އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރައްވައިފި

އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރު ކަމުން މިއަދު ރިޓަޔާކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުންނާއި ފަނޑިޔާރެއްގެ ހައިސިއްޔަތުން އަހުމަދު މުއުތަސިމް އަދުނާން ކުރެއްވި ހިދުމަތްތަކަށް ސުޕްރީމް ކޯޓުން ވަނީ ޝުކުރުއަދާކޮށް ޕޯސްޓެއްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މި ޕޯސްޓްކުރަނީ ފަނޑިޔާރުކަމުން މުއުތަސިމް ވަކިވެވަޑައިގަތުމަށް ފަހު އެވެ.
އެ މަނިކުފާނުގެ ރިޓަޔަމަންޓްގެ ސަބްމިޝަން ހުށަހެޅުއްވީ މިދިޔަ 8 މެއިގަ އެވެ. އެ މަނިކުފާނު މިއަދުން ފެށިގެން ރިޓަޔާކުރެއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދުއަށް ހަވާލުކުރުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ.
އެނގުން މުހިންމު - މުއުތަސިމް ރިޓަޔާކުރެއްވުމުގެ ކުރިން އެ މަނިކުފާނަށް ބޮޑު އެލަވަންސް ޕެކޭޖެއް ލިބޭ ގޮތަށް ޖޭއެސްސީން މަޖިލީހަށް ފޮނުވި ނަމަވެސް މިހާރު ވެސް އޮތް ގޮތަށް އެލަވަންސް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދުގައި އުއްތަމަ ފަނޑިޔާރެއް ރިޓަޔާ ކުރެއްވުމުން ހާއްސަ އެލަންވަންސްތަކެއް ދިނުމަށް މިހާރަކު ނޯވެ އެވެ. އެ ގަވައިދުގައި މިހާރު އޮންނަނީ:
ގަނޑުކޮށް އެއްފަހަރާ ލިބޭނީ، އަސާސީ މުސާރައިގެ 1/3 އާއި އެ މީހަކު ފަނޑިޔާރުކަމުގައި ހޭދަ ކުރި މުއްދަތާ ގުނަކުރުމުން އެ ޖެހޭ އަދަދެއްގެ ފައިސާ
އެ މީހަކު މަރުވަންދެން މަހުން މަހަށް ލިބޭނީ އަސާސީ މުސާރަައިގެ 1/40 އާއި ފަނޑިޔާރުކަން ކުރި މުއްދަތާ ގުނަކުރުމުން އެ ޖެހޭ އަދަދެއްގެ ފައިސާ
މެޑިކަލް އިންޝުއަރެންސް؛ އެއީ އެ މީހަކު ވަކިވިިއިރު ހުރި ކޯޓެއްގެ ފަނޑިޔާރަކަށް ލިބޭ މެޑިކަލް އިންޝުއަރެސް ޕެކޭޖާ އެއްވަރުގެ ޕެކޭޖަކަށް ވާން ޖެހޭ އަދި އަނބިމީހާ ނުވަތަ ފިރިމީހާ އާއި 18 އަހަރު ނުފުރޭ ދަރިންނަށް ވެސް އޭގެ ދަށުން ސިއްހީ ފަރުވާ ލިބޭނެ
މަޖިލީހަށް ޖޭއެސްސީން ފޮނުވި ލިޔުމުގައިވާ ގޮތުން، މިހާރު އޮތް ގަވައިދުގެ ދަށުން މުއުތަސިމްއަށް ގަނޑުކޮށް ލިބިވަޑައިގަންނަވަނީ 185،100ރ. އެވެ. މަހުން މަހުން ލިބޭނެ އަދަދު އަދި ސާފެއް ނޫނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން މުއުތަސިމް އަދާކުރައްވާ މިއީ ދެވަނަ ފަހަރެވެ. އެގޮތުން:
ފެހި ގާނޫނުއަސާސީއާ އެކު، އެންމެ ފުރަތަމަ އެކުލަވާލި 'ދާއިމ'ީ ސުޕްރީމް ކޯޓުގެ ބެންޗުގައި މުއުތަސިމް ހިމެނިވަޑައިގަންނަވާ
މުއުތަސިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހިދުމަތް އޭރު ކުރެއްވީ، 10 އޮގަސްޓު 2010 އިން 2014ގެ ނިޔަލަށް
މުއުތަސިމަށް ފަނޑިޔާރުކަމުގެ މަގާމު އޭރު ގެއްލުނީ ބެންޗުން ދެ ފަނޑިޔާރަކު މަދުކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހަކުން
އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ދެވަނަ ފަހަރަށް މުއުތަސިމް ސުޕްރީމް ކޯޓަށް އައްޔަންކުރީ 8 ޑިސެމްބަރު 2019ގައި
މުއުތަސިމް އަދާކުރެއްވި އިތުރު މަގާމުތަކަކީ:
1994 އިން 2001ގެ ނިޔަލަށް ފޮރިން މިނިސްޓްރީގެ ލީގަލް ސެކްޝަންގެ ޑިރެކްޓަރެއްގެ މަގާމު
 2001 އިން 2005ގެ ނިޔަލަށް މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީންގެ މަގާމު
2005 އިން 2010ގެ ނިޔަލަށް ކްލިޕާ އެންޑް ގެލިއޮން ލޯ އެސޯސިއޭޓްސްގެ ޕާޓްނާއެއްގެ ގޮތުގައި
މުއުތަސިމް ހާސިލްކުރެއްވި ތައުލީމު:
ބަޗެލާ އޮފް ލޯ ހާސިލްކުރެއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބަކިންހަމްއިން 1992ގައި
މާސްޓާސް ހާސިލްކުރެއްވީ ފިލޮސޮފީގެ ދާއިރާއިން؛ ސްކޮޓްލޭންޑްގެ ޔުނާވިސިޓީ އޮފް ގްލެސްގޯއިން 1994ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ