މުހިންމު މަޝްރޫޢުތައް ކަނޑައެޅުމުގެ ޤަރާރު ރައީސް އިސްލާޙުކުރައްވައިފި
ދައުލަތުގެ އާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫއުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ގަރާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްލާހުކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ އެ ބަދަލު ގެންނެވީ, ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތް ގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ. އަދި އެ ގަރާރުގައި، ބަޔާންކުރާ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތަކާއި، އެ މަޝްރޫއުތައް ހިންގުމަށް ނިންމަވާފައިވާ ސަރަހައްދު އަދި މަޝްރޫއުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކޮށްފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި ހއ. ދިއްދޫ، ހދ. މަކުނުދޫ، ށ. ކޮމަންޑޫ، ށ. މިލަންދޫ، ށ. ބިލެތްފަހި، ރ. ފައިނު، ރ. އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށީގައި އެއާޕޯޓުއެޅުން ހިމެނެއެވެ. އެ މަޝްރޫއުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް މިލިއަން ޔޫއެސް ޑޮލަރެވެ. އަދި ގއ. ވިލިނގިލީގައި އެއާޕޯޓް ތަރައްގީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއާޕޯޓު ތަރައްގީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަނޭޝަލަން އެއާޕޯޓެއް ތަރައްގީކުރުން ހިމެނެއެވެ. އެ މަޝްރޫއުތަކަށް ވެސް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް މިލިއަން ޔޫއެސް ޑޮލަރެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް ވަނީ ނިންމަވާފައެވެ. އެ މަޝްރޫއުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަތަރު މިލިއަން ޔޫއެސް ޑޮލަރެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި، މުޅި ދިވެހިރާއްޖޭގައި ސޯޝަލް ހައުސިންގް މަޝްރޫއުތައް ހިންގުމަށާއި، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުމަށް ވަނީ ނިންމަވާފައެވެ. އަދި މުޅި ރާއްޖޭގައި، ބިންހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި، ޔުޓިލިޓީ ޚިދުމަތްތައް ގާއިމުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ. އެ މަޝްރޫއުތަކަށް ވެސް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފަސް މިލިއަން ޔޫއެސް ޑޮލަރެވެ. މީގެ އިތުރުން ހިމެނޭ ބައެއް މުހިންމު މަޝްރޫއުތައް: ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން ކޮޅުމަޑުލު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުން ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުން މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުން މި ހުރިހާ މަޝްރޫއުތަކަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ހަތަރު މިލިއަން ޔޫއެސް ޑޮލަރެވެ. މީގެ އިތުރުން ހައިޕާފޯމަންސް ސެންޓަރެއް ގާއިމުކުރުން ވަނީ މަޝްރޫއުތަކުގެ ތެރޭގައި ހިމަނާފައެވެ. އެ މަޝްރޫއަށް ޚަރަދުކުރަންޖެހޭ އެންމެ ދަށް މިންވަރުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 20 މިލިއަން ޔޫއެސް ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ