ރެއާލް އާއި ޑޯޓްމަންޑުން ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލުން ރެއާލް މެޑްރިޑާއި ބޮރޫޝިއާ ޑޯޓްމަންޑް އިން ޖާގަ ހޯދައިފިއެވެ. މި މުބާރާތުގެ ކްއާޓާ ފައިނަލުން ރެއާލް ޖާގަހޯދީ ފަހު 16 ޓީމުގެ ބުރުގައި ޔުވެންޓަސް އާއި ބައްދަލުކުރި މެޗު އެއް ލަނޑު ސުން ލަނޑުން ކާމިޔާބު ކޮށްގެންނެވެ. މައޭމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލް އިންނެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް މިހާފުގައި ޔުވެންޓަސްއަށް ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. މި މެޗުގައި ރެއާލް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނެޓްގައި ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެެއްގައި ޖަހައިދީފައިވަނީ ގޮންޒާލޯ ގާސިއާއެވެ. މި މެޗުގެ ދެވަނަ ހާފުގައި ރެއާލްއިން ވަނީ އެ ޓީމުގެ އިތުބާރު ފޯވާޑް ކިލިއަން އެމްބާޕޭ ކުޅެން އަރުވާފައެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެމްބާޕޭ ކުޅުނު ފުރަތަމަ މެޗެވެ. މި ކާމިޔާބީ އާއެކު ރެއާލް ކްއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ކްއާޓާ ފައިނަލްގައި ބައްދަލުކުރާނީ ބޮރޫޝިއާ ޑޯޓްމަންޑް އާއެވެ. މި މުބާރާތުގެ ކްއާޓާ ފައިނަލްއިން ޑޯޓްމަންޑް ޖާގަހޯދީ މޮންޓެރޭ އާއި ބައްދަލުކުރި މެޗު ދެ ލަނޑު އެއް ލަނޑުން ކާމިޔާބު ކޮށްގެންނެވެ. އެޓަލާންޓާގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޑޯޓްމަންޑްއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އަދި މި މެޗުގެ ފެށުންދިޔައީ ޑޯޓްމަންޑްއިން އެންމެ ބޭނުންވި ގޮތަށެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ޑޯޓްމުންޑް އިން ލީޑު ނަގާފައިވަނީ މެޗުގެ 14 ވަނަ މިނެޓުގައި ކަރިމް އަޑެޔޭމީ ތަނަވަސްޗކޮށްދިން ފުރުސަތެއްގައި ސާހޫ ގުރާސީއެވެ. މިޗލަނޑު ޖެހިތާ 10 މިނެޓް ފަހުން ޑޯޓްމުންޑްގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދިނީ ވެސް ގުރާސީއެވެ. މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން ވަނަ މިނެޓުގައި މޮންޓެރޭއިން ލަނޑެއް ޖެހުމާއެކު ދެވަނަ ހާފުގެ ފޯރި އިތުރު ވެގެންދިޔައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގާމަން ބާޓެރާމޭއެވެ. ނަމަވެސް މި މެޗުގައި މޮންޓެރޭއަށް އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މި ކާމިޔާބީ އާއެކު މި އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗުގައި ޑޯޓްމުންޑް ބައްދަލުކުރާނީ ރެއާލް މެޑްރިޑާއެވެ. މި މެޗާއެކު މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް މިވަނީ އަށް ޓީމު ހޮވިގެން ގޮސްފައެވެ. މީގެ ތެރޭގައި ހިމެނެނީ ޔޫރަޕްގެ ފަސް ޓީމާއި ދެކުނު އެމެރިކާގެ ދެ ޓީމުގެ އިތުރުން އޭޝިއާގެ އެއް ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ