ޓްރަމްޕާ ދެކޮޅަށް ކުރާ މުޒާހަރާތަކާ ގުޅިގެން ލޮސް އެންޖަލިސްގައި ކާފިއު އިއުލާނުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައި ލޮސް އެންޖެލިސް (އެލްއޭ)ގެ ބަޔަކަށް ކާފިއު އިއުލާނުކޮށްފިއެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި އެލްއޭގެ މޭޔަރު ކަރެން ބާސް ވިދާޅުވީ ކާފިއު ހިންގާނީ 2.6 އަކަމީޓަރުގެ ސަރަހައްދެއްގައި ކަމަށާއި ކާފިއުއަށް އަމަލުކުރާނީ އެމެރިކާ ގަޑިން ފަތިހު 6:00އަށް (ރާއްޖެ ގަޑިން މިރޭ 18:00)އަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ފިޔަވަޅު އަޅަން ޖެހުނީ މުޒާހަރާގެ ބައިވެރިން ވިޔަފާރިތަކަށް ގެއްލުން ދެމުން ދާތީ ކަމަށެވެ. "ގިނަ ވިޔަފާރިތަކަށް މިހާރު ވެސް ވަނީ އަސަރުކޮށްފައި. ރޭ 23 ވިޔަފާރިއެއް ލޫޓުވާލާފައިވާއިރު، ވިޔަފާރިތަކަށާއި ގިނަ އަދަދެއްގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވޭ. އެލްއޭގައި ކާފިއު ހިންގައިފިނަމަ ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ." ބާސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކާފިއު ތަންފީޒު ކުރާ ވަގުތު އިތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ އަމުރު ތަންފީޒު ކުރެވޭނީ ހަމައެކަނި ސިޓީގެ ކުޑަ ސަރަހައްދަކަށް ކަމަށެވެ. އެމެރިކާގައި މުޒާހަރާ ކުރަމުން ދަނީ އެ ގައުމުގެ އިމިގްރޭޝަން އިދާރާ، އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމެންޓް (އައިސް)އިން ރޭޑު ޖަހައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކުރަމުންދާތީއެވެ. އެ ރޭޑުތަކުގައި، ގަވައިދާ އެއްގޮތަށް އެތައް އަހަރެއް ވަންދެން އެމެރިކާގައި ދިރިއުޅެފައިވާ މީހުން ވެސް ހިފަހައްޓައި، އެ މީހުންގެ ގަބޫލުކުރުންތަކަށް ބިނާކޮށް ވެސް ހައްޔަރުކުރަމުންދާ ކަމަށް މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރެއެވެ. ނިއުޔޯކާއި ޝިކާގޯ އަދި އެޓްލާންޓާ ފަދަ އެމެރިކާގެ އެހެން ބައެއް ސިޓީތަކުގައިވެސް ވަނީ އެކަމާ ގުޅިގެން މުޒާހަރާ ކުރަން ފަށާފައެވެ. މުޒާހަރާތައް ކޮންޓްރޯލު ކުރުމަށް ނޭޝަނަލް ގާޑުގެ 2000 ސިފައިން ނެރުމަށް ޓްރަމްޕް ވަނީ އަމުރުކުރައްވާފައެވެ. ނޭޝަނަލް ގާޑަކީ ސްޓޭޓްތަކުގެ ބާރުގެ ދަށުގައި އޮންނަ ސިފައިންގެ ފައުޖެކެވެ. ނަމަވެސް، ކުއްލިހާލަތްތަކުގައި އެ ފައުޖަށް އަމުރު ކުރުމުގެ ބާރު މައި ސަރުކާރަށް ލިބިގެންވެއެވެ. ނަމަވެސް ނޭޝަނަލް ގާޑުގެ ސިފައިން ނެރުމަކީ ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް މަސްރަހު އިތުރަށް ހޫނުކޮށް، ގޯސް ކުރުމުގެ ނިޔަތުގައި ޓްރަމްޕަ ކުރައްވާ ކަމެއް ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ކެވިން ނިއުސަމް ވަނީ ވިދާޅުވެފައެވެ. "އެ މީހުންނަށް އެ ފުރުސަތު ދީގެން ނުވާނެ. އެއްވެސް ހާލެއްގައި ހަމަނުޖެހުން ނުހިންގާތި. ސުލްހަވެރިކަމާ އެކު ޚިޔާލު ފާޅު ކުރޭ." އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމުގައިވާ ނިއުސަމް ވިދާޅުވިއެވެ. އައިސްގެ އޮފިސަރުން ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައި ވަނީ ނުގަވާއިދުން އެމެރިކާއަށް ހިޖުރަކޮށް، ސައްހަ ލިޔެކިޔުންތައް ނެތި ދިރިއުޅެމުންދާ ކަމުގެ ތުހުމަތުގައެވެ. އެ މީހުން މިނިވަން ކުރުމަށް ގޮވައިލައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ، ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ