މެޓާއިން ގޫގުލްއާއެކު 10 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
މެޓާ ޕްލެޓްފޯމްސް އާއި ގޫގުލްއާ ދެމެދު 10 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުހުރި، ހަ އަހަރު ދުވަހުގެ ކްލައުޑް ކޮމްޕިއުޓިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ އޯޕަންއޭއައި އާއެކު ހެދި ބޮޑު އެއްބަސްވުމަށްފަހު، ގޫގުލްއިން ފަހަކަށް އައިސް ހޯދި މިފަދަ ދެވަނަ ބޮޑު ކާމިޔާބީއެވެ. މި އެއްބަސްވުމުގެ ދަށުން މެޓާއިން ގޫގުލް ކްލައުޑްގެ ސާވަރުތަކާއި، ސްޓޯރޭޖް، ނެޓްވޯކިން އަދި އެހެނިހެން ޚިދުމަތްތައް ބޭނުންކުރާނެ ކަމަށް މެޓާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓްކޮށްފައިވެއެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓްކުރީ 'ދަ އިންފޮމޭޝަން' ނޫހުންނެވެ. މެޓާއިން ގޫގުލްއާއެކު މިއެއްބަސްވުން ހަދާފައި މިވަނީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ޚާއްސަ ބޮޑު ޑޭޓާ ސެންޓަރުތަކެއް ބިނާކުރުމަށް އެތައް ސަތޭކަ ބިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް މެޓާގެ ސީއީއޯ މާކް ޒަކަބާގް ޖުލައި މަހު ވިދާޅުވެފައި ވަނިކޮށެވެ. މީގެ އިތުރުން، މިދިޔަ މަހު އެ ކުންފުނިން ވަނީ އަހަރީ ކެޕިޓަލް ޚަރަދުގެ ލަފާކުރުން 66 ބިލިއަން ޑޮލަރާއި 72 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައެވެ. އޭއައިއަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މެޓާއިން ދަނީ ބޭރުގެ ޕާޓްނަރުން ހޯދަމުންނެވެ. މިކަމަށްޓަކައި، ދެ ބިލިއަން ޑޮލަރުގެ ޑޭޓާ ސެންޓަރުގެ އެސެޓްތައް ވިއްކާލަން ނިންމާފައިވާކަން ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. މިފަދަ ބޮޑެތި އެއްބަސްވުންތަކާއެކު، ގޫގުލްގެ މައި ކުންފުނި އެލްފަބެޓްގެ ކްލައުޑް ޑިވިޝަންގެ އާމްދަނީ ވަނީ ދެވަނަ ކުއާޓަރުގައި 32 ޕަސެންޓް އިތުރުވެ، އަންދާޒާތަކަށްވުރެ މައްޗަށް ގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ