ގާޒާގައި އިޒްރޭލު ސިފައިން އާންމުންނަށްދޭ ހަމަލާތައް ކުށްވެރިކޮށް އިޒްރޭލްގެ އެހީ ފޯރުކޮށްދިނުމުގެ ނިޒާމު ބަދަލުކުރުމަށް 28 ގައުމަކުން ގޮވާލައިފި

ގާޒާގައި ހިނގަމުންދާ ހަނގުރާމަ ވަގުތުން ނިންމުމަށް އިނގިރޭސިވިލާތާއި އިތުރު 27 ގައުމަކުން ގޮވާލައިފި އެވެ. އާންމުންނަށް ކުރިމަތިވަމުންދާ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް މި ގައުމުތަކުން ބުނެފައިވެ އެވެ.
މި ގައުމުތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިޒްރޭލްގެ އެހީ ފޯރުކޮށްދިނުމުގެ ނިޒާމަކީ ނުރައްކާތެރި ނިޒާމެއްކަމަށާއި، "ކުޑަކޮށް އެހީ ފޯރުކޮށްދިނުމާއި ކާނާއާއި ފެން ހޯދަން އުޅޭ ސިވިލިއަނުން ރަހުމުކުޑަކޮށް މެރުން" ކުށްވެރިކުރާކަމަށެވެ.
ގާޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ ވޭތުވެދިޔަ ހަފްތާ ބަންދުގައި ކާނާ ހޯދަން އުޅެނިކޮށް އިޒްރޭލްގެ ހަމަލާގައި 100 އަށް ވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާކަމަށާއި، އިތުރު 19 މީހުން ކާނާ ވިހަވުމުގެ ސަބަބުން މަރުވެފައިވާކަމަށެވެ.
އިޒްރޭލްގެ ފޮރިން މިނިސްޓްރީން މި ގައުމުތަކުގެ ބަޔާން ބަލައިނުގަނެ، މިއީ "ހަގީގަތާ ގުޅުމެއް ނެތް އަދި ހަމާސްއަށް ނުބައި މެސެޖެއް ފޮނުވާ" ބަޔާނެއްކަމަށް ބުނެފައިވެ އެވެ.
ބައިނަލްއަގްވާމީ ކަންބޮޑުވުން
ވޭތުވެދިޔަ 21 މަސްދުވަހު ހަމާސްއާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމާގައި އިޒްރޭލްގެ ހަރަކާތްތައް ކުށްވެރިކުރާ ގިނަ ބައިނަލްއަގަވާމީ ބަޔާންތައް ނެރެފައިވެއެވެ. ނަމަވެސް މި ފަހުގެ ބަޔާނަކީ އޭގެ ސީދާކަން ފާހަގަކުރެވޭ ބަޔާނެކެވެ.
މި ބަޔާނުގައި ސޮއިކޮށްފައިވަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ، ކެނެޑާ، ފްރާންސް، އިޓަލީ، ޖަޕާން، ނިއުޒީލެންޑް އަދި ސުވިޒަލޭންޑް ހިމެނޭ 28 ގައުމުގެ ފޮރިން މިނިސްޓަރުންނެވެ.
މި ބަޔާން ފަށާފައިވަނީ "ގާޒާގެ ހަނގުރާމަ މިހާރު ނިންމަންޖެހޭ" ކަމަށް ބުނެފައެވެ.
އަދި ބަޔާނުގައި އިންޒާރުދީފައިވަނީ: "ގާޒާގެ ސިވިލިއަނުންގެ ތަކުލީފު ކުރިއަށްވުރެ ބޮޑަށް ދަށަކަށް ގޮސްފައިވޭ. އިޒްރޭލް ސަރުކާރުގެ އެހީ ފޯރުކޮށްދިނުމުގެ ނިޒާމަކީ ނުރައްކާތެރި، ހަމަނުޖެހުން އިތުރުކުރުވާ އަދި ގާޒާގެ މީހުންގެ އިންސާނީ ކަރާމާތް ނިގުޅައިގަންނަ ނިޒާމެއް."
"އަޅުގަނޑުމެން ކުށްވެރިކުރަނީ މަދުން އެހީ ފޯރުކޮށްދިނުމާއި ފެނާއި ކާނާފަދަ އެންމެ އަސާސީ ބޭނުންތައް ފުއްދަން މަސައްކަތްކުރާ ސިވިލިއަނުން، ކުޑަކުދިން ހިމެނޭގޮތަށް ރަހުމުކުޑަކޮށް މެރުމެވެ. އެހީ ހޯދަން މަސައްކަތްކުރަނިކޮށް 800 އަށްވުރެ ގިނަ ފަލަސްތީނުން މަރުވެފައިވާކަމީ ބިރުވެރިކަމެކެވެ."
އިނގިރޭސިވިލާތުގެ ފިޔަވަޅު
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ފަހުން ހައުސް އޮފް ކޮމަންސްގައި ވިދާލުވެފައިވަނީ ގާޒާގައި "ބިރުވެރި ކަންތައްތަކެއް" ހިނގަމުންދާކަމަށެވެ. މީގެތެރޭގައި "ކާންބޭނުންވެފައި ތިބި ކުޑަކުދިން" މަރުވާގޮތަށް ހަމަލާދިނުން ހިމެނެއެވެ.
މި އަހަރު ގާޒާއަށް އިތުރު 40 މިލިއަން ޕައުންޑް (ގާތްކޮށް 50 މިލިއަން ޑޮލަރު) ގެ އިންސާނީ އެހީ ދިނުމަށް އިއުލާންކުރަމުން، ލެމީ ވިދާޅުވެފައި ވަނީ އޭނާއަކީ "އިޒްރޭލްގެ ސަލާމަތާއި ދެމިއޮތުމަށް ވަރުގަދަ ތާއީދުކުރާ މީހެއް" ނަމަވެސް، އިޒްރޭލު ސަރުކާރުގެ ހަރަކާތްތަކުން "އިޒްރޭލްގެ ދުނިޔޭގެ ހައިސިއްޔަތަށް ގެއްލުންވަމުންދާކަމަށާއި އިޒްރޭލްގެ ދުރު ރާސްތާގެ ސަލާމަތަށް ހުރަސްއެޅެމުންދާކަމަށެވެ."
އދ.ގެ ކަންބޮޑުވުން
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްގެ ވިދާޅުވެފައިވަނީ ގާޒާގެ ދުވަހެއްދުވަހަކަށް ނުރައްކާވަމުންދާ އިންސާނީ ހާލަތާމެދު "ހައިރާންވެފައިވާ" ކަމަށާއި، "މީހުން ދިރި ތިބުމަށް އެންމެ ފަހު ފުރުސަތުތައް ވެސް ނެތިގެންދަނީ" ކަމަށެވެ.
 އިތުރަށް ވިދާޅުވެފައިވަނީ، "އިޒްރޭލުން އދ. އިން ފޯރުކޮށްދޭ އިންސާނީ އެހީ އެމީހުންގެ އަތުގައިވާ ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ހުއްދަދީ ފަސޭހަކޮށްދިނުމުގެ ޒިންމާއެއް އޮވެއެވެ."
އެހީ ފޯރުކޮށްދިނުމުގެ މައްސަލަތައް
މެއި މަހުން ފެށިގެން، އިޒްރޭލުން 11 ހަފްތާގެ ފުރިހަމަ ބްލޮކޭޑަކަށްފަހު ގާޒާއަށް އެހީ ފޯރުކޮށްދިނުން ކޮންމެވެސްވަރަކަށް ލުއިކޮށްދިން ފަހުން، ކާނާ ހޯދަން އުޅެނިކޮށް ފަލަސްތީނު މީހުން މަރުވާކަމުގެ ރިޕޯޓުތައް ކޮންމެ ދުވަހަކު ވެސް އިވެމުންދެ އެވެ. އެމެރިކާގެ އެހީއާއެކު، އދ.ގެ ބެލުމުގެ ދަށުން ހިންގާ ނިޒާމު އެކަހެރިކޮށް ގާޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ ނަމުގައި އާ އެހީގެ ނިޒާމެއް އިޒްރޭލާ އެމެރިކާއިން ވަނީ ގާއިމުކޮށްފަ އެވެ.
އިޒްރޭލުން ބުނެފައިވަނީ ޖީއެޗްއެފްގެ ނިޒާމުން އިޒްރޭލްގެ ސިފައިންގެ ސަރަހައްދުތަކުގައި ހުންނަ ތަންތަނުން އެމެރިކާގެ އަމިއްލަ ސެކިއުރިޓީ ކޮންޓްރެކްޓަރުން މެދުވެރިކޮށް ކާނާގެ ޕާސަލްތައް ބެހުމުން ހަމާސްއިން ކާނާ ވަގަށް ނެގުން ހުއްޓުވޭކަމަށެވެ.
ނަމަވެސް އދ. އާއި އެ ޖަމްއިއްޔާގެ ބައިވެރިން މި ނިޒާމަށް އެއްބާރުލުން ދިނުމަށް އިންކާރުކޮށްފައިވަނީ މި ނިޒާމަކީ ރައްކާތެރިނޫން އަދި ތަފާތުކުރުމެއްނެތުން، ވަކިފަރާތަކަށްނުޖެހުން، އަދި މިނިވަންކަމުގެ އިންސާނީ އުސޫލުތަކާ ޚިލާފު ނިޒާމެއްކަމަށް ބުނެ އެވެ.
މިދިޔަ އަންގާރަ ދުވަހު، އދ.ގެ އިންސާނީ ހައްގުތަކާބެހޭ އޮފީހުން ބުނެފައިވަނީ އަށް ހަފްތާގެ ތެރޭގައި ޖީއެޗްއެފްގެ އެހީ ފޯރުކޮށްދޭ ތަންތަނުގައި 674 މަރުގެ ހާދިސާ ރިކޯޑުކޮށްފައިވާކަމަށެވެ. އދ. އާއި އެހެނިހެން އެހީގެ  ކޮންވޯއ ދަތުރުކުރާ މަގުތަކުގައި އިތުރު 201 މަރުގެ ހާދިސާ ރިކޯޑުކުރެވިފައިވާކަމަށްވެސް އެ އޮފީހުން ބުނެފައިވެ އެވެ.
ހޮނިހިރު ދުވަހު ޚާން ޔޫނިސްއާއިކައިރި ރަފާހުގައި ހުރި ޖީއެޗްއެފްގެ ދެ ތަނެއްގެ ކައިރީގައި އިތުރު 39 މީހުން މަރުވެފައިވާކަމަށް ގާޒާގެ ސިއްހީ ވުޒާރާއިން ބުނެފައިވެ އެވެ. އިޒްރޭލްގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ތަންތަން ހުޅުވުމުގެ ކުރިން އެމީހުންނާ ކައިރިވި "ޝައްކުކުރެވޭ ބަޔަކު" ދުރުކުރުމަށް އިންޒާރުގެ ވަޒަން ޖަހާފައިވާކަމަށެވެ.
އަދި އާދީއްތަ ދުވަހު، އެ ވުޒާރާއިން ބުނެފައިވަނީ އުތުރު ގާޒާގައި ހުންނަ ކްރޮސިންގްއެއް ކައިރީގައި އދ.ގެ އެހީގެ ލޮރީތަކެއްގެ ގާފިލާއަކާ ދިމާއަށް މީހުން އެއްވެގެން ދިޔަތަނުން 67 މީހުން މަރުވެފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ