ކޮންމެ ގޮތަކުން ވެސް ރައީސް ސޯލިހްގެ ވެރިކަން ދަމަހައްޓަން އިންޑިއާ ބޭނުންވޭ: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގައި ބަހައްޓަން ކޮންމެ އެއްޗެއް ހަދައިގެން ވެސް އިންޑިއާ އިން ބޭނުންވާ ކަމަށާއި އެމަނިކުފާނު ވެސް ހުންނެވީ އެ ގޮތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.
އދ. ހަންޏާމީދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ގާސިމް އެގޮތަށް ވިދާޅުވި އިރު، ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނ. މިލަދޫން ނިންމަވާލައްވަމުން ގާސިމް ވަނީ ރައީސް ސޯލިހަކީ އިންޑިއާގެ ޕަޕެޓެއް ކަމަށް ވިދާޅުވެފައެވެ.
ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ތާއީދުކޮށް ގެނައި ވެރިކަންތަކާ ދެކޮޅަށް އަޑުއުފުލާ ތެދުވަންޖުހުނީ ގައުމަށާއި ރައްޔިތުންނަށް ފާޅުގައި ޚިޔާނާތްތެރިވުމުންކަމަށާއި ރައީސް ސޯލިހްގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ކަންކަންކޮށްފައިވަނީ މިގޮތަށް ކަމަށެވެ.
މިސަރުކާރަށް ރައްޔިތުން މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތްއިރު ރާވައިގެން މަޖިލިސް މަރު ތަޅު އަޅުވައިގެން ތިބި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައިވެސް ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވީ ގައުމު ވެއްޓެމުންދާ ފުންވަޅުގަނޑުން ސަލާމަތްކޮށްދިނުމަށާއި ޚިޔާނާތްތެރި ވެރިންގެ އަތްދަށުން ރައްޔިތުން ސަލާމަތްކޮށްދިނުމަށް ކަމަށެވެ.
އޮމަދޫގެ ރައްޔިތުންނާ މުހާތަބްކޮށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވާހަކަ ދައްކަވަމުން ވިދާޅުވީ ގާސިމް އިބްރާހިމްއަކީ ރައްޔިތުން ހެޔޮ އިޚުލާސްތެރި ބޭފުޅެއްކަމަށާއި ވެރިއެއްގެ ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ އެއީ ކަމަށެވެ. ރައީސަކަށް ނުވިއަސް ގާސިމްގެ އަމިއްލަ ޖީބުން ރައްޔިތުންނަށް ކޮށްދީފައިވާ ހިދްމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުންވެސް ފެންނަން އެބަހުރި ކަމަށާއި ގާސިމަކީ އަމާނާތްތެރި ވެރިއަކަށްވާނޭ ބޭފުޅެއް ކަމަށެވެ. ސަރުކާރާއި ސަރުކާރުގެ ކުންފުނިތައް ބަގުރޫޓްވެފައިވާ ކަމަށާއި ރައްޔިތުންނަށް ލިބެންޖެހޭ އާމްދަނީ އިތުރުކުރަންޖެހޭ ކަމަށާއި މިކަންކަން ފުރިހަމަ ކޮށްދެވޭނެ ގާބިލް ލީޑަރީ ގާސިމް އިބްރާހިމް ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ