ޕާކިސްތާނުން ހަ ދާއިރާއަކުން ތަމްރީން ހެދުމުގެ 50 ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި ޕާކިސްތާނުން ހަ ދާއިރާއަކުން ތަމްރީން ހެދުމުގެ 50 ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފި

ސްޓްރޯންގް ސިޓީޒް ނެޓްވޯކްގެ އޭޝިއާ ޕެސިފިކް ރީޖަން އިން މާލެ ސިޓީ ކައުންސިލަށް ޕާކިސްތާނުން ހަ ދާއިރާއަކުން ތަނަވަސްކޮށްދިން 50 ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ޕާކިސްތާނަށް ދަތުރު ކުރުމުގެ ހަރަދާއި، ހުރުމާއި ކެއުން އަދި ކޯސް ފީގެ ހަރަދު ހަމަޖައްސައިދޭ އެ ތަމްރީން ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލީ އޭޕްރިލް 20، 2025 ވާ އާދީއްތަ ދުވަހުގެ 2:00 ގެ ކުރިންނެވެ.
އޮންލައިން އެޕްލިކޭޝަން ފޯމް ފުރައިގެން ކަނޑައަޅާފައިވާ އޯލެވެލް އާއި ތައުލީމީ ސެޓްފިކެޓްތައް ނުވަތަ ގްރޭޑް 10 ލީވިން ސެޓްފިކެޓް އަދި އައިޑެންޓިޓީ ކާޑު އެޓޭޗް ކުރަން ޖެހޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ތަމްރީން ހަދަން ފުރުސަތު ލިބޭ މީހުންނަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި މާލެ ސިޓީގައި ރަށްވެހިވެފައިވުމާއި އުމުރުން 18 އަހަރާއި 35 އަހަރުގެ ދެމެދުގެ ޒުވާނަކަށްވުން އަދި ގްރޭޑް 10 އާ ހަމައަށް ތައުލީމް ހާސިލްކޮށްފައިވުން ހިމެނެ އެވެ.
ތަމްރީން ޕްރޮގްރާމަށް ހޮވޭ މީހުންގެ ނަންތައް ޝޯޓްލިސްޓުކޮށްފައި އެޕްރިލް 25، ގެ ކުރިން އަންގާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
ތަމްރީން ހަދަން ޝޯޓްލިސްޓްކުރެވޭ މީހުން ޕާކިސްތާނަށް ދިޔުމަށް ހަމަޖެހިފައި ވަނީ މެއި ނުވަތަ ޖޫން މަހު އެވެ. އެތަނުގައި ތަމްރީން ހަދާނީ 12 ހަފްތާ އާއި 24 ހަފްތާއާ ދެމެދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ