ބޫޓާން މެޗަކީ މި ވަގުތަށް ބަލާއިރު ރާއްޖެ އަށް ފައިނަލެއް ބޫޓާން މެޗަކީ މި ވަގުތަށް ބަލާއިރު ރާއްޖެ އަށް ފައިނަލެއް

ސާފް 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި މިއަދު ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަކީ މި ވަގުތަށް ބަލާއިރު، ރާއްޖޭގެ ޓީމަށް ފައިނަލެއް ކަމަށް ޓީމުގެ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ބުނެފި އެވެ.
ތިން ޓީމު ވާދަކުރާ ގްރޫޕް ބީގެ ފުރަތަމަ މެޗުން ރާއްޖެ ވަނީ ފަހަތުން އަރައި 2-2 އިން ބަންގްލަދޭޝާ އެއްވަރުކޮށްފަ އެވެ. އެ ގްރޫޕްގެ ދެ ވަަނަ މެޗުގައި، ބަންގްލަދޭޝް އިން 3-0 އިން ބޫޓާން ބަލިކޮށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފަ އެވެ. އެ ގްރޫޕުން ސެމީ ފައިނަލުގެ އަނެއް ޖާގަ ލިބޭނެ ޓީމެއް ޔަގީންވާނީ ގްރޫޕްގެ ފަހު މެޗުގައި، މިއަދު ރާއްޖެ އާއި ބޫޓާން ކުޅޭ މެޗުންނެވެ.
ބޫޓާނާ އެއްވަރުކޮށްލައިގެން ވެސް ރާއްޖެ އަށް ސެމީ ފައިނަލުގެ ޖާގަ ލިބޭނެ އެވެ. އެކަމަކު، ބަލިވެއްޖެނަމަ، ފުރުސަތެއް ނުލިބޭނެ އެވެ. ގްރޫޕްގެ އެއް ވަނަ ހޯދައިގެން ސެމީ ފައިނަލަށް ދަތުރުކުރާނަމަ، ތިން ގޯލަށް ވުރެ ފަރަގު ބޮޑުކޮށް ބޫޓާން އަތުން މޮޅުވާން ޖެހޭނެ އެވެ.
މެޗުގެ ކުރިން އިންޑިއާގައި ހުރެ، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ޝާކިއްޓެ ބުނީ، ބޫޓާނާ ދެކޮޅަށް ކުޅެން އޮތް މެޗަކީ ފައިނަލެއްގެ ގޮތުގައި ކުޅުންތެރިންނަށް ވިސްނައިދީފައިވާނެ ކަމަށެވެ.
"ކުޅުންތެރިންނަށް އެނގޭނެ ބަލިވެއްޖިއްޔާ ކަޓާނެކަން. އެހެންވީމަ، މި ތައްޔާރުވަނީ، މި ވަގުތަށް އަހަރެމެން ކުރިމަތީގައި އޮތް ފައިނަލެއްގެ ގޮތުގައި. ފުރަތަަމަ މެޗުގެ ކުރިން 20 ގަޑިއިރަށް ވުރެ ދިގުކޮށް ދަތުރުކޮށްފައި އައިސް ކުޅުނު ވަރަށް ވުރެ މި މެޗުގައި ރަނގަޅުވާނެ ކަމަށް މި ބަލަނީ،" ޝާކިއްޓެ ބުންޏެވެ.
ބަންގްލަދޭޝް އަތުން ބޫޓާން ބަލިވެފައި އޮތުމުން، ރާއްޖޭގެ ކުޅުންތެރިން މި މެޗު ފަސޭހަކޮށްލައިގެން ކުޅެފާނެތީ އެކަމަށް ވެސް ވިސްނައިދީފައިވާނެ ކަމަށް ޝާކިއްޓެ ވަނީ ބުނެފަ އެވެ. އަދި، ގްރޫޕް ސްޓޭޖަށް ތައްޔާރުވާއިރު، ބޫޓާނުން ވެސް އެންމެ ބޮޑަށް މޮޅަކަށް ޓާގެޓްކުރާނީ ރާއްޖެ އަތުން މޮޅުވަން ކަމަށް ބެލެވޭއިރު، މި ހުރިހާ ކަމަކަށް ވިސްނައި، ކުރިމަތިވާނެ ޕްރެޝަރު ހާލަތުތައް ދަނެގެން މެޗަށް ކުޅުންތެރިން ނެރެން ސަމާލުކަން ދޭ ކަމަށް ވެސް ޝާކިއްޓެ ވަނީ ބުނެފަ އެވެ.
މި ވަގުތު 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، މީގެ ކުރިން 16 އަހަރުން ދަށުގެ ޓީމުގައި ތިބި ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ބިނާވާނެ ކުޅުންތެރިންތައް ހިމެނެ އެވެ. އެކަމަކު، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް 19 އަަހަރުން ދަށުގެ ޓީމުގައި، އޯ ލެވަލްގެ ސަބަބުން މުހިންމު ބައެއް ކުޅުންތެރިން ނެތެވެ. އޭގެ ތެރޭގައި، އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ، 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ވެސް ހިމެނެ އެވެ.
ރާއްޖޭގެ ޒުވާން ޓީމަށް އަމިއްލަ ގައުމުގައި މުބާރާތް ކުޅެލުމުގެ ފުރުސަތު ދޭން އުމުރުފުރާ މުބާރާތެއް ހޯސްޓް ކުރުމަކީ ވެސް ރަނގަޅު ވިސްނުމެއް ކަމަށް ޝާކިއްޓެ ވެސް ގަބޫލުކުރެ އެވެ. އަދި، ހޯސްޓް ކުރުން ނޫން ކަމުގައި ވިޔަސް، ކޮންމެ ގައުމެއްގައި ބޭއްވިޔަސް ރަނގަޅަށް ތައްޔާރުވެއްޖެނަމަ ރާއްޖެ އަށް އުމުރުފުރާ މުބާރާތްތަކުގައި ނަތީޖާ ނެރެވޭނެ ކަމަށް ޝާކިއްޓެ ގަބޫލުކުރެ އެވެ.
"މީގެ ދެ އަހަރު ކުރިއަށް ބަލާއިރު، އަހަރެމެން އަތުގައި (19 އަހަރުން ދަށުގެ) ރަނގަޅު ޓީމެއް އޮވެމެ، މުބާރާތަށް ދުރާލައި ޕްރެކްޓިސް ފެށި ނަމަވެސް، ޓީމު އެކުގައި ޕްރެކްޓިސް ކުރެވުނީ ހަފްތާއެއް ވަންދެން، ދެން، މި ފަހަރު ރަނގަޅަށް ވީ ކަމެއް، އޭޕްރީލް އެެކެއްގައި ޕްރެކްޓިސް ފަށައި، މި މަހު ނުވަ ވަނަ ދުވަހު ފުރަތަމަ މެޗު ކުޅުމާ ހަމައަށް ޓީމު އެކުގައި ޓްރެއިން ކުރީ، އެއީ ރަނގަޅެއް،" ގިނަ އަހަރުތަކެއް ވަންދެން 19 އަހަރުން ދަށުގެ ގައުމީ ޓީމުގައި މަސައްކަތްކޮށްފައިވާ ޝާކިއްޓެ ބުންޏެވެ.
"މީގެ އަސްލު އެއް މަހަކީ ވެސް މި ކަހަލަ އިންޓަނޭޝަނަލް މުބާރާތަކަށް ތައްޔާރުވާން ކުރު މުއްދަތެއް. އަސްލު ވިސްނުމަކަށްވާން ޖެހޭނީ ޓާގެޓްތަކެއް ކަނޑައަޅައިގެން، ދުރާލާ ޓްރެއިން ކުރުން،"
މިއީ، ސާފް އިން، 18، 19 އާއި 20 އަހަރުން ދަށަށް ހާއްސަކޮށް، ބާއްވާ ހަތް ވަނަ މުބާރާތެވެ. ސާފް އިން އެ އަހަރެއްގެ މުބާރާތް ބާއްވާނެ އުމުރުފުރާއެއް ކަނޑައަޅަނީ، އޭއެފްސީ ކޮލިފައިން އަށް ވެސް ބަލައި، ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.
ނޭޕާލުގައި 2019 ވަނަ އަހަރު ބޭއްވި ސާފް 18 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ ތިން ވަނަ ހޯދައިފަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރު މުބާރާތް ބޭއްވީ 20 އަހަރުން ދަށަށެެވެ. އެ ގޮތުން، އެ މުބާރާތުގައި އިންޑިއާ އާއި ބޫޓާނާ ވާދަކޮށް ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ޝާކިއްޓެ ބުނީ، މިދިޔަ އަހަރުގެ ބޫޓާން ޓީމުގައި ހިމެނުނު ކުޅުންތެރިން ކޮންމެ ވެސް ވަރަކަށް އެ ޓީމުގައި ހިމެނޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އަރުނާޗަލް ޕްރަދޭޝްގެ ގޯލްޑަން ޖޫބިލީ ސްޓޭޑިއަމްގައި ބޫޓާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު 15:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ