ސުޕްރީމް ކޯޓުން ނިންމީ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލަ ބަލައިނުގަންނަން

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ. ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ. މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މާރިޗް މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ. ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރު އޭނާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ނަމަވެސް މިދިޔަ މަހުގެ 29ގައި ހައި ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައިވަނީ އެ ދެ މައްސަލަ ވެސް ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ. އެއަށްފަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފައިވަނީ މައްސަލަ ބަލައިނުގަތުމަށެވެ. ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް، ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ: މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާއެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ. ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގައި ކަމަށް އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ވަނީ ބުނެފައެވެ. ޝަމްއާނުގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގައިދިޔަ ގޮތުގެ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. އޭގައިވާ ގޮތުން، ޝަމްއާން ހައްޔަރުކޮށްފައިވަނީ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންނެވެ. އަދި ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ. https://sun.mv/205158 ޝަމްއާނުގެ އާއިލާއިން ތުހުމަތުކުރި ގޮތުގައި، ހޯމްލޭންޑް މިނިސްޓްރީ ހިންގުމާއި އިމިގްރޭޝަން ބެލެހެއްޓުމުގައި އިހުސާން ވަނީ ކޮރަޕްޝަނުގެ އެތައް އަމަލުތަކެއް ހިންގައިފައެވެ. އާއިލާއިން ބުނި ގޮތުގައި ޝަމްއާން ވަނީ އިހުސާނު ހިންގަމުން ދިޔަ ކޮރަޕްޝަނުގެ ކަންތައްތައް މިދިޔަ އަހަރުގެ ޑިސެންބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަމާލު ކަމަށް ގެންނަވައިފައެވެ. ޝަމްއާން ރައީސަށް ފޮނުވި މެސެޖުގައި ބިދޭސީންގެ ކޯޓާ އަދި ވޯކް ޕާމިޓު ދޫކުރުމުގައި އިހުސާން ހިންގަވާ ކޮރަޕްޝަނާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ. އާއިލާއިން ބުނީ ކޮރަޕްޝަނުގެ އަމަލުތައް ސަމާލު ކަމަށް ގެނައުމުން ވެސް ރައީސް އެ ކަމަށް ސަމާލުކަން ނުދެއްވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ