އޭދަފުށީ މީހުންނަށް ލިބުނު ހަދިޔާ: މަދުން ނޫނީ ނުފެންނަވަރުގެ ރީތި މިސްކިތެއް

ދުނިޔޭގައި ހުއްޓާ މި މިސްކިތަށް މީހުން އަރާ މަންޒަރު ފެނުމަކީ މުހައްމަދު އަލީގެ އެންމެ ބޮޑު ހުވަފެނެވެ. އުމުރުން 90 އަހަރުން މަތިވެ، އަމިއްލައަށް ހިނގާބިނގާވެ އުޅެން ނުކުޅެދިފައިވާތީ، ފުރޮޅުލީ ގޮނޑީގައި އިނދެގެން ވިޔަސް މިސްކިތުގެ މަސައްކަތް ހިނގާ ގޮތް ބަލަން ކޮންމެ ދުވަހަކު އެ ތަނަށް އޭނާއަށް ދެވެނީ އެހެންވެ އެވެ.
އެކަމަކު ދެން މާ ގިނަ ދުވަހެއް ނެތެވެ. ބ. އޭދަފުށީ ރައްޔިތުންނަށް ހަދިޔާއެއްގެ ގޮތުގައި ބިނާ ކުރާ 'މަސްޖިދު މުހައްމަދު އަލީ' އަންނަ ހުކުރު ދުވަހު ހުޅުވަން ނިންމާފައިވާއިރު އޭނާގެ ހިތް އުފަލުން ވަނީ ފުރިފަ އެވެ.
"ބައްޕަގެ ރިއެކްޝަނަކީތޯ؟ ބުނާނެ ކޮން އިރަކުންތަ ހުޅުވޭނީ؟ ދެން ކޮން އިރަކުންތަ ހުޅުވޭނީ؟،" މުހައްމަދު އަލީގެ ހަގު ފިރިހެން ދަރިފުޅު މުބާހު ރަފީއު ބުނެލި އެވެ.
"އެހާ ވެސް އެ ތަން ހުޅުވޭތަން ބަލަން ބޭނުންވެފައި ހުރީ."
މުހައްމަދު އަލީއަކީ ބ. އަތޮޅުގައި ވެސް ނަން ހިނގާ ވިޔަފާރިވެރި އެކެވެ. އޭނާ އޮޑި ދޯނި ފަހަރު ދުއްވި އެވެ. މަސް ދޯންޏާއި މުދާ އުފުލާ ދޯނި ދުއްވި އެވެ. ފަޅުރަށްރަށް ގެންގުޅުނެވެ. ގަދަޔަށް ވިޔަފާރި ކުރި އެވެ. މި ތަނަވަސްކަމުން ލިބުނު ފައިދާއާ އެކު، އޭނާ ދެން ބޭނުންވީ އޭދަފުށީގެ މީހުންނަށް ރީތި މިސްކިތެއް ހަދިޔާ ކުރާށެވެ. އޭނާ ނެތް ދުނިޔެއެއްގައި ވެސް އޭގެ ފައިދާ ލިބިލިބި ހުންނާނެ ކަމެއް ކުރާށެވެ. މިކަމުގެ ޒިންމާއާ ހަވާލުވީ މުހައްމަދު އަލީގެ 13 ކުދިންނެވެ.
މުބާހު ބުނި ގޮތުގައި، މިސްކިތެއް އެޅުމަކީ އެންމެ ކުރިއްސުރެ ބައްޕަ ދެކެމުން އައި ހުވަފެނެކެވެ. އެހެންވެ، އެ ހުވަފެނުގައި ކުލަ ޖައްސައިދިނުމުގެ ގޮތުން ބައްޕަގެ އަތުންނާއި ކޮންމެ ދަރިއެއް އަތުން ވެސް މިންވަރެއް ނަގައިގެން އެތަން އަޅަން ނިންމީ އެވެ.
މި ފަހުން ސޯޝަލް މީޑިއާގައި ވަނީ، މިހާރު %98 ނިމިފައިވާ އެ މިސްކިތުގެ ފޮޓޯތައް އާއްމުވެފަ އެވެ. އެއާ އެކު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ، ރާއްޖެއިން އާއްމުކޮށް ފެންނަ މިސްކިތްތަކާއި މިތަނުގެ ޑިޒައިން ތަފާތުވުމުންނެވެ. ބޮޑަށް މި ބާވަތުގެ މިސްކިތްތައް ފެންނަނީ މެދު އިރުމައްޗާއި މެދު އިރުމަތީ އޭޝިއާގެ ގައުމުތަކުންނެވެ. ހާއްސަކޮށް އުޒްބެކިސްތާނާއި ތުރުކީ އާއި އޮމާނުންނެވެ.
އާދައިގެ މިސްކިތެއް އަޅަން ނިންމައިގެން ހުރި މުބާހަށް، މި ފަދަ މިސްކިތްތައް ފެނިފައިވަނީ ވެސް އުޒްބެކިސްތާނަށް ކުރި ދަތުރެއްގަ އެވެ.
"އަޅުގަނޑުގެ ކޮއްކޮއަކީ އިންޓީރިއާ ޑިޒައިނާއެއް. އޭނާއަށް ފޮޓޯއެއް ފޮނުވާލާފައި އަޅުގަނޑު ދެންނެވިން މި ގޮތަށޭ މިސްކިތުގެ އެންޓްރެންސް ބަހައްޓަން ބޭނުންވަނީ. ދެން އޭނާ އެ ކުރާހާލާ ނިންމާލާފައި ހުރި އިރު ވަރަށް ރީތިވި،" މުބާހު ބުންޏެވެ.
ދެން މިސްކިތުގެ އާކިޓެކްޗާގެ އެހެން މަސައްކަތްތަކާ ހަވާލުވީ ތުރުކީގެ ކުންފުންޏަކާ އެވެ. އެންމެ ފަހުން ހަތަރު އަހަރު ފަހުން އެ މިސްކިތް ނިމުނު އިރު އެ ތަން ވެފައިވަނީ މަދުން ނޫނީ ރާއްޖެއިން ނުފެންނަ ވަރުގެ ރީތި މިސްކިތަކަށެވެ.
މިސްކިތުގެ އެތެރެ އާއި ބޭރުގައި ހުރީ މާބްލް ޖަހާފަ އެވެ. އެއިން ފެންނަނީ ވިލުނޫކުލަ އާއި ގަދަ ނޫކުލަ އާއި ހިސާބަކަށް ކަޅުކުލަ އާއި ރީނދޫ ކުލަ ހުންނަ ޑިޒައިންތަކެވެ. ގުރުއާނުގެ އާޔަތްތައް ވެސް ކެލިގްރާފްކޮށްފައި ހުންނަނީ، އެ މާބްލްތަކުގަ އެވެ. މިސްކިތަށް ދިވެހި ވަންތަކަން ގެނައުމަށް އޭގައި، ކުރިން ބޭނުން ކުރި ރާއްޖޭގެ 100ރ.ގެ ނޫޓުގައި ހުރި ކުރެހުންތައް ވެސް ހިމަނާފައިވާނެ ކަމަށް މުބާހު ބުންޏެވެ.
މިސްކިތް ނިންމުމަށް، މުހައްމަދު އަލީ އާއި އޭނާގެ އާއިލާ ބޭނުންވާ ވަރަށް ވުރެ ލަސްވި އެވެ. އެންމެ ބޮޑު ސަބަބަކީ، މުބާހު ބުނި ގޮތުގައި، ބޭނުންވާ ހުއްދަތައް ލިބުން ލަސްވުމެވެ. އަދި އެންމެ ރީތިކޮށް އެ ތަން ހެދުމަށް ވެސް ގިނަ ދުވަސްތަކެއް ނެގި ކަމަށް ބުންޏެވެ. އަދި 1،500 މީހުންގެ ބޮޑު މި މިސްކިތް، މިހާ ފުރިހަމައަށް ހެދުމަށް އެ މީހުން ހީކުރި ވަރަށް ވުރެ ބޮޑު ހަރަދެއް ވެސް ހިނގި އެވެ.
އާބާދީ ބޮޑު އޭދަފުށީގައި މިހާރު ވެސް މިހާ ބޮޑު ދެ މިސްކިތް ހުރެ އެވެ. އެކަމަކު ތަރާވީހާއި އީދު ނަމާދު ފަދަ ޖަމާއަތްތަކުގައި މިސްކިތްތައް ފުރެ އެވެ. އެހެންވެ، އާ ސަރަހައްދެއްގައި، އިތުރު ބޮޑު މިސްކިތެއް ހުރުމަކީ އެ ރަށުގެ ގިނަ ބައެއްގެ ވެސް އުއްމީދެކެވެ.
މުބާހު ބުނި ގޮތުގައި، އެ ތަން ރަސްމީކޮށް ހުޅުވަން ބޭނުންވަނީ ރާއްޖޭގެ ރައީސްގެ އަތްޕުޅުންނެވެ. އެކަމަކު އަދިވެސް ކުދިކުދި ބައެއް މަސައްކަތް ހުރުމާ އެކު، މުޅިން ނިމޭނެ ދުވަހު ޔަގީންކޮށް ބުނާކަށް ނޭނގެ އެވެ. އެކަމަކު ބައްޕަގެ އުމުރާއި ބަލި ހާލަތު ހުރި ގޮތުން، މިސްކިތް ހުޅުވުން ލަސްކުރެވޭކަށް ވެސް ނެތެވެ.
"ބައްޕަ އަބަދު ވެސް ބުނާނެ، ބައްޕަ މަރުވުމުގެ ކުރިން މިކަން ކޮށްދޭށޭ. އެހެންވެ، ދެން އިތުރަށް ލަސް ކުރަން ބޭނުން ނުވާތީ ހުކުރު ދުވަހު ހުޅުވަން ނިންމީ،" އޭނާ ބުންޏެވެ.
މިއީ ދަރިން ބައްޕައަށް އަޅައިދިން މިސްކިތެއް ނަމަވެސް މުބާހުގެ ނަޒަރުގައި މިއީ ބައްޕަގެ ހަދިޔާ އެކެވެ. ބައްޕަ އޭދަފުށީގެ މީހުންނަށް ދިން ރީތި، ފުރިހަމަ ހަދިޔާ އެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ