ރައީސްގެ އަމާޒަކީ ކަރަންޓުގެ 33% އިޔާދަކުރަނިވި ހަކަތައިން އުފެއްދުން، އެކަމަކު 9 ބިލިއަން ރުފިޔާ ބޭނުންވޭ!

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުން އުފެއްދުމުގެ ނިޒާމެއް ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ގާއިމުކުރުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެގޮތަށް ވިދާޅުވީ، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި އިއްޔެ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވޭ މިންވަރު މިހާރު ހުރީ ހަތަރު ޕަސެންޓުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކަރަންޓުގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައިގެ ނިޒާމުން އުފެއްދުމަށް މަދުވެގެން 600 މިލިއަން ޑޮލަރު (9.2 ބިލިއަން ދިވެހި ރުފިޔާ) ހޯދަންޖެހޭ ކަމަށެވެ. އެކަން ހާސިލުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ