ބިމެއް ވިއްކާނެ ކަމަށް ބުނެ ބައިމިލިއަން ރުފިޔާ ނެގި މައްސަލައެއް، އެޗްޑީސީގެ ކުރީގެ މުވައްޒަަފަކަށް ދައުވާ ކުރަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ވިއްކާނެ ކަމަށް ބުނެ، އޮޅުވާލައިގެން އަމިއްލަ މީހެއްގެ އަތުން ބައި މިލިއަން ރުފިޔާ ހޯދިކަމަށް ބުނާ މައްސަލައެއްގައި، އެޗްޑީސީގެ ކުރީގެ މުވައްޒަފަކަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް މިއަދު ފޮނުވައިފިއެވެ. މި މައްސަލަގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ އެޗްޑީސީގެ އެސްޓޭޓް އޮފިސަރުގެ މަގާމުގައި ހުރި މ. ސީވިންޑް، ފުތިޙަ ޝާކިރުގެ މައްޗަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދަން އުޅުމުގެ ކުށުގެ ދައުވާއެވެ. އޭސީސީން ބުނީ، 2022ވަނަ އަހަރު އެޗްޑީސީގެ ނަމުގައި ހުޅުމާލޭ ދެވެނަ ފިޔަވަހިން 2،600 އަކަފޫޓު ބިމެއް ވިއްކާނެ ކަމަށް ބުނެ، އެޗްޑީސީގެ ނަމުގައި ސައްހަ ނޫން ޕޭމަންޓު ސްލިޕްތަކެއް ފުތިހަ ޝާކިރު ތައްޔާރުކުރި ކަމަށެވެ. އެގޮތުން، ޖުމުލަ 550،000 (ފަސް ލައްކަ ފަންސާސްހާސް) ރުފިޔާ އަމިއްލަ މީހެއްގެ އަތުން ފުތިހަ ޝާކިރު ހޯދާފައިވާ ކަން ތަހުގީގަށް ހޯދިފައިވާ އޭސީސީން ވަނީ ފާހަގަކޮށްފައެވެ. އޭސީސީން ވަނީ، ދައުވާގެ ތެރެއިން އެ ރުފިޔާތައް ހޯދުމަށް ޕީޖީގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ