓްރިއޮޓްސް ހިމެނޭ ގޮތަށް ޔޫކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދިނުން ހުއްޓާލި ހަބަރާ އެކު ޔޫކްރެއިންނަށް ވަނީ ޝޮކެއް ލިބިފަ އެވެ.
ޔޫކްރެއިނަށް ހަތިޔާރު ފޮނުވައިދޭން ޓްރަމްޕު ވައުދުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ