ދެޕާޓީގެ ނަމުގައިވެސް ވަގު ފޯމް ހުށައަޅާފައިވޭ، ކުރާ ބަޔަކު ނޭނގޭ: ފުވާދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތުގައި ދެ ޕާޓީގެ ނަމުގައިވެސް ވަގު ފޯމް ހުށައަޅާފައިވާ ކަމަށާއި އެހެންނަމަވެސް މިއީ ކޮންބަޔަކު ކުރާ ކަމެއްކަން ނޭނގޭ ކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ވީނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުވާދު ވިދާޅުވީ ރީ-ރަޖިސްޓްރީކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު ހުށައަޅާފައިވާ 47،000 އަށްވުރެ ގިނަ ފޯމުގެ ސައްހަކަން ކަށަވަރުކޮށް ރަޖިސްޓްރީކުރުމުގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.
ފުވާދު ވިދާޅުވީ ސަރުކާރު ހިންގާ އެމްޑީޕީގެ ނަމުގަ އާއި އިދިކޮޅި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ނަމުގައިވެސް ކޮމިޝަނަށް ވަގު ފޯމް ހުށައަޅާފައިވާ ކަމަށެވެ. މިކަން ކުރާ ސީދާ ބަޔަކު ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި މައުލޫމާތައް ބަލާއިރު، ދެވަނަ ބުރުގައި ވޯޓް ލުމަށް ރީ-ރަޖިސްޓަރ ކުރި މީހުންގެ އަދަދު ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަރ ކުރި މީހުންނަށްވުރެ ވެސް ގިނައެވެ. ފުރަތަމަ ބުރުގައި ރީ-ރަޖިސްޓަރ ކުރީ 42،867 މީހުންނެވެ. މިކަމާ ގުޅިގެން އިންތިހާބުގައި ވާދަކުރާ ދެ ޕާޓީގެ ލީޑަރުންނާއި މެމްބަރުން އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ހަމަލާތައްވެސްވަނީ އަމާޒުކޮށްފައެވެ.
އެހެންނަމަވެސް ފުވާދު ވިދާޅުވީ މިފަދަ މައްސަލަތަކުގެ ތެރެއިން ކޮމިޝަނަށް ފާހަގަވެފައިވަނީ ދިހަވަރަކަށް މައްސަލަ ކަމަށާއި އެމައްސަލަތައްވެސް މިހާރު ކޮމިޝަނުން ހައްލުކޮށްދީފައިވާ ކަމަށެވެ.
ފުވާދު ވަނީ މިފަދަ މައްސަލަތައް ދިމާވިޔަސް އެކަން ހައްލުކޮށްދީ ރިޔާސީ އިންތިހާބުގެ އިންސާފުވެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނާއި ޕާޓީތަކަށް އަރުވާފައެވެ.
ދެ ޕާޓީގެ ނަމުގައިވެސް ވަގު ފޯމް ހުށައަޅާފައިވާ ކަމަށާއި އެހެންނަމަވެސް މިއީ ކޮންބަޔަކު ކުރާ ކަމެއްކަމެއް ނޭނގޭ ކަމަށް ފުވާދު ވިދާޅުވިއިރު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ބައެއް ސްކޫލުތަކުގެ ދަރިވަރުންގެ އައިޑީކާޑު ހޯދަން ގުޅާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.
އަދި ރީ-ރަޖިސްޓްރޭޝަނަށް ހުށަނާޅާ ފަރާތްތަކަކަށް ރީ-ރަޖިސްޓަރވިކަމުގެ މެސެޖު ލިބިފައިވާ ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ