ގައުމީ ކެންޑިޑޭޓު އޮނަރަބަލް ގާސިމް އިބްރާހީމަކީ ބްރޭންޑެއް ކަމަށް އެމަނިކުފާނުގެ އިންތިހާބީ އެޖެންޓް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެެވެ.
އަލީ މިފަދައިން ވިދާޅުވީ ނ. ހެނބަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވަނީ ދުނިޔެ ބަދަލުވަމުން އަންނަ މިންވަރުގެ ކަންބޮޑުވުން ފާޅުކުރައްވައި ތަރުބިއްޔަތު ހަރުދަނާކުރުމަށް ބެލެނިވެރިންނަށް ގޮވާލައްވާފައެވެ. އަދި ސުކޫލު ތަރުބިއްޔަތުގެ ނިޒާމުގެ ތެރެއަށް އިސްލާމީ ރިސާލަތު، އިސްލާމީ ތާރީޙް އަދި ދިވެހި ގައުމިއްޔަތު ހިމަނައިގެން ދަރިން ތަރުބިއްޔަތު ކުރުމަށް އިސްކަންދޭންޖެހޭ ކަމަށް އަލީ ވަނީ ވިދާޅުވެފައެވެ. އަލީގެ ވާހަކައިގައި ވަނީ އިސްލާމްދީނާއި ދިވެހި ގައުމު އިސްކުރާނެ ދަރިންތަކަކަށް މިއަދު ދިވެހި ގައުމު ބޭނުންޖެހިފައިވާ މިންވަރު ހާމަކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް ނުހިނގާނެ ކަމަށް ބަޔަކު ބުނަމުންއައި ދުވަސްވަރެއްގައި ގާސިމް އިބްރާހީމް ހިއްސާވެވަޑައިގެން މުޅި ދުނިޔެ ދަންނަ ބްރޭންޑެއްގެ ގޮތުގައި "މޯލްޑިވްސް" ތައާރަފްކުރައްވައި މިއަދު ފަތުރުވެރިކަމުން މިލިބޭ ކުރިއެރުންތައް ހޯދުމުގައި އިސްކޮށް ހުންނެވި އެއްބޭފުޅަކީ ގާސިމް ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.
އަލީގެ ވާހަކައިގައި ވަނީ ގާސިމަކީ ގައުމީ ހިދުމަތްތެރިއެއްކަން ފާހަގަކުރައްވާފައެވެ.
ފަތުރުވެރިކަމުގައި ރާއްޖެ ކުރިއަށް ގެންދެވި ގާސިމްގެ މެނިފެސްޓޯގައި އެ ދާއިރާއިން ތަޖުރިބާއާއެކު އެކަށައަޅާފައިވާ ވައުދުތަކުގެ ތެރޭގައި މުޅި ރާއްޖޭގެ ސަރަހައްދުގައި 35،000 ޓޫރިސްޓް އެނދު އިތުރުކުރުމާއި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 4 މިލިއަނަށް އިތުރުކުރުމާއި، ޓޫރިޒަމުން ދައުލަތަށް ލިބޭ އާއްމުދަނީ 4 ބިލިއަން ޑޮލަރުން 7 ބިލިއަން ޑޮލަރަށް އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ކޮލެޖް ޔުނިވާސިޓީތަކުގައި ފަތުރުވެރިކަމުގެ މަތީ ތަމްރީނު ދިނުމާއި، ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓުތަކާއި ގުޅިފައިވާ ޔޮޓްމެރީނާތަކެއް ގާއިމްކުރުމާއި، ރިސޯޓުތަކުގެ ފަންނީ މަގާމުތަކުގައިތިބޭ ބޭރު މީހުންނާއި ދިވެހިންގެ މުސާރައިގެ ފަރަގުކުޑަކުރުމާއި، ރިސޯޓުތަކުގައި ފަންނީ މަގާމުތަކުގައިތިބޭ ދިވެހިންގެ އަދަދު އިތުރުކުރުމާއި، ރަށުގައި ތިބެގެން ފަތުރުވެރިކަމާއިބެހޭ ވަޒީފާ ލިބުމުގެ ފުރުސަތު ފަހިކޮށްދިނުންވެސް ހިމެނެއެވެ.
އަދި ފަތުރުވެރިކަން ކުރިއެރުވުމަށް " އޮންލައިން ގައުމީ ބުކިން ސިސްޓަމް" އެއް ގާއިމްކުރުމާއި، ރަށްރަށުގައި ހައްދާ ތަކެއްޗާއި ދިވެހި އަމިއްލަ އުފެއްދުންތައް ރިސޯޓުގައި ވިއްކޭނެމަގު ފަހިކުރުމުގެ އިތުރުން ރަށު ފަތުރުވެރިކަން ނުވަތަ ގެސްޓް ހައުސްގެ ވިޔަފާރި ދިރުވާ ފުޅާކުރުމުގެ ވައުދުތައް ފާހަގަކޮށްލެވެއެވެ.
ގާސިމް އިބްރާހިމް އަކީ ބްރޭންޑެއް: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ