ފައިސާ ޗާޕުނުކޮށް އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ނުގަނެވޭނެ: ޝަމްހީދު ފައިސާ ޗާޕުނުކޮށް އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ނުގަނެވޭނެ: ޝަމްހީދު

ފައިސާ ޗާޕުނުކޮށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުޅުމާލެއިން ބިމެއް ނުގަނެވޭނެ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފައިސާ ޗާޕު ކުރުމާ ގުޅޭ ގޮތުން އޭނާ ހުށަހެޅުއްވި ގާރާރަށް ބަހުސް ކުރައްވަމުން ޝަމްހީދު ވިދާޅުވީ އެމްއެމްއޭގެ ބެލެންސް ޝީޓުގައި ތިން ބިލިއަން ރުފިޔާ ހަމަނުވާއިރު، 15 ބިލިއަން ރުފިޔާ ދެއްކޭނެ ހަމައެކަނި ގޮތަކީ އިތުރަށް ބޭނުންވާ ފައިސާ ޗާޕު ކުރުން ކަމަށެވެ.
"މިއީ ބިމެއް. ދައުލަތުގައި އެބަހުރި ބައިވަރު ބިންބިން. ދިވެހިރާއްޖޭގައި އައްޑޫ އަތޮޅުން ފެށިގެން ހއ އާ ހަމައަށް ބިން އެބަހުރި. މި ބިމަށް އަގެއް ޖަހާފައި މިތަނަުން ބިމެއް އަޅުގަނޑުމެން އެމްއެމްއޭއަށް މި ވިއްކަނީ. ނޫނީ އެމްއެމްއޭ އިން ގަންނަނީ ހުޅުމާލޭގެ ޓޫރިޒަމް ހާއްސަކޮށްފައިވާ 22 ހެކްޓަރުގެ ބިން. ދެން މި ބިން އެމްއެމްއޭއަށް ގަތީމަ، އެމްއެމްއޭއިން ޖެހޭ މިއަށް ފައިސާ ދައްކަން،" ޝަމްހީދު ވިދާޅުވި އެވެ.
"އެމްއެމްއޭ ބެލެންސް ޝީޓުގައި ނެތް ތިން ބިލިއަން ރުފިޔާ ވެސް. އެހެންވެއްޖެއްޔާ ކިހިނެއްތޯ މި 15 ބިލިއަން ރުފިޔާ ދައްކާނީ އެޗްޑީސީއަށް. ދައްކަން ކުރަން ޖެހޭނެ ހަމައެކަނި ގޮތަކީ އިތުރަށް ބޭނުންވާ ފައިސާ ޗާޕުކުރުން."
ޝަމްހީދު ވިދާޅުވީ އެމްއެމްއޭގެ ބޭނުމަށް ފައިސާ ޗާޕު ކުރެވޭނެ އެއްވެސް ގާނޫނެއް ނެތް ކަމަށާއި ފައިސާ ޗާޕުކުރެވޭނެ އެންމެ މަތީ އަދަދު ވެސް ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ.
"އިހަށްދުވަހު އަޅުގަނޑު ބޮޑު މިކުރީ 2.5 ޕަސަންޓަށް ކުރީމަ އަޅުގަނޑުމެންނަށް ހަގީގަތުގައި ޕްރިންޓް ކުރަން މި ލިބެނީ 800 ނުވަތަ 900 މިލިއަން ރުފިޔާވަރު. އިހަށްދުވަހު މި މަޖިލީހުން ނިންމީ. އެކަމަކު އަޅުގަނޑުމެން މިދަނީ އެމްއެމްއޭ ގަވަރުނަރަށް ހިތުހުރި ގޮތަކަށް ޕްރިންޓްކުރަން. އަޅުގަނޑަކަށް ހީއެއް ނުވޭ ގާނޫނުގެ މި ބުނާ މާއްދާގެ ބޭނުމެއް ދެން އޮތްހެނެއް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ކޭޝް ފްލޯ މެނޭޖްކުރަން ފައިސާ ބޭނުންވާ ކަމަށްވާ ނަމަ، ފައިސާ ޗާޕް ކުރެވޭ އަދަދު މަޖިލީހުން ބޮޑުކޮށްގެން އެކަން އެގޮތަށް ކުރުމަށް ޝަމްހީދު ގޮވައިލި އެވެ.
ޝަމްހީދު ވިދާޅުވީ މަޖިލީހުން ބޭރުން ގޮތްތަކެއް ނިންމައިގެން ގާނޫނާ ހިލާފަށް ފައިސާ ޗާޕުކޮށްފިނަމަ، މުސްތަގުބަލުގައި އެމްއެމްއޭ ވެގެންދާނީ ބޮޑު ޖޯކަކަށް ކަމަށާއި އެއިރުން މުޅި ނިޒާމު ގަނޑުބަނޑު ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ