ރައީސް މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވަން އުޅުނު "މޯލްޑިވިއަން ސްޓޫޑެންޓް އެސޯސިއޭޝަން އޮފް މެލޭޝިޔާ" އިފުތިތާހު ކުރުމުގެ ޖަލްސާ ބޮއިކޮޓް ކުރަން ދަރިވަރުން ނިންމުމުން އެ ޖަލްސާ ކެންސަލްކޮށްފި އެވެ.
އެ ޖަލްސާ ބޮއިކޮޓް ކުރަން ދަރިވަރުން ނިންމީ، އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމުވި ހައްވާ ޔުމްނު ރަޝީދު، 21، ގެ މައްސަލައިގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުންނެވެ. އެ ޖަލްސާ ކެންސަލްކޮށްފައިވާކަން އިންޓެރިމް މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން އޮފް މެލޭޝިޔާއިން ވަނީ މިހާރު ހުރިހާ ދަރިވަރުންނަށް އަންގައިފަ އެވެ.
"އިންސާފާއި ހަމަހަމަކަމާއި މުޖްތަމައުގެ ރިވެތި މިންގަނޑުތަކަށް އަހަރުމެން އަބަދުވެސް ތަބާވާނަން،" އެ ޖަމިއްޔާއިން ދަރިވަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
މެލޭޝިޔާގައި ކިޔަވާ ދަރިވަރުންގެ ޖަމިއްޔާ އިފުތިތާހު ކުރުމުގެ ޖަލްސާ ބާއްވަން ރާވަފައި އޮތީ މިއަދެވެ. އެ ޖަލްސާ ބާއްވަން ރޭވީ ގްރޭންޑް ހަޔަޓް ހޮޓެލުގަ އެވެ.
ރައީސް މުއިއްޒު މެލޭޝިޔާއަށް ފުރާވަޑައިގަތީ އިއްޔެ އެވެ. އެ ގައުމަށް ވަޑައިގަތުމުގެ ކުރިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މެލޭޝިޔާގައި ކިޔަވާ ދަރިވަރުންނަށް ފޯރުކޮށްދެ ހިދުމަތްތައް ރަނގަޅު ކުރަން ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދިވެހި ރައްޔިތުން އެންމެ ގިނަ، އެންމެ ބޮޑު ޑަޔަސްޕޯރާ [މެލޭޝިއާ] އެއީ. އެތަނުގަ ތިބި ދިވެހިންނަށް ކޮންސިއުލާރ ސާރވިސް ރަނގަޅުކުރުމާ، އަދި ސަރުކާރުންދޭ ހިދުމަތްތައް ރަނގަޅުކުރުމާ، އަދި ދިވެހި ކިޔަވާ ކުދިންގެ ކަންކަން ރަނގަޅުކޮށްދިނުމާ، މިކަންކަން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.
މެލޭޝިޔާގައި ގާތްގަނޑަކަށް 6000 ދިވެހިން ދިރިއުޅޭ ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ. މެލޭޝިޔާއަކީ ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން މިހާރު ދިރިއުޅެމުންދާ އެއް ގައުމެކެވެ.
ޔުމްނުއަށް އިންސާދު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ޒުވާނުންތަކެއް ދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ. ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއިން ޔުމްނު ވެއްޓުނު ހާދިސާގައި ފުލުހުން ހިއްސާ ކުރި ބައެއް މައުލޫމާތު ދިމާނުވުމާއި އެ މައްސަލައިގައި މީހަކު ހައްޔަރުނުކޮށް ގިނަ ދުވަސްވުމަކީ، ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މިހާރު ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާ ޒުވާނުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
އެ މައްސަލައިގައި ހިމެނޭ މީހުންނާ ގުޅުން ހުރި ތަންތަން ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. އެއިރު ހާދިސާ ހިނގިތާ ހައެއްކަ ދުވަސް އޮތީ ފާއިތުވެފަ އެވެ. އެއިން ތަނަކުން ތަހުގީގަށް ބޭނުންވާ އެއްޗެއް ނުފެނުނު ކަމަށް ފުލުހުން ބުނެ އެވެ.
ރައީސްގެ މެލޭޝިޔާ ދަތުރު: ދަރިވަރުންގެ ޖަމިއްޔާ އިފުތިތާހު ކުރާ ޖަލްސާ ބޮއިކޮޓް ކުރުމުން އެ އިވެންޓު ކެންސަލްކޮށްފި ރައީސްގެ މެލޭޝިޔާ ދަތުރު: ދަރިވަރުންގެ ޖަމިއްޔާ އިފުތިތާހު ކުރާ ޖަލްސާ ބޮއިކޮޓް ކުރުމުން އެ އިވެންޓު ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ