ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެ ދަށުވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ މިފަދައިން ވިދާޅުވީ ރާއްޖޭން ލިބެން ހުންނަ ބޭސްތަކުގެ ފެންވަރާ މެދު ސުވާލު އުފައްދައި އޮންލައިން މީޑިއާއެއްގައި ލިޔެފައިވާ ހަބަރެއް ހިއްސާކުރައްވަމުން ކުރެއްވި ޓުވިޓެއްގައެވެ.
ލިޔުމުގައިވަނީ ބޭސް ވިއްކާ ބައެއް ފަރާތްތަކުން ބުނާ ގޮތުން ރާއްޖެ އިން ފެންވަރު ދަށް ބޭސް ލިބެން ހުންނަނީ ބޭހާ ގުޅޭ ކަންކަން ރެގިއުލޭޓް ކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އުސޫލުތަކުގެ ދޯހަޅި ކަމުންނެވެ.
އެމްއެފްޑީއޭ އިން ށް 1،600 އަށް ވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަދީފައިވާއިރު ބޭސްތަކުގެ 60 އިންސައްތަ ހިއްސާ ކުރަނީ އިންޑިއާއިންކަމަށް ލިޔުމުގައިވެއެވެ. ލިޔުމުގައިވާ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ އަށް ބޭސް އެތެރެކުރުމާ ހަމައަށް އެ އެއްޗެހި ރައްކާ ކޮށްފައި ހުންނަ ގޮތް ކަށަވަރު ކުރެވޭނެ ގޮތެއް ނެތުމެވެ. މި ކަމުގެ ހައްލަކަށް އޮންނަނީ އަސްލު މެނުފެކްޗަރާ އަތުން ލިބުންކަމަށާއި އެހެންނަމަވެސް ކުޑަ ގައުމަކަށް މެނުފެކްޗަރާ އަތުން ކުޑަ ވޮލިއުމެއްގައި ބޭސް ނުލިބޭނެކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނާކަމަށް ލިޔުމުގައިވެއެވެ.
މިކަމުގެ ހައްލަކީ އެމްއެފްޑީއޭގެ ކެޕޭސިޓީ އިތުރުކޮށް، ފާމަސީތަކުން ރެންޑަމްކޮށް ބޭސް ނަގައިގެން ކޮލިޓީ ޓެސްޓް ހެދުމާއި މި ސަރަހައްދުގެ ގައުމުތަކުން ގެންނަ ބޭސްތަކުގެ ފެންވަރު ދަށް ނަމަ އެ އަށް ވުރެ ދުރުން ފެންވަރު ރަނގަޅު ބޭސް ގެނައުމުގެ "ހާއްސަ ސިޔާސަތެއް" ނަމަވެސް އެކުލަވާލައި އެ ކަމަށް ބާރު އެޅުމަކީ ރަނގަޅު މިސްރާބަކަށް ދެވޭނެ ކަމެއްކަން ލިޔުމުގައިވަނީ ފާހަގަކޮށްފައެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އަލީ ވިދާޅުވީ ބޭހުގެ ކޮންޓްރޯލު ނުކުރެވުނު ސަރުކާރަކަށް ބޭހުގެ ފެންވަރުވެސް ޔަގީނެއް ނުކުރެވޭނެކަމަށެވެ. އަދި ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެ ދަށުވެފައިކަމަށާއި ސަރުކާރުގެ ހުންގާނު ހިފަނީ އެހެންބަޔެއްކަމަށް އަލީ ވިދާޅުވިއެވެ.
ސަރުކާރު އޮތީ ސިއްހީ ދާއިރާގެ ވިޔަފާރި ކުރާ މީހުންގެ ދަށުވެފައި: އަލީ ހުސައިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ