އައިޕީއެލް: ސުޕަ އޯވަރުގައި ރާޖަސްތާން ބަލިކޮށް ދިއްލީ ތާވަލުގެ ކުރިއަށް އައިޕީއެލް: ސުޕަ އޯވަރުގައި ރާޖަސްތާން ބަލިކޮށް ދިއްލީ ތާވަލުގެ ކުރިއަށް

ދިއްލީ، އިންޑިއާ (އޭޕްރީލް 17) - މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މި ސީޒަނުގައި ފުރަތަމަ ފަހަރަށް ސުޕަ އޯވަރެއް ކުޅެން ޖެހުނު މެޗުން، ރާޖަސްތާން ރޯޔަލްސް ބަލިކޮށް، ދިއްލީ ކެޕިޓަލްސް އިން ތާވަލުގެ ކުރިއަށް ޖެހިލައިފި އެވެ.
ރޭގެ މެޗުގައި، ޓޮސް ދިމާވުމުން ރާޖަސްތާނުން ނިންމީ ފީލްޑް ކުރުމަށެވެ. ދިއްލީން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން ހެދީ 188 ލަނޑެވެ. ޖަވާބުގައި، ރާޖަސްތާނުން ކުޅެން ނުކުމެ، 20 އޯވަރު ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 188 ލަނޑެވެ.
ނަތީޖާ ނެރެން ކުޅުނު ސުޕަ އޯވަރުގައި، ފުރަތަމަ ކުޅެން އެރި ރާޖަސްތާނަށް ހުރިހާ ކުޅުންތެރިން ނުބައިވެގެން 11 ލަނޑު ހެދުނުއިރު، ޖަވާބުގައި ކުޅެން އެރި، ދިއްލީން ވަނީ ހަތަރު ބޯޅައިން 13 ލަނޑު ހަމަކޮށް މެޗުން މޮޅުވެފަ އެވެ. ސުޕަ އޯވަރުގައި ދިއްލީ ޓީމުން ތަފާތު ދެއްކީ، ކޭއެލް ރާހުލް އެވެ. އޭނާ ތިން ބޯޅައިން ހަތް ލަނޑު ހެދި އެވެ.
މެޗުގައި، ދިއްލީ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ، އޮސްޓްރޭލިއާގެ ބޯލަރު މިޗެލް ސްޓާކް އެވެ. ހަތަރު އޯވަރުގައި އުކިއިރު، އޭނާ ވަނީ 36 ލަނޑަށް އެއް ވިކެޓް ނަގައިފަ އެވެ. އަދި، ރާޖަސްތާން ކުޅުންތެރިންނަށް ޕްރެޝަރު ވަގުތުގައި އެންމެ ބޮޑު ހާސްކަމެއް ކުރިމަތިކުރުވި އެއް ކުޅުންތެރިއަކީ ސްޓާކް އެވެ.
ދިއްލީން ތާވަލުގެ އެއް ވަނަ އަށް އެރީ ކުޅުނު ހަ މެޗުން ފަސް މެޗު ކާމިޔާބުކޮށް 10 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް، ތިން ވަނައިގައި އޮތް ރޯޔަލް ޗެލެންޖާސް ބެންގަލޫރު، ހަތަރެއްގައި އޮތް ޕަންޖާބު ކިންގްސް އަދި ފަސް ވަނައިގައި އޮތް ލަކްނައު ސުޕަ ޖަޔަންޓްސް އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެެވެ. މި ޓީމުތަކުގެ ތެރެއިން، ލަކްނައު ހަތް މެޗު ކުޅުނުއިރު، ބާކީ ޓީމުތައް ކުޅުނީ ހަ މެޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ