އޭޕްރީލް 28ގައި ޕްރިމިއާކުރާ ދިވެހި ފިލްމު 'އަބަދަށް'ގެ ޓިކެޓު ބުކިންއަށް ހުޅުވާލުމާ އެކު ބޮޑު ތަރުހީބެއް ލިބި، ފުރަތަމަ ތިން ޝޯގެ ޖާގަތައް ހުސްވާން ކައިރިވެފައިވާ ކަމަށް އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މި އަހަރު އޮލިމްޕަހުގައި އަޅުވާ ފުރަތަމަ ފިލްމު 'އަބަދަށް' އަކީ ކުޅަދާނަ ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކޮށް، ތަޖުރިބާކާރު ޕްރޮޑިއުސަރު ހުސައިން ނޫރައްދީން ނާސިރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
ތަފްސީލު - 'އަބަދަށް' ފިލްމުގެ ފުރަތަމަ ތިން ޝޯގެ ޓިކެޓު ބުކިންއަށް ހުޅުވާލީ އިއްޔެ އެވެ. ފިލްމުގެ ޕްރޮޑިއުސަރު ނޫރައްދީން 'ދައުރު'އަށް ވިދާޅުވީ ބުކިންއަށް ހުޅުވާލުމާ އެކު އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި "ދުވަހަކު ވެސް ބުކިން ހަދަން ނުގުޅާ ވަރަށް މީހުން އެބަ ގުޅާ" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި:
ފުރަތަމަ ތިން ޝޯއަށް ޓިކެޓު ބުކް ކުރުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12
ޓިކެޓު ބުކްކުރަން އެއްވެސް އަގެއް ނުނަގާނެ
ބުކްކުރި މީހުންނަށް ޓިކެޓު ވިއްކަން ފަށާނީ ބުރާސްފަތި ދުވަހުގެ މެންދުރު 2 ޖަހާއިރު
މާދަމާ ރޭ (ބުދަ ދުވަހުގެ ރޭ)ގެ ނިޔަލަށް ޓިކެޓު ބުކްކުރާ މީހުންނަށް ޓިކެޓު ގަންނަން އަންނަން ޖެހޭ ގަޑި ދުރާލާ ބުނާނެ؛ ބުރާސްފަތި ދުވަހުގެ ހެނދުނު ޓިކެޓު ބުކްކުރާ މީހުން އަންނަން ޖެހޭ ގަޑި ހަމަ އެ ދުވަހު ބުނާނެ
ތިން ޝޯގެ ތެރެއިން އެ މީހަކު ބޭނުން ޝޯއެއް ހިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ؛ ޖާގަ ހުސްވުމުން އިތުރަށް ތިބި މީހުންނަށް އޭގެ ފަހުން އަޅުވާ ޝޯތަކުން ޖާގަ ލިބޭނެ
އޮލިމްޕަހަށް ޒިޔާރަތްކޮށްގެން ނުވަތަ 7447555 ނަންބަރަށް ގުޅައިގެން ޓިކެޓު ބުކްކުރެވޭނެ އެވެ.
ކާސްޓުން:
ވާޝިޔާ މުހައްމަދު
އަހްމަދު ޝާރިފް
ޔޫސުފް ޝަފީއު (ޔޫއްޕެ)
އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)
ސޫޒަން އިބްރާހިމް ފުޅު
ފިލްމުގެ ޕްރޮޑިއުސަރު ނޫރު މީގެ ކުރިން ވިދާޅުވީ 'އަބަދަށް' ވެގެން ދޭނީ އަނެއްކާވެސް ގައުމު ހޭލައްވާލާ ވަރުގެ ޕްލޮޓަކަށް ކަމަށެވެ.
"މި ޕްލޮޓަށް ބަލާއިރު މިއީ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއްގައި މައްޗަށް ހެދޭ ފިލްމެއް. މި ފިލްމަކީ އާންމުންގެ ގިނަ ބަޔަކަށް ދިމާވެފައި ނޫނިއްޔާ އާންމުންގެ ގިނަ ބަޔަކަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ނޫނިއްޔާ ބަލައިލަން ބޭނުންވެފައި ހުރި ކަންތަކެއް އެކުލެވިގެންވާ ފިލްމެއް،" ފިލްމު ތަފާތު ވާނެ ކަމުގެ ޔަގީންކަން ދެމުން ނޫރު ބުންޏެވެ.
ފިލްމާ ބެހޭގޮތުން ޑައިރެކްޓަރު މޫމިން ވިދާޅުވީ މި ފިލްމުން އެކި ކަހަލަ އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭނެ ކަމަށެވެ.
"އޭގެ ތެރޭގައި އެބަ އުޅޭ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް. އޭގެ ތެރޭގައި އުޅޭ އާއިލާ ތެރޭގައި އޮތް ހަމަނުޖެހުން އަދި އޮތް ދުރުކަން ވެސް، އަމިއްލަ އެދުމާ ދަހިވެތިކަން ވެސް،" މޫމިން ކިޔައިދިނެވެ.
މި މަހު 28ގައި ޕްރިމިއާ ކުރާ މި ފިލްމުގެ ޓްރެއިލާ 28 މާޗުގައި ވަނީ އާންމުކޮށްފަ އެވެ.
ފިލްމުގެ ޓްރެއިލާ އާއި އިތުރު މައުލޫމާތު: ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް އަދި ޓިކްޓޮކް
''އަބަދަށް'ގެ ފުރަތަމަ 3 ޝޯ ވިކި ހުސްވަނީ؛ އަދި ފުރުސަތު އެބައޮތް'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ