ސައުދީ 'ޕްރިންސް' މައްސަލައިގައި މިނިސްޓަރު ހަލީލުއާ ސުވާލު ކުރަން ހުށަހަޅައިފި

ސައުދީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވި "ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން"ގެ މައްސަލައިގައި ކަންކަން ސާފު ކުރަން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލުއާ ސުވާލު ކުުރުމަށް މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މި މައްސަލައިގައި މިނިސްޓަރާ ސުވާލު  ކުރަން ހުށަހެޅުއްވީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް އެވެ.
މީކާއިލް މި މައްސަލަ ހުށަހަޅާފައި މި ވަނީ، ފަހަދްއަކީ 'ފޭކް ޕްރިންސް'އެއް ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅު ކުރި ފަހުން، ރައީސް އޮފީހުގެ ވެބްސައިޓުންނާއި ސޯޝަލް މީޑިއާ އެކައުންޓުތަކުން އެ ބައްދަލުވުމުގެ ހަބަރުތަކާއި ފޮޓޯތައް އަދި ވީޑިއޯ ފޮހެލާފައި ވަނިކޮށެވެ.
ތަފްސީލު - މީކާއިލް ހުށަހެއްޅުވި މައްސަލައިގައި މައިގަނޑު ހަތަރު ސުވާލެއް މިނިސްޓަރާ ކުރުމަށް ހިމަނާފައިވެ އެވެ. އެއީ:
ފަހަދްއަކީ، ސައުދީގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްތޯ؟
އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ނުވަނީ ކީއްވެގެންތޯ؟
އެއީ ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ، ރާއްޖެ އާއި ސައުދީއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް އެއްވެސް އަސަރެއްކޮށްފާނެތޯ؟
މި ސުވާލުތަކަށް ޖަވާބު ދިނުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރެއް ނުކުރާނެ އެވެ. މީކާއިލް އެދިވަޑައިގެންފައި  ވަނީ މި ސުވާލުތަކަށް ލިޔުމުން މިނިސްޓަރު ޖަވާބުދާރީވުމަށެވެ.
އެނގުން މުހިންމު - 'ދައުރު'އިން ހޯދި ހޯދުންތަކުން އެނގޭ ގޮތުގައި، ފަހަދްކީ މިހާރުގެ ސައުދީ ރަސްގެފާނު ސަލްމާންއާ އާއިލީ ގޮތުން ދުރު ގުޅުން އޮތް ބޭފުޅެކެވެ. ނަމަވެސް ސައުދީގައި "ޕްރިންސް" ނުވަތަ "އަމީރު"ގެ މަގާމު އަދި ހައިސިއްޔަތު ލިބެނީ އަދި ރަސްކަން ވާރުތަވަނީ ފިރިހެން ދަރިފަސްކޮޅަށެވެ. ފަހަދަކީ ސީދާ ވެރިކަންކުރާ ފިރިހެން ދަރިފަސްކޮޅުގެ ބޭފުޅެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ