ޑިމޮކްރެޓްސްގެ މެންބަރުންނަށް ރައީސް ޞާލިޙްގެ މަރުޙަބާ، އެދިލެއްވީ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ބަޔަކަށް ވުމަށް

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްގެ މެންބަރުން އަލުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅުމަށް އެ ޕާޓީގެ ނެޝަނަލް އެސެމްބްލީ އިން އަންގާރަ ދުވަހު ވަނީ ނިންމާފަ އެވެ.
އެ ޕާޓީގެ އެސެމްބްލީން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީތައް އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާއި މެދު ގެއްލެމުންދާ އިތުބާރު އަބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅު ގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ވުމާއި އެކަމަށްޓަކައި ގިނަ ބަޔަކު އެކުގައި މަސައްކަތް ކުރުން މުހިންމު ކަން ގަބޫލު ކުރެވޭތީ އެ މަގުސަދު ހާސިލުކުރުމަށް ދަ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް ޞާލިޙް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ މެންބަރުންނަށް މަރުޙަބާ ދަންނަވާފައެވެ. 
އަދި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ދެމިތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ، ރައްޔިތުންގެ މަޞްލަޙަތު އަބަދުވެސް އިސްކުރާ ބަޔަކަށް ވުމަށް އެމަނިކުފާނުވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ. 
“ހުރަސްތަކާ ދިމާވެދާ ޢަދަދުނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން.
‏ޤައުމިއްޔަ އިލްތިމާސުތަކަށް ޢަމަލުކުރާށެ ހެޔޮހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާމަގެއް ކޮށާން.” ރައީސް ޞާލިޙްގެ އެކްސް ޕޯސްޓްގައި ލިޔުއްވާފައި ވެއެވެ. 
ރައީސް ޞާލިޙްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟު އިސްމާޢީލް އާއި އެ ޕާޓީގެ ރައީސް އަބްދުالله ޝާހިދުވެސް ވަނީ ޑިމޮކްރެޓްސް އިން އެމްޑީޕީއާ ގުޅެން ނިންމި މެންބަރުންނަށް މަރުޙަބާ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ