ޕޯސްޓްމޯޓަމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވައިފި
އއ. މާޅޮހުގައި ބަޔަކު އަނިޔާކުރުމާ ގުޅިގެން މަރުވި އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވާ ފެނުނީ މާޅޮހުގައި އޭނާ ދިރިއުޅެމުންދިޔަ މާހިޔާ ގޭގައި އެ ރޭ މެންދަމު އެވެ. އުމުރުން 65 އަހަރުގެ އަބްދުއްރަހުމާނަށް ބޮޑެތި އަނިޔާތަކެއް ލިބި، "މަރަށް ތެޅެނިކޮށް" ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އަދި އެރަށު ސިއްހީ މަރުކަޒަށް އޭނާ ގެންގޮސް ފަރުވާ ދެނިކޮށް އެ ރޭ ފަތިހު ވަނީ މަރުވެފަ އެވެ.ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އަބްދުއްރަހްމާންގެ ހަށިގަނޑު މިއަދު އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވާލާފައިވާ ކަމަށެވެ.މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެވެ. އަދި އެ ދުވަހު ހެނދުނު ފުލުހުންގެ ޓީމެއް މާޅޮހަށް ގޮސް، އެ ރަށުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ރަށަށް އަރައި ފައިބާ މީހުން އަންނަނީ މޮނިޓަކުރަމުންނެވެ.ނަމަވެސް އަބްދުއްރަހުމާންގެ މަރާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ