ސްމާޓްފޯނާއި ކޮމްޕިއުޓަރު، އާ ޓެރިފްތަކުން ޓްރަމްޕް އިސްތިސްނާ ކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އަލަށް ތަޢާރަފުކުރި ޓެރިފުތަކުން ސްމާޓްފޯނާއި ކޮމްޕިއުޓަރާއި އަދި އެހެން ބައެއް އިލެކްޓްރޯނިކް ސާމާނު އިސްތިސްނާކޮށްފިއެވެ. މީގެ ތެރޭގައި ޗައިނާއިން އެތެރެކުރާ މުދަލަށް ކަނޑައަޅާފައިވާ 125 އިންސައްތައިގެ ޓެރިފްވެސް ހިމެނެއެވެ. އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑާ ޕެޓްރޯލްގެ އިއުލާނެއްގައި ބުނެފައިވާ ގޮތުގައި މި ތަކެތި، އެމެރިކާއިން ގިނަ ގައުމުތަކަށް ކަނޑައަޅާފައިވާ 10 އިންސައްތައިގެ ޓެރިފުންނާއި ޗައިނާއަށް ކަނޑައަޅާފައިވާ ބޮޑު ޓެރިފުން އިސްތިސްނާވާނެއެވެ. މިއީ ޓްރަމްޕް ޗައިނާގެ މުދަލަށް ކަނޑައަޅާފައިވާ ޓެރިފްތަކުން ދީފައިވާ ފުރަތަމަ ބޮޑު ލުޔެވެ. މިކަމާ ގުޅޭގޮތުން އިތުރު ތަފުސީލު ދޭނެކަމަށް ރައީސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކުން، ޗައިނާގައި އުފައްދާ ގެޖެޓްތަކުގެ އަގު އުފުލިދާނެކަމުގެ ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި އިސްތިސްނާގެ ތެރޭގައި ސެމިކޮންޑަކްޓަރާއި، ސޯލާ ސެލްތަކާއި، މެމޮރީ ކާޑުފަދަ އެހެނިހެން އިލެކްޓްރޯނިކް ސާމާނުވެސް ހިމެނެއެވެ. ވެޑްބުޝް ސެކިއުރިޓީޒްގެ ގްލޯބަލް ހެޑް އޮފް ޓެކްނޮލޮޖީ ރިސާޗް، ޑޭން އައިވްސް ވިދާޅުވެފައިވަނީ މިއީ ޓެކްނޮލޮޖީ އިންވެސްޓަރުންނަށް ލިބުނު އެންމެ ރަނގަޅު ޚަބަރު ކަމަށެވެ. އަދި އެޕަލް، އެންވިޑިއާ، މައިކްރޯސޮފްޓް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މި އިސްތިސްނާ ދީފައިވަނީ ކުންފުނިތަކަށް އުފެއްދުންތެރިކަން އެމެރިކާއަށް ބަދަލުކުރުމަށް އިތުރު ވަގުތު ދިނުމަށެވެ. "ރައީސް ޓްރަމްޕް ވަނީ ސާފުކޮށް ވިދާޅުވެފައި، ސެމިކޮންޑަކްޓާ، ޗިޕްސް، ސްމާޓްފޯނު އަދި ލެޕްޓޮޕް ފަދަ މުހިންމު ޓެކްނޮލޮޖީތައް އުފެއްދުމުގައި އެމެރިކާއަށް ޗައިނާގެ މައްޗަށް ބަރޯސާވެވެން ނެތްކަން،" ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ބަޔާނެއްގައި ވިދާޅުވިއެވެ. ރައީސްގެ އިރުޝާދުގެ ދަށުން މި ކުންފުނިތަކުން ވީހާވެސް އަވަހަކަށް އުފެއްދުންތެރިކަން އެމެރިކާއަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބައެއް އަންދާޒާތަކުން ދައްކާގޮތުގައި މި ޓެރިފްގެ އަސަރު ސީދާ ގަންނަ ފަރާތްތަކަށް ކުރާނަމަ، އެމެރިކާގައި އައިފޯނުގެ އަގު ތިން ގުނައަށް އަރައިގެން ހިނގައިދާނެއެވެ. ކައުންޓަޕޮއިންޓް ރިސާޗްގެ ދިރާސާއަކުން ދައްކާގޮތުގައި އެމެރިކާއަށް ވިއްކުމަށް އުފައްދާ އެޕަލްގެ އައިފޯނުތަކުގެ 80 އިންސައްތަ އުފައްދަނީ ޗައިނާގައެވެ. އަދި 20 އިންސައްތަ އުފައްދަނީ އިންޑިއާގައެވެ. މިފަހަކަށް އައިސް އޭޕަލްއިން ވަނީ ޗައިނާގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ސަޕްލައި ޗެއިން ތަފާތުކުރުމަށް މަސައްކަތްކުރަން ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ