ސީޒަންގެ ފުރަތަމަ މޮޅާއެކު ޔުނައިޓެޑަށް ހަމަޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއިން ބާންލީ ބަލިކޮށް، ޔުނައިޓެޑުން ފުރަތަމަ މޮޅު ހޯދައިފިއެވެ.
އައު ސީޒަންގައި ޔުނައިޓެޑުން މިހާތަނަށް ވަނީ ހަތަރު މެޗު ކުޅެފައެވެ. އެއީ ލީގުގައި ކުޅުނު ތިން މެޗާއި ކަރަބޯ ކަޕްގައި ކުޅުނު އެއް މެޗެވެ. ލީގުގައި ފުރަތަމަ މެޗުގައި އާސެނަލް އަތުން ޔުނައިޓެޑް ބަލިވީ 1-0 ގެ ނަތީޖާއިންނެވެ. އެއަށްފަހު ފުލަމްއާއި 1-1 ގެ ނަތީޖާއިން އެއްވަރުވީއިރު، ކަރަބޯ ކަޕުން ކެޓީ ހަތަރުވަނަ ޑިވިޝަންގެ ޓީމެއްކަމަށްވާ ގްރީމްސްބީ އަތުން ޕެނަލްޓީގައި ބަލިވެގެންނެވެ. މި މެޗުތަކުން ޔުނައިޓެޑަށް މޮޅެއް ނުހޯދި އޮތުމުން އެ ޓީމަށް އޮތީ ޕްރެޝާ ބޮޑުވެފައެވެ. ނަމަވެސް ރޭ ބާންލީ އަތުން ލިބުނު މޮޅާއިއެކު އެ ޓީމަށް މިވަނީ ހަމަޖެހުމެއް ލިބިފައެވެ.
ރޭ މެޗުގައި ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެއެވެ. މި ލަނޑަކީ މެޗުގެ 27 ވަނަ މިނިޓްގައި ބާންލީގެ ޖޯޝް ކުލެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ރަނގަޅަށް ކުޅެ، ބާންލީން ވަނީ 55 ވަނަ މިނިޓްގައި އޭރިއާތެރެއިން ލައިލް ފޮސްޓާ ޖެހި ގޯލުން އެއްވަރުކޮށްފައެވެ. އެކަމަކު، އޭގެ މިނިޓެއް ފަހުން، ޑިއޯގޯ ޑަލޯ ދިން ބޯޅައަކުން ބްރަޔާން އެމްބުއޭމޯ ވަނީ ގޯލު ޖަހައި ޔުނައިޓެޑަށް އަލުން ލީޑުނަގައިދީފައެވެ.
ބާންލީން ހިތްވަރު އެލުވައިނުލައި ކުޅެ، މެޗުގެ 68 ވަނަ މިނިޓްގައި ގޯލެއް ޖަހައި، އެއްވަރުކުރިއެވެ. ދިގު އެއްލުމަކުން ކުރި އެޓޭކެއްގައި ރީބައުންސަކުން ލިބުނު ފުރުސަތަކުން ބާންލީގެ މި ގޯލު ޖެހީ ޖޭޑަން އެންތަނީއެވެ.
ބަދަލަކަށް ކުޅެން އަރައި، ޔުނައިޓެޑުން އަގުބޮޑުކޮށް ގަތް ފޯވާޑް، ބެންޖަމިން ސެސްކޯ ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް ގޯލާ އަމާޒުވާގޮތެއްނުވިއެވެ. ޔުނައިޓެޑް މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީންނެވެ. މި ޕެނަލްޓީ ދިނީ، ޔުނައިޓެޑްގެ ޑިއާލޯ ޖޯޒީގައި ޖޭޑަން އެންތަނީ ހިފެހެއްޓުމުން ވީއޭއާރް އިން ބެލުމަށް ފަހުއެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗުތަކުގެ ނަތީޖާ
ޗެލްސީ 2 – 0 ފުލަމް
ވުލްވްސް 2 – 3 އެވަޓަން
ސަންޑަލެންޑް 2 – 1 ބްރެންޓްފޯޑް
ޓޮޓެންހަމް 0 – 1 ބޯންމައުތު
ލީޑްސް ޔުނައިޓެޑް 0 – 0 ނިއުކާސަލް
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ