އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒަކަށް އަރައިފި
ތެހެރާން (13 ޖޫން 2025): ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތަކުގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި އިސްރާއީލުގެ ބައެއް ހައްސާސް މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒަކަށް އަރައިފިކަމަށް ޚަބަރު ލިބިއްޖެއެވެ. ބަދަލު ހިފުމުގެ ގޮތުން އީރާނުން އިސްރާއީލަށް ހަމަލާތައް ދޭން ފެށީ ރޭގައެވެ. އެހަމަލާތައް އިރުއަރަންދެން ކުރިޔަށް ދިޔައެވެ. އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއް ބުނާގޮތުން މިއީ ބަދަލުހިފުމުގެ ގޮތުން އިސްރާއީލަށް ދޭން ރާވާފައިވާ ހަމަލާތަކުގެ ބައެކެވެ. ވަރުގަދަ ހަމަލާތައް އަދި އޮތީ ކުރިޔަށެވެ. އީރާނުން އިސްރާއީލާ ދެކޮޅަށް ފެށި އަސްކަރީ އޮޕަރޭޝަންގެ ނަމަކީ "އަލްވަޢްދުއްސާދިގު 3" ނުވަތަ ''ޓްރޫ ޕްރޮމިސް 3" އެވެ. 2024 ވަނަ އަހަރު އީރާންވަނީ "އަލްވަޢްދުއްސާދިގު 1" އަދި "އަލްވަޢްދުއްސާދިގު 2" ގެ ނަމުގައި އިސްރާއީލާ ދެކޮޅަށް އަސްކަރީ ދެ އޮޕަރޭޝަނެއް ހިންގާފައެވެ. އީރާނުގެ މިސައިލް ހަމަލާތަކެއް އިސްރާއީލުގެ ވެރިރަށް ޓެލްއަވީވް އަށް އަރަނީ އީރާނުން ރޭފެށި އަސްކަރީ އޮޕަރޭޝަންގައި އީރާނުން ފޮނުވާލި އެތައް ސަތޭކަ މިސައިލްތަކުގެ ތެރެއިން ބައެއް މިސައިލް، އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ވައްޓާލިއެވެ. ނަމަވެސް ގިނަ މިސައިލްތަކެއް ވަނީ ދިފާއީ ނިޒާމުތައް ފޫއަޅުވާލައި ސީދާ ގޮތެއްގައި އިސްރާއީލުގެ ވެރިރަށް ޓެލްއަވީވަށާއި ހައިފާ އަދި އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކަށާއި ނަގަބް ސަރަހައްދަށް އަރާފައެވެ. މިކަމުގެ ސަބަބުން އިސްރާއީލަށް ވަނީ ސިހުން ލިބިފައެވެ. އީރާނުގެ މިސައިލްތައް ވައްޓާލުމަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތަކުން ފޮނުވާލި މިސައިލްތަކުގެ ބައިތައް ވެސް އެންމެފަހުން އަރާފައިވަނީ ޚުދު އިސްރާއީލުގެ އިމާރާތްތަކަށެވެ. މިގޮތަށް އެރި މިސައިލްތަކުގެ ބައިތަކުގެ ސަބަބުންނާއި އީރާނުގެ މިސައިލްތައް ސީދާ އަމާޒަށްވާސިލް ވުމުގެ ސަބަބުން އިސްރާއީލުން ދެ މީހަކު މަރުވެ 95 މީހަކު ޒަޚަމްވެފައިވާކަން އިސްރާއީލުންވަނީ ކަށަވަރުކޮށްދީފައެވެ. ޒަޚަމްވީ 95 މީހުންގެ ތެރޭގައި ފުރާނައަށް ނުރައްކާވާ މިންވަރަށް ޒަޚަމްވެފައިވާ ވިއްސަކަށް މީހުން ހިމެނޭކަމަށްވެއެވެ. އިސްރާއީލުގެ މަސްއޫލުވެރިއަކުވަނީ އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ނުވަ އިމާރާތަކާއި ހައިފާގެ ދެ އިމާރާތެއްވަނީ އެއްކޮށް ހަލާކުވިކަމަށާ މިހާތަނަށް އިސްރާއީލަށް ދުވަހަކުވެސް ނުލިބޭފަދަ މާއްދީ ބޮޑެތި ގެއްލުންތަކެއް ވެރިރަށް ޓެލްއަވީވަށް ލިބިފައިވާކަމަށް އެއްބަސްވެފައެވެ. ޓެލްއަވީވުގެ ބައެއްތަންތަނުން ފެންނަނީ ޣައްޒާއިން ފެންނަ މަންޒަރުތަކެވެ. އިސްރާއީލުގެ އެތެރެއިން ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު ޓެލްއަވީވްގެ ގިނަ އިމާރާތްތަކަކާއި ހައިފާ އަދި އިސްރާއީލުގެ އުތުރު ސަރަހައްދުގެ އެތަށް އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އިސްރާއީލުގެ މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި އީރާނުގެ ބައެއް މިސައިލްތަކުގައި ހަރުކޮށްފައިވާ ވޯހެޑް ތަކުގެ ބަރުގަދަކަމުން އިސްރާއީލުގެ އަސްކަރިއްޔާއަށްވަނީ ސިހުން ލިބިފައެވެ. އީރާނުގެ ހަމަލާތަކުން އިސްރާއީލުގެ އުތުުރުގެ ސަރަހައްދުތަކަށް ލިބިފައިވާ ގެއްލުންތައް ރޭ ފަތިހު އީރާނުން އިސްރާއީލަށް ދިން ފަސްވަނަ ބުރުގެ މިސައިލް ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާތައް ޓެލްއަވީވުގައި ހުންނަ އިސްރާއީލުގެ ނިއުކްލިޔާ ރީސާޗް މަރުކަޒަކަށް އަރައި އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުންވަނީ އީރާނުގެ ހަމަލާތަކުގެ ސަބަބުން ޓެލްއަވީވުގައި މޭޖާ ސެކިއުރިޓީ އިވެންޓެއް ހިނގައިގެން އެކަމަށް އެޓެންޑް ވަމުންދާ ކަމަށް އެއްބަސްވެފައެވެ. ނަމަވެސް ހަމަލާތައް އަމާޒުވީ މަރުކަޒުގެ ނަން އިސްރާއީލުން ހާމަކޮށްފައެއް ނުވެއެވެ. މިއީ އިސްރާއީލުން އަބަދުވެސް ކަންކުރާ ގޮތެވެ. އިސްރާއީލުގެ އަސްކަރީ އަދި ނިއުކްލިޔާ މަރުކަޒުފަދަ ހައްސާސް ތަނަކަށް ގެއްލުމެއް ލިބިއްޖެނަމަ މޭޖާ ސެކިއުރިޓީ އިވެންޓެއް ހިނގައިގެން އުޅޭކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް އިސްރާއީލުން ނުދޭނެއެވެ. އަނެއްކޮޅުން އީރާނުގެ ހަމަލާތަކުގައި ލިބުނު ގެއްލުންތައް ފޮރުވުމަށް އިސްރާއީލުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާކަމަށް އަލްޖަޒީރާ ބުނެއެވެ. މީގެތެރޭގައި އީރާނުގެ މިސައިލް ހަމަލާތައް އެރި އިސްރާއީލުގެ ބައެއް ސަރަހައްދުތަކުގެ ފޮޓޯތަކާއި ވީޑީއޯތައް ނެގުން މަނާކުރުމާއި ގެއްލުންލިބުނު ބައެއް ސަރަހައްދުތައް ބަންދުކުރުމާއި އެތަންތަނުގެ ކައިރިއަށް މީހުން ދިޔުން މަނާކުރުން ހިމެނޭކަމަށް އަލްޖަޒީރާގެ އިސްރާއީލުގައި ހުންނަވާ މުރާސިލު އިލްޔާސް ކައްރާމް ވިދާޅުވިއެވެ. އީރާނުގެ ހަމަލާތަކުން ލިބުނު ގެއްލުންތައް ފޮރުވަން އިސްރާއީލު އަޅާފައިވާ މިފިވަޅުތަކުގެ ސަބަބުން އިސްރާއީލުގެ ދިފާޢީ ވުޒާރާއަށް ލިބުނު ގެއްލުންތަކާއި ނިއުކްލިޔާ ރީސާޗް މަރުކަޒަށް ލިބުނު ގެއްލުންތައް އަދި ދައިމޫނާގައި ހުންނަ އިސްރާއީލުގެ މައި ނިއުކްލިޔާ މަރުކަޒަށް ލިބުނު ގެއްލުންތައްވެސްވަނީ ސާފުނުވެއެވެ. އީރާނުން އިސްރާއީލާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފަށާފައި މިވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމަށްޓަކައި އިއްޔެ ރޭ އިސްރާއީލުން އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ. އެހަމަލާތަކުގައި އިސްރާއީލުވަނީ އީރާނުގެ އިސް އަސްކަރީ ހަތަރު މަސްއޫލުވެރިއަކާއި އީރާނުގެ ނިއުކްލިޔާ ސައެންޓިސްޓުންގެ ހަ މީހަކާއި އާންމުންގެ އެތަށް ބަޔަކު ޝަހީދުކޮށްލާފައެވެ. އީރާނުގެ ނަތަންޒް ނިއުކްލިޔާ މަރުކަޒަށާއި އިސްފަހާން އާއި ތަބްރީޒްގައި ހުންނަ ނިއުކްލިޔާ މަރުކަޒުތަކަށްވެސް އިސްރާއީލުވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އީރާނުން ރޭ އިސްރާއީލަށް ދިން މިސައިލް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ އަސްކަރީ ފައިޓާޖެޓްތަކުން ރޭ ފަތިހުވަނީ ތެހެރާންގެ އިމާމް ޚުމައިނީ އެއާޕޯޓްގެ ކައިރީގައިވާ އީރާނުގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފައެވެ. ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގަނެގެން އުޅޭ ޔަހޫދީ އިސްރާއީލަކީ އެގައުމަށް މިސައިލް ހަމަލާއެއް ނާރާނެކަމާއި ހަމަލާއެއް ފޮނުވި ނަމަވެސް އެ ހަމަލާ އަނބުރައި ދާނީ އެހަމަލާ ފޮނުވި ފަރާތާ ދިމާއަށް ކަމަށް ބުނެ އިސްރާއީލަކީ 100 ޕަސެންޓް ސަލާމަތީ ގެރެންޓީ ލިބިފައިވާ ގައުމެއްކަމަށްބުނެ ކުރިން ބޮޑެތި ޕްރޮޕަގެންޑާތައް ކޮށްފައިވާ ޣައިރު ގާނޫނީ އެންޓިޓީއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ