ޝައިހާންގެ މޮޅު ކުޅުމާއެކު ބޮއްކުރާ ބަލިކޮށް ޑްރީމް އެފްސީ ގުރޫޕްގެ އެއްވަނައަށް

ބުރަދާސް އެކަޑަމީގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ "ކުޑަހުވަދޫ ބޮޑު ޢީދު ފުޓްސަލް ޗެލެންޖު 1446" ގެ ގުރޫޕް އޭގައި މިރޭ ކުޅުނު ތިންވަނަ މެޗުގައި 9-3 ގެ ތަފާތުބޮޑު ނަތީޖާއަކުން ބޮއްކުރާ އެފްސީ ބަލިކޮށް ޑްރީމް އެފްސީ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ބޮއްކުރާ އެފްސީ ކުޅުނު ފުރަތަމަ މެޗުގައި މައިދާން އެސްސީ އަތުން 10-2 ގެ ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، ގުރޫޕް ސްޓޭޖުގައި ޑްރީމް އެފްސީ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވަނީ 5-0 ގެ ނަތީޖާއަކުން ވިންގްސް އެސްސީ ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށްކުޅެ ޑްރީމް އެފްސީ އިން މެޗު ޑޮމުނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 5-1 ގެ ނަތީޖާއަކުން ޑްރީމް އެފްސީ ކުރީގައި އެވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ބޮއްކުރާ އިން ވެސް ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި ޑްރީމް އެފްސީގެ އަހުމަދު ޝައިހާން ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަހުމަދު އަޔާޒް ވަނީ ތިންލަނޑު ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ. އަދި އެޓީމުގެ އާމިލް އަލީ އަދި ހުސެއިން ނާސިރު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ބޮއްކުރާ އެފްސީގެ ނިހާދު މުހައްމަދު، އާން އަހުމަދު އަދި އަހުމަދު އައިހަމް އަލީ މިއިން ކޮންމެ ކުޅުންތެރިޔަކު އެއްލަނޑު ކާމިޔާބުކުރިއިރު، މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑްރީމް އެފްސީގެ އަހުމަދު ޝައިހާން އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫްޕްގެ އެއްވަނައިގައި ޑްރީމް އެފްސީ އޮތްއިރު، މިމެޗުން ބަލިވި ބޮއްކުރާ ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
6 ޖޫން 2025 އިން 13 ޖޫން 2025 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި ނުވަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕްކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
ޗެންޕިއަން ޓީމަށް 25،000 އަދި ރަނަރަޕް ޓީމަށް 12،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ މިމުބާރާތުގެ ސިލްވަރ ސްޕޮންސްރ އަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ އުރިދޫ އެވެ. އަދި ކިޓް ޕާޓްނަރަކަށް ޖާޒިޔާ ހަމަޖައްސާފައިވާއިރު، ޑިޒައިން ޕާޓްނަރަކީ މޮނޮކްސް ސްޓޫޑިއޯ އެވެ. މީގެ އިތުރުން މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކަށް އިންކް މޯލްޑިވްސް ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ