އެމަނިކުފާނު ތެދުވެވަޑައިގެން ހުންނެވީ ރައްޔިތުންނާ އެކުގައި ކަމަށާ، ޤައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާން އޮތީ ހުރިހާ ރައްޔިތުންވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އާންމު އިޖުތިމާއީ އެކި ދާއިރާތަކުން ރައްޔިތުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި، އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
މިވަގުތު ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކުގެ ތެރެއިން ވަކީން ހާއްސަކޮށް، މަސްތުވާތަކެތީގެ މައްސަލައާއި، ގަވައިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ސަރުކާރުގެ އިތުރުން ޝަރުއީ އިމުގެ ތެރެއިންވެސް މިކަންކަމަށް ހައްލު ހޯއްދެވުމަށް ކުރައްވާފައިވާ ކަންކަން ހިއްސާކުރައްވައިފައެވެ.
އެގޮތުން މަސްތުވާތަކެތި އެތެރެކުރުމުގެ ކުށް ސާބިތުވެއްޖެ މީހެއްގެ ހުކުމަށް، މައާފު ނުލިބޭ ގޮތަށް، އެމީހެއްގެ މުޅި އުމުރަށް ތަންފީޒުކުރަންޖެހުމާއި، ގަވައިދާ ހިލާފުވާ ބިދޭސީން ޑީޕޯޓްކުރުމުގައި އަމަލުކުރައްވާ ސިޔާސަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ބިދޭސީންނަށް އެފަދަ ފުރުސަތުތައް ފަހިކޮށްދެވުމުގައި ދިވެހީންގެ ދައުރު އޮތްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ފަސޭހަތަކެއް ހުރިކަމުގައި ވީ ނަމަވެސް، އެކަން ދޫކޮށް، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ގޮވާލައްވައިފައެވެ.
އަދި ވަޒީފާގެ ފުރުސަތުތަކަކީ ހަމައެކަނި ސަރުކާރުގެ ތެރެއިން ފަހިވާންޖެހޭ ފުރުސަތުތަކެއް ނޫންކަމަށާ، އަމިއްލަ ފަރާތްތަކުންވެސް ދިވެހީންނަށް އެ ފުރުސަތުތައް ހާއްސަކުރެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި، ދިވެހި މުޖުތަމައު ކުރިމަތިލާން ޖެހިފައިވާ ހައްސާސް މައްސަލަތަކަށް ތަފްސީލީ ގޮތެއްގައި ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ- ފޮޓޯ/ ރައީސް އޮފީސް
މާފަންނު އަވަށަކީ މުޅި މާލޭ ސިޓީގައިވެސް އެންމެ އާބާދީ ބޮޑު އަވަށަށް ވީ ހިނދު، އެ އަވަށްވެސް ހިމެނޭހެން މުޅި ރާއްޖެއަށް މިއަދު ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ރޭގެ ޖަލްސާގައިވެސް ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، ދައުލަތުން ހުޅުވާލެއްވި ސްކީމެއްގެ ތެރެއިން 1 ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް، އިތުރު ސްކީމަކަށް ކުރިމަތިލެވޭނެ ފުރުސަތު ބަންދުވެފައި އޮތްއޮތުމުގެ ކަންބޮޑުވުމަކީ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުމެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ، މިކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވެފައެވެ.
ގައުމުގެ މައްސަލަތައް ހައްލުވާނީ، ހުރިހާ ރައްޔިތުން ވެސް އަމިއްލަ ނަފުސަށް ތެދުވެރިވެގެން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ