ވަރަށް ފަހަކާ ޖެހެންދެން ވެސް، ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތުމުގެ ހުވަފެން ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، ޒުވާނުންނަށް އަމާޒުކޮށްގެން މިއަދު ގެނެސްދޭން ފެށި ޕޮޑްކާސްޓެއްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 'ދެނޯ'ގެ ނަން ދީފައިވާ ޕޮޑްކާސްޓް ހުށަހަޅައިދެއްވީ ޔޫތު މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަދި ޒުވާނުންގެ ފަރާތުން ރައީސަށް ލަފާ ދޭ ކޮމިޓީއަށް އެމަނިކުފާނު އައްޔަން ކުރައްވާފައިވާ ނަޒާ ނަސީމް އެވެ.
ތަފްސީލު - ޓިކްޓޮކް ކޮންޓެންޓް ވެސް ހައްދަވާ ނަޒާ ވަނީ ރައީސް އެންމެ ފުރަތަމަ އަދާ ކުރެއްވި ވަޒީފާ އާއި ކުރިއަށް ދާން ބޭނުންވެވަޑައިގެންނެވި ދާއިރާއާ ގުޅޭ ގޮތުން ސުވާލު ކުރައްވައިފަ އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ރައީސް ވިދާޅުވިގޮތުގައި:
އެމަނިކުފާނު އުމުރުން 18 އަހަރުގައި އޭލެވެލް ނިންމެވި ގޮތަށް އެންމެ ފުރަތަމަ ވެންނެވީ ސަރުކާރުގެ ވަޒީފާއަކަށް؛ އެއީ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޕްލޭނިން ޓެކްނީޝަން ޓްރެއިނީއަކަށް
ކޮންސްޓްރަކްޝަން މިނިސްޓްރީގައި ވަޒީފާ އަދާ ކުރައްވަން ބޭނުންފުޅުވީ، އެއީ އޭރު ކިޔަވައިގެން ތިބި މީހުން އެންމެ ގިނަ އޮފީހަށް ވުމުން
ކުރިއަށް ދާން ބޭނުންވެވަޑައިގެންނެވީ ސައިންސް/އިންޖިނިއަރިންގެ ދާއިރާއަކުން؛ އެގޮތުން އިލެކްޓްރޯނިކް އިންޖިނިއަރިން އަދި މެކޭނިކަލް އިންޖިނިއަރިން ދާއިރާ ބެއްލެވުމަށް ފަހު އެންމެ ފަހުން އިހުތިޔާރުކުރެއްވީ ސިވިލް އިންޖިނިއަރިން
އެއާއެކު ނަޒާ ސުވާލު ކުރެއްވީ، އޭރު ރާއްޖޭގެ ރައީސަކަށް ވެވަޑައިގަތުމުގެ ހިޔާލު ގެންގުޅުއްވިންތޯ އެވެ.
"ނޯ، ނޯ. ނުވެސް ވިސްނަން. އޭރަކު [އެކަންޏެއް] ނޫން، ވަރަށް ފަހުން ވެސް ނުވިސްނަން [ވެރިކަމަށް އަންނާކަށް]،" ރައީސް ވިދާޅުވި އެވެ.
އެ މައުލޫއުގައި ރައީސް އިތުރު އެއްޗެއް ވިދާޅެއްނުވެ އެވެ.
އެނގުން މުހިންމު - ރައީސް މުއިއްޒު ސިޔާސީ ދާއިރާއަށް ވެންނެވީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރު އުފެދުމާ އެކު 2012ގައި ހައުސިން މިނިސްޓަރަކަށް ވެވަޑައިގެންނެވި ހިސާބުންނެވެ. އޭގެ ފަހުން:
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ފަސް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި
ރައީސް އޭރު އެމްޑީއޭގައި ހުންނެވުމަށް ފަހު، ޔާމީންގެ ވެރިކަން ބަދަލުވުމާ އެކު، ޕީޕީއެމްއާ ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސަކަށް އިންތިހާބުވެވަޑައިގެންނެވި؛ އަދި ފަހުން އެ ޕާޓީގެ ޓިކެޓްގައި މާލޭ މޭޔަރުގެ މަގާމު ކާމިޔާބު ކުރެއްވި
2023ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ އަށްވަނަ ރައީސްގެ ގޮތުގައި ވެރިކަމަށް ވަޑައިގެންނެވީ، ޔާމީންއަށް އެ އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވުމުން، އެމަނިކުފާނުގެ ބަދަލުގައި ޕީޕީއެމް-ޕީއެންސީގެ ޓިކެޓްގައި ވާދަ ކުރައްވައިގެން
ފާހަގަކުރެވޭ - ރައީސް މުއިއްޒު ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވީ އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އޭރު ޕީއެންސީއާ އެކު ކޯލިޝަންގައި އޮތް މައި ޕާޓީ، ޕީޕީއެމްގެ ޓިކެޓްގައި ވެރިކަމަށް ކުރިމަތިލައްވަން ޓިކެޓް ހޯއްދަވައިގެން ހުންނެވި ޔާމީނަށް ފަހު ވަގުތު އިންތިހާބުގައި ވާދަނުކުރެއްވޭ ގޮތްވީ ސުޕްރީމް ކޯޓުން އިއްވި ހުކުމަކާ އެކު އެ ދޮރު ބަންދުވުމާ ގުޅިގެންނެވެ. އޭރު ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގައި ތިއްބެވި ގިނަ ބޭފުޅުން، ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތުގައި އިންތިހާބަށް ނުކުުންނެވުމަށް ޓިކެޓް ހޯއްދެވުމަށް އެކި މަސައްކަތްތައް ކުރެއްވި އެވެ.
ރައީސް މުއިއްޒު ޕީއެންސީގެ ޓިކެޓް ކާމިޔާބު ކުރެއްވީ، އެ ޕާޓީގެ ސެނެޓްގައި ނެގި ސިއްރު ވޯޓަކުން ޕީއެންސީގެ ނައިބު ރައީސް އަދި މިހާރުގެ ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފާ ވާދަކުރައްވައިގެންނެވެ.
ވަރަށް ފަހަކާ ޖެހެންދެން ވެސް، ވެރިކަން ކުރުމުގެ ވިސްނުމެއް ނުގެންގުޅެން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ