މިހާތަނަށް އޭސީ ހަރުކުރީ ގާތްގަނޑަކަށް 11 ޕަސެންޓު ކްލާސްރޫމްގައި މިހާތަނަށް އޭސީ ހަރުކުރީ ގާތްގަނޑަކަށް 11 ޕަސެންޓު ކްލާސްރޫމްގައި

ސަރުކާރުން ކުރިއަށްގެންދާ ކޫލް ސްކޫލް މަޝްރޫއުގެ ދަށުން މިހާރު އޭސީ ހަރުކޮށް ނިމިފައިވަނީ ގާތްގަނޑަކަށް 11 ޕަސެންޓު ކްލާސްރޫމްގައި ކަން އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު މިއަދު މަޖިލީހުގައި ހިއްސާކުރެއްވި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވައިކަރަދޫ ދާއިރާގެ މެންބަރު އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަފީއު ވިދާޅުވީ ރާއްޖޭގައި ތައުލީމު ހާސިލުކުރަމުންދާ 3،740 ކްލާސްރޫމުގެ ތެރެއިން 401 ކްލާސްރޫމުގައި 802 އޭސީ ހަރުކޮށް ނިމިފައިވާ ކަމަށެވެ. އެެއީ 10.72 ޕަސެންޓު ކްލާސްރޫމެވެ.
"ދިވެހިރާއްޖޭގައި ގާތްގަނޑަކަށް 3،740 ކްލާސް ރޫމުގައި ދަރިވަރުން ތައުލީމު ހާސިލުކުރަމުން މިދަނީ. މީގެތެރެއިން އަޅގަނޑުމެންނަށް މިހާރު 802 އެސީ 401 ކްލާސްރޫމުގައި ހަރުކުރެވިއްޖެ،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު އިތުރަށް ވިދާޅުވީ އޭސީ ނުކުރެވި ހުރި ސްކޫލްތަކަށް ގަނޑުކޮށް އޭސީތައް މި މަހު ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިދިޔަ އަހަރުގެ ޖޫން މަހު އިއުލާންކުރި ކޫލް ސްކޫލް މަޝްރޫއު ދެ އަހަރު ތެރޭގައި ނިންމާލަން އަމާޒުހިފި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުުއިއްޒުގެ އިރުޝާދާ އެކު މި އަހަރު ތެރޭގައި ސްކޫލްތައް އޭސީ ކުރުމުގެ މަސައްކަތް ނިންމާލާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.
"މި އަހަރު ނިމުމުގެ ކުރިން އިރާދަކުރެއްވިއްޔާމުން ދަރިވަރުން ތައުލީމު ހާސިލު ކުރުމަށް ސްކޫލުގައި ތިބޭ ހުރިހާ ކްލާސްރޫމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާމުން އޭސީކޮށް ނިންމާނަން" މިނިސްޓަރު ވިދާޅުވި އެވެ.
ސްކުލްތައް ފިނިކުރުމަށް އޭސީ ގަންނަން ބެލެނިވެރިން އަތުން ފައިސާ ނަގާ ކަމުގެ ޝަކުވާތައް ފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެޑިއުކޭޝަނުން ބުނީ އެފަދަ ކަމަކަށް ބެލެނިވެރިންނަށް ސްކޫލްތަކުން މަޖުބޫރު ކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ދަށުން އޭސީ ހަރުކުރުމަށް 600 މިލިއަން ރުފިޔާ އަދި އެއަށްފަހު އޭސީތައް ބެލެހެއްޓުމާއި ބިލުތަކަށް އަހަރެއްގެ މައްޗަށް 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ޗާންސެލަރު އަދި ފަންނީ ތަޖުރިބާކާރު ޑރ. ހަސަން ހަމީދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެ ތެރޭގައި ހުރި އެމްއެންޔޫގެ ކެމްޕަސްތަކުގައި ހުރި ޖާގަތައް ފިނިކުރުމަށް ބޭނުންވާ އޭސީތަކުގެ ކަރަންޓު ބިލަށް މަހަކު އަރާ ވަރަށް ބަލައި ހަސަން ވަނީ 15 ކްލާސްރޫމް ފިނިކުރުމަށް މަހެއްގެ މައްޗަށް 795,000ރ. ހޭދަވާނެ ކަމަށް އަންދާޒާކުރައްވާފަ އެވެ. އެ ރޭޓުން ބަލާނަމަ ކަރަންޓަށް އެކަނި އަހަރަކު 168 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ކުދި މަރާމާތާއި ނާލު ފީ އާއި އަދި އެހެނިހެން ފީތައް ހިމެނޭހެން އަހަރެއްގެ މައްޗަށް އޭސީ ބަލަހައްޓައި ބިލު ދައްކަން 178.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ޑރ. ހަސަަން ވަނީ ހިސާބު ޖައްސަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ