ކަނޑެވާރެހާ އިހްތިޞާޞުން ވަކިކުރުމަކީ ހައްގުތަކަށް އަރައިގަތުން، އަނބުރާދޭންޖެހޭ: ކައުންސިލް
އިންޓަގްރޭޓެޑް ޓޫރިޒަމްގެ ބޭނުމަށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ގަރާރަކުން ގދ. ކަނޑެވާރެހާ އެ އަތޮޅު ހޯޑެއްދޫގެ އިހުތިޞާސުން އިއްޔެ ވަކިކުރުމަކީ ރައްޔިތުންނަށް ، ހޯނޑެއްދޫ ކައުންސިލުން އެ ކަން ކުށްވެރިކޮށްފިއެވެ. އެ ކަމާ ގުޅިގެން އެ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައިވަނީ ކަނޑެވާރެހާއަކީ 2020 ވަނަ އަހަރު ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ޤަރާރަކުން އެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމަނައިފައި އޮތް ފަޅުރަށެއް ކަމަށެވެ. އަދި ރަށްރަށުގެ އިޚްތިޞާޞް ކަނޑައެޅިއިރު އެ ރަށުގެ އިޚްތިޞާޞްގެ ތެރޭގައި ކަނޑެވާރެހާ ހިމަނައިފައި އޮތުމަކީ އެ ކައުންސިލާއި ރައްޔިތުން، ޓޫރިޒަމް ތަރައްޤީކުރުމަށް ކުރި އުންމީދަށް އިތުރު ހިތްވަރެއް ލިބުނު ކަމެއް ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި މިއަދު ހޯނޑެއްދޫ އަކީ ޓޫރިޒަމްގެ ވިޔަފާރިއަށް ފައްކާވެފައިވާ، ހުވަދު އަތޮޅުގެ ނސްބަތުން ޓޫރިސްޓް އެނދު އެންމެ ގިނަ އެއް ރަށް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން އެ ފަޅުރަށް، ހޯނޑެއްދޫ ކައުންސިލުގެ އިހްތިޞާޞުން ނެގިއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖެނުއަރީ ހަތްވަނަ ދުވަހު އެ ރަށަށް ވަޑައިގެން އެ ކައުންސިލާ ބައްދަލުކޮށް، އިންޓަގްރޭޓެޑް ޓޫރިޒަމަށް ކަނޑެވާރެހާ ކަނޑައެޅުމަށް ހުރި ހުރަސްތައް ނައްތައިލައްވާނެ ކަމަށް ވެސް ވަޢުދު ވެވަޑައިގެންފައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި 2023 ވަނަ އަހަރު ރިޔާސީ ކެމްޕެއިނުގައި ވެސް ކަނޑެވާރެހާ، އެ ރަށުގެ ޓޫރިޒަމަށް ތަރައްގީކުރަން ކުރަންޖެހޭ ހުރިހާ ކަންކަން ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައި އޮތް ކަމަށް ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ކަނޑެވާރެހާއަކީ، ހޯނޑެއްދޫގެ ބިނާވެށި ޕްލޭންގައި، ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މޮޑެލްގެ ދަށުން ތަރައްޤީކުރުމަށް ފާސްކޮށްފައި އޮތް ރަށެއް ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެއާއެކު އެ ރަށް އިހްތިޞާޞުން ވަކިކުރުމުން ހޯނޑެއްދޫގެ ރައްޔިތުންނަށް ލިބޭނެ ގެއްލުންތައް ވަޒަންކުރުމެއްނެތި، އެ ފަދަ ނިންމުމެއް ސަރުކާރުން ނިންމުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށް އެ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ. އަދި އެ ކައުންސިލުން ވަނީ ތިން ކަމަކަށް ރައީސަށް ގޮވައިލައިފައެވެ. އެއީ: ހޯނޑެއްދޫގެ އިޚްތިޞާޞްގެ ތެރެއިން ކަނޑެވާރެހާ ވަކިކުރުމުގެ ނިންމުން ވަގުތުން އަނބުރާ ގެންދިއުމަށް. ހޯނޑެއްދޫގެ ރައްޔިތުންނާ މަޝްވަރާކޮށް، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ދެނެގަތުމަށްފަހު ނިންމުންތައް ނިންމުމަށް. ރަށްރަށުގެ އިޚްތިޞާޞްތަކަށް ބަދަލު ގެނައުމުގައި އިންސާފުވެރި އަދި ހާމަކަން ބޮޑު އުސޫލުތަކެއް ޤާއިމުކުރުމަށް. ކައުންސިލުން ބުނީ ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞުން ވަކިކުރުމަކީ ރަށުގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އިޤްތިޞާދީ ތަރައްޤީއަށް ހުރަސްއެޅި، ރައްޔިތުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށެވެ. "ވީމާ، މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން މިކަން އަލުން މުރާޖަޢާކޮށް، ކަނޑެވާރެހާ ހޯނޑެއްދޫގެ އިޚްތިޞާޞްގެ ތެރޭގައި ދެމެހެއްޓުމަށް ގޮވައިލަމެވެ،" ބަޔާނުގައިވެއެވެ. އިހްތިޞާޞުން ކަނޑެވާރެހާ ވަކިކުރިއިރު މިދިޔަ އަހަރު ތެރޭ ހޯޑެއްދޫ ކައުންސިލުން ވަނީ ކަނޑެވާރެހާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކޮށް، ހިންގުމަށް ރާއްޖެއާ ރާއްޖޭން ބޭރުގެ ފަރާތްތަކަށް ބިޑު ހުށަހެޅުމަށް ހުޅުވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ