ބޮޑެތި ވިޔަފާރިތަކުގެ ކަރަންޓް ބިލް ބޮޑުވެއްޖެ

ވިޔަފާރިތަކަށް ޗާޖުކުރާ ކަރަންޓްގެ އާ ޓެރިފް ރޭޓްތަކާ އެކު ބޮޑެތި ވިޔަފާރިތަކުގެ ކަރަންޓް ބިލް މިމަހުން ފެށިގެން ބޮޑުވާނެ އެވެ.
އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބިލްކުރާނީ އަލަށް ހަމަޖެއްސި ޓެރިފް ރޭޓްގެ ދަށުން ކަމަށެވެ.
އަލަށް ހަމަޖެއްސި ރޭޓްގެ ދަށުން 601ން ފެށިގެން 3،000 ޔުނިޓާ ހަމަޔަށް ނަގާނީ 4.35ރ. އެވެ. އަދި 3001 ޔުނިޓުން ފެށިގެން 10،000 ޔުނިޓާ ހަމަޔަށް 5.75ރ. އަދި 10،000 ޔުނިޓުން ފެށިގެން މަތި ވެއްޖެ ނަމަ ބިލް ކުރާނީ 6.65ރ.ގެ ރޭޓުން ކަމަށް އެނާޖީ އޮތޯރިޓީން ބުންޏެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ އާ ޓެރިފް ރޭޓްތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކަށް ވެސް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އާ ރޭޓްތަކުން ކަރަންޓް ބިލްް ބޮޑުވާނީ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ވޯކްޝޮޕްތަކާއި ބޮޑެތި ސުޕަމާޓްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އޮތޯރިޓީން މީގެ ކުރިން ނަގަމުން ގެންދިޔައީ 0 ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް 3.30ރ. އެވެ. އަދި 101 ޔުނިޓުން ފެށިގެން 300 ޔުނިޓާ ހަމަޔަށް 3.30ރ. އަދި 301 ޔުނިޓުން 500 ޔުނިޓާ ހަމަޔަށް 3.65ރ. އަދި 501 ޔުނިޓުން 600 ޔުނިޓާ ހަމަޔަށް 4.35ރ. ޗާޖް ކޮށްފައިވެ އެވެ.
އެނާޖީ އޮތޯރިޓީން ބުނީ ސްޓެލްކޯއަށް ޑީސަލް ގަންނަން ލިބޭ އަގު 8ރ. އަށް ވުރެ ބޮޑުވާނަމަ އިތުރުވާ ކޮންމެ ދިހަ ލާރިއަކަށް 0.3 ލާރި ފިއުލް ސާޗާޖުގެ ގޮތުގައި ނެގުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހު އާއްމުން ބޭނުންކުރާ ކަރަންޓްގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ކަރަންޓް ބިލުގެ ބޮޑުވާ ކަމުގެ ޝަކުވާ ގިނަ ބަޔަކުކޮށްފައިވެ އެވެ. އަދި އޭގެ ފަހުން 500 ޔުނިޓުން ފެށިގެން ދަށުގެ ޔުނިޓްތަކުގެ އަގު ހެޔޮކޮށްފައިވެ އެވެ. އަދި އެއާއެކު ވެސް ކަރަންޓް ބިލު ބޮޑުވާތީ އެ ޓެރިފް ރޭޓްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ދާދިފަހުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ