ވާހަކަ: ގަބުރުސްތާނު - ތިރީސްވަނަ ބައި

އެޕިސޯޑް 30
ކުރީ ހަފްތާގެ ބަޔާ ގުޅޭ
އަހުމަރު އެހެން ބުނުމުން ޔަޒްދާ ބަލައިލި އެވެ. އަދި ހައިރާންވި އެވެ. ބިރު ވެސް ގަތެވެ. އެއް ކުއްޖެއްގެ ލޮލުގެ ކަޅިއެއް ނެތެވެ. އަދި ކޮންމެ އަތެއްގައި އިނީ ވެސް ތިން އިނގިއްޔެވެ. ނިޔަފަތިތައް އެހާ ދިގެވެ. ޔަޒްދާ މަޑުމަޑުން އެ ދަރިފުޅު ނެގި އެވެ. އެއީ އަންހެންކުއްޖެކެވެ. އަހުމަރު ބޭނުންވި ކަހަލަ ކުއްޖެކެވެ. ޔަޒްދާއަށް އެ ކުއްޖާ ގާތްކޮށްލާކަށް ނުކެރުނެވެ. ޔަޒްދާ ކަންތައް ކުރަމުން ދިޔަ ގޮތް ބަލަން އަހުމަރު ހުއްޓެވެ. ޔަޒްދާ ދެވަނަ ކުއްޖާ ނެގި އެވެ. އެއީ ސިއްހަތު ރަނގަޅު ކުއްޖެކެވެ. ހުރިހާ ގުނަވަންތައް ވެސް ހަމައަށް ހުއްޓެވެ. އިންސާނެއްގެ ހުރިހާ ސިފައެއް ހުއްޓެވެ. ދެ ކުދިންގެ ގުނަވަންތަކަށް ވަކިވަކިން ރަނގަޅަށް ބެލި އެވެ. ދެވަނަ ކުއްޖާ އެއީ ފިރިހެން ކުއްޖެކެވެ. ޔަޒްދާ އެ ކުއްޖާ ނަގައި ލޯބި ކޮށްލި އެވެ.
"ތިއީ އެއްވެސް އިންސާފެއް ނޫން. އަންހެން ދަރިފުޅު ވެސް އެއީ ޔަޒްދާ އާއި އަހަރެންގެ ދަރިއެއް. އޭނައަށް ވެސް މަންމަގެ ލޯބި މުހިންމު ވާނެ،" އަހުމަރު ބުންޏެވެ.
"އިންސާފުގެ ވާހަކަ ދައްކަންޏާ ކިޔޭނެ ވަރަށް ގިނަ އެއްޗެހި އެބަ ހުރި. އެކަމަކު އަހަރެން ބޭނުމެއް ނޫން ކަލެއާ ޖަދަލު ކުރާކަށް،" ހިތްހަމަނުޖެހިފައި ޔަޒްދާ ބުންޏެވެ.
"މަށަށް ހެޔޮ މަށާ ވާހަކަ ނުދެއްކިޔަސް. ދަރިންނަށް ދެރަ ގޮތެއް ނުހަދާތި. އަހަރެން އެއްވެސް ދަރިއެއް ތަފާތެއް ނުކުރާނަން. ފިރިހެން ދަރިފުޅަކީ ޔަޒްދާގެ ނަސްލުގެ ދަރިއަކަށް ވުމުން އަހަރެން ދެރައެއް ނުވޭ. އަދި ރުޅިއެއް ވެސް ނާދޭ. ހަމަ އެ ގޮތަށް ޔަޒްދާ ވެސް ޖެހޭނެ ދެ ކުދިން ހަމަހަމަ ކުރަން،" އަހުމަރު ވާހަކަ ދެއްކި އެވެ. "އެހެން ނޫނީ..."
"އެހެން ނޫނީ ކީއްކުރާނީ؟ އަހަރެން މަރާލާނީތަ؟" ޔަޒްދާ ބުންޏެވެ.
"ޔަޒްދާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ތި ކަހަލަ އެއްވެސް ކަމެއް ނުކުރާނެކަން. އަހަރެން ޔަޒްދާ ދެކެ ވަރަށް ލޯބިވޭ."
"ހުސް ދޮގު. ކަލޭމެން ޖެހޭނީ ކަލޭމެންގެ މީހުންނާ ކައިވެނިކޮށް ދަރިން ހޯދަން. ކީއްކުރަން އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލީ؟" ޔަޒްދާގެ ރުޅިއެއް މަޑެއް ނުވެ އެވެ.
"ހެޔޮ ނުވާނެ. ތިހެން ނުބުނެބަލަ. ޔަޒްދާގެ ދިރިއުޅުން ގަސްދުގައެއް ނޫނޭ ހަލާކު ކޮށްލީ."
"އެހެންވީމަ ގަބޫލު ކުރަމެއްނު އެކަން،" ޔަޒްދާ ބުންޏެވެ. އަހުމަރު ދެ ފަރާތަށް ބޯ ހޫރުވާލި އެވެ. އަދި އެ ތަނުން ގެއްލުނެވެ. ޔަޒްދާ ދެ ލޯ މަރާލި އެވެ. ޝިފާޒްގެ ހަނދާންތައް އާވާން ފެށި އެވެ. ކުރިމަތިން ކުއްލިއަކަށް ޝިފާޒް ފެނުން ކަހަލަ އެވެ. ޔަޒްދާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. ނުރޯން ކިތަންމެ ހިތްވަރެއް ކުރިޔަސް ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ޔަޒްދާ ބޭނުންވީ ގަދައަށް ރޯލާށެވެ. ހިތުގައި ހުރި ހުރިހާ ތަދާއި ވޭނެއް ބޭރު ކޮށްލާށެވެ.
އެހެން އޮއްވައި ޔަޒްދާގެ ލޮލަށް ނިދިއަންނަން ފެށި އެވެ. މަޑުމަޑުން ލޯ މެރުނެވެ. ގަދަ ނިދީގައި އޮއްވައި މީހަކު ގޮވާ އަޑަށް ހޭލެވުނެވެ. ގާތުގައި ހުރީ އަހުމަރެވެ. ދަރިފުޅު އުރާލައިގެންނެވެ. ޔަޒްދާ ބަލާލީ ތަވީދު އޮތްތޯ އެވެ. ތަވީދެއް ނެތެވެ.
"އަހަރެންގެ ދަރިފުޅު ދީ. އޭނަ އަހަރެންނާ ވަކި ނުކުރާތި،" އާދޭހުގެ ރާގެއްގައި ޔަޒްދާ ބުންޏެވެ. އަދި ދަރިފުޅުގެ ހަށިގަނޑުގައި އަތްލުމުން އެ އަތް އަހުމަރު ފޮޅުވާލި އެވެ.
"ދެން މީނަ ދުވަހަކު ވެސް ޔަޒްދާއަކަށް ނުފެންނާނެ،" އަހުމަރު ހިނގައިގަތެވެ.
"ތިހެން ނުހަދާ. ގެނޭ މަގޭ ދަރި. ދަރިފުޅާ!" ޔަޒްދާއަށް ވަރަށް ބާރަށް ގޮވާލެވުނެވެ. އެއާއެކު ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. ތަވީދު ވެސް އޮތެވެ. ދެ ދަރިން ވެސް ގާތުގައި ނިދާފައި ތިއްބެވެ. ޔަޒްދާ ފުން ނޭވައެއް ބޭރުކޮށްލި އެވެ.
މުދިންބެ އެތައް މަސައްކަތެއް ކޮށްގެން ވެސް ބަދޫރާ ރަނގަޅުވާ ގޮތެއް ނުވި އެވެ. އެތައް ފަންޑިތައެއް ހެދި އެވެ. ކިޔެވެލި ކިޔަވާ ހެދި އެވެ. ޖިންނި ހާޒިރު ކުރި އެވެ. ނަމަވެސް ބަދޫރާއަށް އެއްވެސް އަސަރެއް ނުކުރި އެވެ. އެންމެ ފަހުން ހުސެން ވެސް ބަދޫރާ ވަރިކުރި އެވެ. މޮޔަވެފައި އިން މީހަކާ ކައިވެނި ކޮށްގެން މުޅި އުމުރު ހޭދަ ނުކުރެވޭނެ ކަމުގައި ބުނަމުންނެވެ. ހުސެންގެ އެ ބަހުރުވަ އަޑުއިވުމުން ނަސްރީނާގެ ހިތަށް އަސަރު ކުރުވި އެވެ. ދަރިފުޅަށް އެ ފަދަ ކަމަކާ ކުރިމަތިލާން ޖެހުނީ އޭނަގެ ކޮން ކުށެއް އޮވެގެންބާވައޭ ނަސްރީނާ ހިތަށް އެރި އެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބެއް ނަސްރީނާއަކަށް ނުލިބުނެވެ. މުދިންބެ ވެސް އަތް ފޮޅާލާފައި ދާން އުޅޭ ކަމުގެ ސިގުނަލެއް ދިނެވެ. ނަސްރީނާ ވިސްނީ ދެން ހަދާނެ ގޮތަކާ މެދުގަ އެވެ. ފަންޑިތަ ހަދާ އެހެން މީހަކު، ކައިރި ރަށަކުން ގެންނަން ވިސްނަމުން ދިޔަ އެވެ. ނަމަވެސް އެކަމުގެ މާ ރަނގަޅު މައުލޫމާތެއް އޭނައަށް ލިބިފައެއް ނުވެ އެވެ. އެކި މީހުން ގާތުގައި އަހަމުން ދިޔަ އެވެ. ދަރިފުޅު އެކަމުން ސަލާމަތް ކުރާނެ ގޮތެއް ހޯދަމުން ދިޔަ އެވެ. އާއިލާ މީހުންނާއި އަވައްޓެރިންނާއި ރައްޓެހިން ވެސް ނަސްރީނާ އާއި ބަދޫރާ ދޫކޮށްލި އެވެ. އަމިއްލަ ރަށުގައި ދެމައިން އެކަނިވި އެވެ. ހާލު ބަލާލާނެ މީހަކު ވެސް ނުވި އެވެ.
ޔަޒްދާގެ ދަރިންނަށް ދެ މަސް ވި އެވެ. އެކަނިމާއެކަނި ދެ ކުދިން ބަލަހައްޓަށް ވަރަށް އުނދަގުލެވެ. ކިތަންމެ ކަމަކާ ކުރިމަތިލާން ޖެހެ އެވެ. ފިރިއަކު ނެތުމުން އެކަނިވެރިކަމާއި ފަޅުކަން ޔަޒްދާއަށް އިހުސާސް ކުރެވެ އެވެ. ޝިފާޒް މަތިން ހަނދާން ނުވާ އެންމެ ދުވަހެއް ވެސް ނުދެ އެވެ. މިއަދު ޝިފާޒް ދުނިޔޭގައި ހުރި ނަމަ ކަންތައް ވެގެން ދާނީ ކިހިނެއްބާވައޭ އޭނަ ހިތަށް އެރި އެވެ. ކުދިންނަށް ނަން ދިނީ "ޝިފާ" އާއި "ޝައްފާން" އެވެ. ޝިފާޒްއާ ގުޅުވައިގެން ކުދިންނަށް ނަން ކިޔުމުން ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. ޔަޒްދާ ކުދިން ގެންގުޅެނީ ގެއިން ނުނެރެ އެވެ. ހާއްސަކޮށް އަންހެން ދަރިފުޅެވެ. ދަރިފުޅުގެ ސިފަ ފެނުމުން މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާފާނެތީ އެވެ. ކޮންމެ ގޮތެއް ވިޔަސް މާ ގިނަ ދުވަހަކު އެހެން ނޫޅެވޭނޭ އޭނަ ހިތަށް އަރަ އެވެ. ނަމަވެސް އުޅެވެން އޮތްހާ ދުވަހަކު ޔަޒްދާ އުޅޭނީ އެހެންނެވެ.
މިވީ ދެ މަސް ދުވަހުގެ ތެރޭގައި އަހުމަރުގެ އެއްވެސް ހަބަރެއް ނުވެ އެވެ. ޔަޒްދާއަށް އެއްވެސް އުނދަގުލެއް ވެސް ނުވެ އެވެ. އޭނާ ގަބޫލު ކުރީ އެއީ ތަވީދުގެ ބާރުގައި ވީ ކަމެއް ކަމުގަ އެވެ. ވުމާއެކު އެ ތަވީދު އެންމެ ހިނދުކޮޅަކަށް ވެސް އޭނަގެ ހަށިގަނޑުން ވަކިނުކުރެ އެވެ. އިރުކޮޅަކާ އޭތި އޮތްތޯ ވެސް ބަލާލެވެ އެވެ. ޔަޒްދާ ބޭނުންވީ މުދިންބެ ލައްވައި އޭނަގެ ދެ ކުދިންނަށް ވެސް ދެ ތަވީދު ހަދުވާށެވެ. އެއީ އެ ކުދިންގެ ރައްކާތެރިކަމަށެވެ. އަހުމަރާ ދޭތެރޭ އޭނައަށް އެއްވެސް އިތުބާރެއް ނޯވެ އެވެ. ކޮންމެ ވަގުތެއްގައި ވެސް އަހުމަރު އަތުވެދާނެ އެވެ. އަދި އޭނާ އަތުން ކުދިން އަތުލައިފާނެ އެވެ. އެ ކަމާ ޔަޒްދާ ވަރަށް ކަންބޮޑުވެ އެވެ. ވިސްނެ އެވެ. އަހުމަރު ވެސް ބުނާހެން، ޝިފާއަކީ ވެސް ޔަޒްދާގެ ދަރިއެކެވެ. އެ ކުއްޖާއާ ދޭތެރޭ ޔަޒްދާއަށް ވިސްނެ އެވެ. އޭނަގެ މުސްތަގުބަލުގައި ވާނީ ކިހިނެއްބާވައޭ ހިތަށް އަރަ އެވެ. ގައިމު ވެސް ބޮޑުވި ވަރަކަށް އެތައް ސުވާލެއް އަންނާނެ އެވެ. މީހުންގެ ލޯތަކަށް އޭނައެއް ނުފޮރުވޭނެ އެވެ.
"ވަހީދާ ބުނެބަލަ. އަހަރެން ދެން ކިހިނެއް ހަދާނީ؟" ޔަޒްދާ ކަންބޮޑުވެފައި އަހާލި އެވެ.
"މަށަށް ފެންނަނީ ދެ ކުދިން ވެސް ޔަޒޫ ބަލަން. ތިއީ ޔަޒޫގެ ދަރިން. އެ ޖިންނިއެއް ދެން ނާންނާނެ. ޔަޒޫ މީހަކާ އިނދެބަލަ. އޭރުން ތި ހުރިހާ ކަމަކަށް ހައްލު ލިބޭނެ،" ވަހީދާ ބުންޏެވެ.
"ވަހީދާއަށް ތިޔަހާ ޔަގީންކަމާއެކު ކިހިނެއް ބުނަން އެނގެނީ؟ އޭނަ ހަމަ އައިސްދާނެއެއްނު. އެ ދުވަހުން އަހަރެންގެ ދަރިން ގެންދަން އޭނަ މަސައްކަތް ކުރާނެ. ދެން ތި ބުނީ މީހަކާ އިންނާށޭ. އިންނަ މީހަކު އަހަރެންގެ ދަރިންނެއް ބަލައެއް ނުގަންނާނެ. އެ ކުދިން ދެކެ ލޯތްބެއް ނުވާނެ. އަހަރެން ބޭނުމެއް ނޫން އެ ކަހަލަ ފިރިއެއް،" ޔަޒްދާ ބުނެލި އެވެ.
"ތިޔަ ބުނާ އަހުމަރެއް އަންނަންޏާ އަންނަހާ ދުވަސް ވެއްޖެއެއްނު. ޔަޒޫ ތި ބުނީ ޔަޒޫ ވިހޭ ރޭ އައި ގޮތަށް ދެން ލޮލަށް ވެސް ނުފެނެއޭ."
"އާނ. ލޮލަކަށް ނުފެނޭ. އެކަމަކު އަހަރެންނަށް ހީވަނީ އޭނަ އަހަރެންނާއި ދަރިންނަށް ވަރަށް ގާތުން ބަލާހެން. އަބަދުވެސް އެކި ދިމަދިމާއަށް ބެލޭ. ހީވަނީ ކޮންމެވެސް ތަނެއްގައި ބަލަހައްޓައިގެން ހުންނަ ހެން،" ޔަޒްދާ ބުންޏެވެ. "ދެން ނޭނގެ. މިއީ ހީވާ ގޮތް ކަމުގައި ވެސް ވެދާނެ."
"އާނ. ތިއީ ޔަޒޫގެ ވަހުމެކޭ. މަށަކަށް ދެން ހިއެއް ނުވޭ އޭނަ އަންނާނެ ހެންނެއް. ޔަޒޫ އޭނައާ ދޭތެރޭ ނުވިސްނައި، ދިރިއުޅުމާއިގެން ކުރިއަށް ދެވޭތޯ ބަލާބަލަ. މީހަކާ އިންނަން ވިސްނާބަލަ. ތިހެން އަބަދަކު ނުހުރެވޭނެއެއްނު. ޔަޒޫއަށް ވެސް ފިރިއެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ. ދަރިންނަށް ވެސް ބަފައެއްގެ ލޯބި ބޭނުންވާނެ. ޔަޒޫ އެ ކަންކަމާ ހިޔާލެއް ނުކުރަންތަ؟" ވަހީދާ ވިސްނާދިނެވެ.
"ވަހީދާއަށް ކިހިނެއް ހީވަނީ؟ އަހަރެން ނުވިސްނާނޭ؟ ތި ކަންކަމާ އަހަރެން ވެސް ވިސްނަމޭ. ފިކުރު ވެސް ކުރެވޭ." ޔަޒްދާ އެހެން ބުނުމާއެކު ވަރަށް ބާރުގަދަ އަޑެއް އިވުނެވެ.
-ނުނިމޭ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ