އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށް އަންހެން ފުޓުބޯޅަ ޓީމު ވިއެޓްނާމަށް

ވިމެންސް އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމު ރޭ ވިއެޓްނާމަށް ފުރައިފިއެވެ. ޓީމު ވިއެޓުނާމަށް ފުރުމުގެ ކުރިން މާފަންނު ބަސް ޓާމިނަލުގައި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ އިސް މެންބަރުންނާއި ގައުމީ ފުޓުބޯޅަ ޓީމުގެ އިސްވެރިން ވަނީ ޓީމަށް ހިތްވަރުދީފައެވެ. ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު އާތިފް (އާތީ) އެވެ. ޓީމު ވިއެޓްނާމަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ: ސަން އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކުޅެން ޖެހޭ ފުރަތަމަ މެޗު އޮންނާނީ މުބާރާތް ބާއްވާ ވިއެޓްނާމާ ދެކޮޅަށެވެ. ރާއްޖެ ލައްވާލީ ގްރޫޕް އީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ވިއެޓްނާމް އާއި، ގުއާމް އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އެވެ. ރާއްޖޭގެ ފުރަތަމަ މެޗު ވިއެޓްނާމާ ދެކޮޅަށް ކުޅޭނީ އަންނަ ޖޫން މަހުގެ 29 ވަނަ ދުވަހު އެވެ. އެއަށް ފަހު ދެވަނަ މެޗުގައި ޖުލައި މަހުގެ ދެވަނަ ދުވަހު ބައްދަލުކުރާނީ ގުއާމް އާއެވެ. އަދި، ތިންވަނަ މެޗުގައި ޖުލައި މަހުގެ ފަސްވަނަ ދުވަހު ބައްދަލުކުރާނީ ޔޫއޭއީއާއެވެ. އޮސްޓްރޭލިއާގައި އަންނަ އަހަރު ބާއްވާ އަންހެނުންގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅޭނީ އަންނަ އަހަރުގެ މާރިޗު 1-21 ގެ ނިޔަލަށެވެ. މި މުބާރާތުގެ މެޗުތައް އޮސްޓްރޭލިޔާގެ ތިން ސިޓީއެއްގައި ކުޅޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ