ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރިޓަޔާވާން ނުވަތަ ވަކިވާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާ ހާލަތުގައި ފަނޑިޔާރުކަމުން އެ ފަނޑިޔާރަކު ވަކިވާ ތާރީހުގެ ކުރިއަށް ވެސް އޭނާގެ ބަދަލުގައި އާ ފަނޑިޔާރަކު އައްޔަންކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މި ފަދަ އިސްލާހެއް ގާނޫނަށް ގެންނަން މި ހުށަހެޅީ ސުޕްރީމް ކޯޓުގެ ބެންޗުގައި އިންނަވާ އެންމެ އިސް ފަނޑިޔާރު، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ރިޓަޔާކުރެއްވުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވަނިކޮށެވެ. ރިޓަޔާމަންޓާ މެދު ޖޭއެސްސީން ވަކި ގޮތެއް ނުނިންމަ އެވެ.
ތަފްސީލް - ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި ބިލުގައި ވަނީ:
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރިޓަޔާވާން ނުވަތަ ވަކިވާން ހުށަހަޅައި ވަކިވުމުގެ ފުރުސަތު ދިނުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި މަގާމު ހުސްވުމުގެ ކުރިން އައްޔަންކުރުމުގެ މަރުހަލާ ކުރިއަށް ގެންދެވޭނެ
ރިޓާޔާވާ ފަނޑިޔާރުގެ މަގާމު ހުސްވުމުގެ ކުރިން އެ ފަނޑިޔާރުގެ ބަދަލުގައި އެ މަގާމަށް އާ ފަނޑިޔާރަކު އައްޔަންކުރުމަށް ޖޭއެސްސީގެ ނިންމުމެއް އޮންނަން ޖެހޭނެ؛ ޖޭއެސްސީގެ ނިންމުންތައް ނިންމަނީ ކޮމިޝަނުގެ މެންބަރުން ބައިވެރިވާ ބައްދަލުވުންތަކުން
އެ ގޮތަށް ޖޭއެސްސީން ނިންމައިފި ނަމަ، 48 ގަޑިއިރުގެ ތެރޭގައި ރައީސަށް އަންގަވަން ވާނެ
އޭގެ ފަހުގައި ދެން އޮންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް ގާނޫނުގައި މިހާރު ވެސް އޮންނަ އިޖުރާއަތްތައް ފުރިހަމަކޮށްގެން ފަނޑިޔާރަކު އައްޔަންކުރުމަށް
އެނގުން މުހިންމު - އުއްތަމަ ފަނޑިޔާރުގެ ރިޓަޔާމަންޓް އިނާޔަތް ބޮޑުވާނެ ގޮތަކަށް، ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވާއިދު ބަދަލުކުރަން ޖޭއެސްސީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް މި ފަހުން ފޮނުވި އެވެ. އެ ގޮތުން އޭގައި ވަނީ:
ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ދިނުމަށް ހިމެނޭ
އޭގެ އިތުރުން، ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް؛ އޭރުން މުއުތަސިމްއަށް މިހާރު ލިބިވަޑައިގަންނަވަން އޮތް 185،100ރ.ގެ ބަދަލުގައި ލިބިވަޑައިގަންނަވާނީ 493،600ރ.
ޖޭއެސްސީން އެގޮތަށް އެދިފައިވާއިރު، މިހާރު އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަސް ތެރޭ ރިޓަޔާކުރައްވަން ޖޭއެސްސީއަށް ވަނީ ހުށަހަޅުއްވާފައި
މާލިއްޔަތު ކޮމިޓީން ނިންމީ ޕޭ ކޮމިޝަނުން އެ ކަމުގައި ގޮތެއް ނިންމުމަށެވެ. ޕޭ ކޮމިޝަނުން އެ ކަމުގައި ވަކި ގޮތެއް ނިންމި ކަމެއް އަދި ނޭނގެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ރިޓަޔާވާ ނަމަ ކުރިއާލާ އާ ފަނޑިޔާރަކު އައްޔަންކުރެވޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ