އާއިލާގެ ތިން މީހަކަށް ފްލެޓު ލިބުނީ ޝަރުތު ހަމަވާތީ: އިސްމާޢީލް އަހުމަދު

މި ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އާއިލާގެ ތިން މެމްބަރަކަށް ފްލެޓު ލިބުނު ކަމަށާއި ފްލެޓު ލިބުނީ އެ ސްކީމަށް ޝަރުތު ހަމަވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން އަޅަމުން އަންނަ 4،000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިދިޔަ ހޮނިހިރު ދުވަހު އާއްމުކުރުމާ އެކު މަޖިލިސް މެމްބަރު އިސްމާއީލް އަހުމަދުގެ އާއިލާގެ މެމްބަރުންނަށް ފްލެޓު ލިބުމާ ގުޅިގެން ވެސް ބައެއް މީހުން ފާޑު ކި އެވެ. އެމީހުން ބުނި ގޮތުގައި އިސްމާއިލް އަހުމަދުގެ އާއިލާ އަށް ފްލެޓު ދިނީ ސަރުކާރުގެ ނުފޫޒުންނެވެ.
އިސްމާއިލް އަހުމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއާ ގުޅުން ހުރި ރ. ކަނދޮޅުދޫ، ސޭޑިސައިޑް އެޑްރެހުގައި ހަތް މީހަކު ލިސްޓުގައި އޮތް ކަމަށާއި އެކަމަކު އޭގެ ތެރެއިން ފްލެޓް ލިބުނީ ތިން މީހަކަށް ކަމަށެވެ. އަދި އަނެއް ހަތަރު ފަރާތަކީ ޕޮއިންޓް ހަމަވާން ޖެހޭ ވަރަށް ނުލިބިވާ ހަތަރު ފަރާތް ކަމަށް އޭނާ ވިދާޅުވިއެވެ.
އިސްމާއިލް އަހުމަދު ވިދާޅުވީ ފްލެޓު ލިބުނު ފަރާތްތަކަކީ އާއިލާއެއް ގޮވައިގެން މާލޭގައި 15 އަހަރު ދިރިއުޅެފައިވާ މީހުން ކަމަށެވެ. އަދި ފްލެޓަށް އެ މީހުން ޝަރުތު ހަމަވާނެކަން، ހަގީގަތް ދަންނަ އެންމެން ވެސް ހެކިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓް ލިބޭ ވަރަށް ޕޮއިންޓް ނުލިބުނު ހަތަރު މީހުންނަކީ ވެސް ޝަރުތު ހަމަވާ މީހުން ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމުގައި އެކަން ސާބިތުކޮށްދެވޭ މިންވަރަށް ހުށަހެޅިފައި ނުވަނީ ކަމަށް ލަފާ ކުރެވޭ ކަމުގައި އިސްމާއިލް އަހުމަދު ވިދާޅުވިއެވެ. އޭގެ ތެރޭގައި އެއް ޕޮއިންޓް އުނިވެގެން ފުރުސަތު ގެއްލުނު ފަރާތެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަކި ރަށަކަށް އަދި ވަކި އާއިލާއަކަށް ނިސްބަތްވުމަކީ ސަރުކާރުން ހިންގާ މި ފަދަ ޕްރޮގްރާމްތަކުން މަހުރޫމްވާން ޖެހޭ ކަމަކަށް ނުދެކެން. އެގޮތުން އެމީހަކަށް މުހިންމު އަދި އެކަމެއްގެ ޝަރުތުތައް ފުރިހަމަވާ ކަމަށް ލަފާ ކުރެވޭ މިކަހަލަ ކޮންމެ ކަމެއްގައި ކޮންމެ ދިވެހި ރައްޔިތަކަށް ބައިވެރިވުމުގެ ހައްގު އޮންނަން ވާނެ ކަމަށް ދެކެން." އިސްމާއީލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ