ވާނުވާގައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދޭނަން: ގާސިމް

ޝަރީއަތް ނިމެންދެން "ވާނުވާ" ޖަހައި ޖަލުތަކުގައި ތިބޭ ރައްޔިތުންނަށް ހައްލު ހޯދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ކުޑަފަރީގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ އަދުލު އިންސާފު ލަސްވުމާއި ވާނުވާ އެއް ނޭނގި ޝަރީއަތް ދިގުލައިގެން ގޮސް ޖަލުތަކުގައި ތިބި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ އަދުލު އިންސާފުގެ މަރުހަލާ އަވަސްކޮށް ދެއްވުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ މިކަމުގައި ގާނޫނާއި ގަވާއިދުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އުސޫލުތައް ގާއިމްކޮށް ޝަރީއަތްތައް އަވަސްކޮށް ދެއްވުމަށާއި ޖުޑިޝަރީގެ މިނިވަންކަމާއި ތަރައްގީއަށް އިސްކަންދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް މި މޭރުމުން ވާހަކަ ދެއްކެވީ ކުޑަފަރީ އަށް ވަޑައިގަތުމުން ކުޑަފަރީގެ ބަޔަކު އޭނާގެ ދަރިފުޅަށް ކުރިމަތިވެފައިވާ ހާލަތު ކިޔައި ދެއްވާ އެ މައިމީހާ އުފުލަމުންދާ ތަކުލީފާއި ކަންބޮޑުވުން ކިޔައި ދެއްވަމުންނެވެ.
ގާސިމް ވިދާޅުވީ އިންސާފު ނުލިބުމާއި ނާއިންސާފުގެ ސަބަބުން ކުރިމަތިވާ ނިކަމެތި ހާލަތު އޭނާ އަށް ވެސް ތަޖުރިބާ ކުރެވިފައިވާ އެކަމުގެ ސަބަބުން އާއިލާތަކަށް ނިކަމެތިކަން އިހުސާސް ކުރެވޭ ކަމަށެވެ.
ގާސިމް ވިދާއަޅުވީ ވެރިކަމަށް އައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް އަދުލުއިންސާފުގެ މަރުހަލާ އަވަސްކޮށްދެއްވާނެ ކަމަށް ވައުދުވިކަމަށާއި މީހަކުގެ ސިޔާސީ ފިކުރަކުން އެމީހަކަށް ލިބެންޖެހޭ ހައްޤުތަކުން ނިގުޅާނުގަންނާނެ ކަމަށް ވައުދުވި ކަމަށެވެ. އެހެންނަމަވެސް މިއިން ވައުދެއް ފުއްދިފާ ނުވާކަމަށާއި ކަންކަން ކުރައްވާފައިވަނީ އޭގެ އިދިކޮޅަށެވެ.
ގާސިމް ވިދާޅުވީ 9 ސެޕްޓެމްބަރުގެ ވޯޓަކީ ދީނާއި ގައުމިއްޔަތާއި އަމްނުއަމާންކަމާއި އިގްތިސާދީ ތަރައްގީ ދަމަހައްޓާނެ ވޯޓަކަށް ވާންޖެހޭ ކަމަށެވެ. ގާސިމް ވިދާޅުވީ ގިނަ ފިކުރުތަކުން ވެރިކަންކޮށް ފެއިލް ވެފާވާއިރު އަޖުމަ ބަލާނުލެވި އޮތީ އެމަނިކުފާނުގެ ފިކުރު އެކަނި ކަމަށެވެ. ގާސިމް ވިދާއަޅުވީ ރައްޔިތުން ފުރުސަތު ދެއްވައިފި ނަމަ ހުރިހާ ދާއިރާއަކުން ތަފާތު ބޮޑު ރަގަޅު ބަދަލުތަކެއް ގެންނާނެކަމަށާއި ގިނަ ކުރިއެރުންތަކެއް ރައްޔިތުންނަށް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
މާމުއި އަޅާއިގެން ވާ ފޮނި ވައުދުތައް ނުފުއްދޭއިރު ރައްޔިތުންނަށް އޮޅުވާލައި އިތުރަށް ނުތެޅުވުމަށް ގާސިމް ގޮވާލެއްވިއެވެ. ގައުމާއި ރައްޔިތުންނަށް އޮޅުވާލައްވާ މިސަރުކާރުން ދީނާއި ގައުމުގެ މަސްލަހަތުތައް ނަގާލާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގާސިމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ