އަންހެނުން މަރާލި ކަމުގެ ތުހުމަތުގައި އިންޑިއާގެ ޑޮކްޓަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ ޑޮކްޓަރެއް އޭނާގެ އަނބިމީހާއަށް ފަރުވާކުރުމުގެ ނަމުގައި ބޭސްތަކެއް ދީގެން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. ބެންގަލޫރަށް ނިސްބަތްވާ އެ ޑޮކްޓަރަކީ ސާޖަންއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. ބެންގަލޫރު ސިޓީއެއް ކަމަށްވާ މަރަތަހައްލީ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައި ވަނީ، މަހެންދްރަ ރެއްޑީ ނަމަކަށް ކިޔާ ސާޖަންއަކު އޭނާގެ އަންހެނުންގެ މަރުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ. މަހެންދްރަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އަންހެނުންގެ މަރަށް ހަ މަސް ވެފައި ވަނިކޮށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އަނބިމީހާ މަރާލުމަށްޓަކައި އޮޕަރޭޝަން ތިއޭޓަރުތަކުގައި ބޭނުންކުރަން ހުއްދަ އޮންނަ ހޭނައްތާ ބޭހެއް އަންހެނުންގެ ގުނަވަންތަކަށް ޖެހުމަށްފަހު އެއީ ގުދުރަތީ މަރެއްގެ ގޮތުގައި ދައްކުވައިދިނުމަށް މަސައްކަތްކުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ. މަހެންދްރަ އޭނާގެ އަންހެނުން ކްރުތިކާއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ މަހެންދްރަގެ 29 އަހަރުގެ އަނބިމީހާ އަކީ ދަތުގެ ބަލިތަކައް ހާއްސަ ޑޮކްޓަރެކެވެ. އެ އަންހެންމީހާގެ އާއިލާގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނާގޮތުން މަރުގެ ހާދިސާ ހިނގާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 21ގައެވެ. ކްރުތިކާ ނަމަކަށް ކިޔާ ދަރިފުޅު ބަލިވެ އުޅޭތީ ކައިރި ހޮސްޕިޓަލަކަށް ދިޔަ ކަމަށާއި ނަމަވެސް ހޮސްޕިޓަލުން ގެނައި އިރު ދަރިފުޅު މަރުވެފައިވާ ކަމަށް އޭނާގެ ފިރިމީހާ އާއިލާއަށް އެންގި ކަމަށް ކްރުތިކާގެ އާއިލާއިން ވަނީ ބުނެފައެވެ. އެއީ ގުދުރަތީ މަރެއް ނޫންކަން ޝައްކު ކުރެވެން ފެށީ އެ މީހުން ދިރިއުޅޭ ގެއަށް ފުލުހުން ގޮސް ހޯދި ހެކިތަކުގެ މައްޗަށް ބުރަވެ ކަމަށް އެ އާއިލާން ވަނީ މައުލޫމާތުދީފައެވެ. އޭގެފަހުން ކްރުތިކާގެ ޕޯސްޓުމޯޓަމް ހެދުމަށްފަހު އޭގެ ރިޕޯޓުތައް ލިބުނުއިރު އެއީ ގުދުރަތީ މަރެއް ނޫންކަން ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ. ދަރިފުޅުގެ ޕޯސްޓްމޯޓަމް ހެދުމަށް އެދުމުން މަހެންދްރަގެ އާއިލާއިން އެކަމާ ދެކޮޅު ހެދި ކަމަށާއި ދަރިފުޅުގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ޑޮކްޓަރަކަށްވެ ހުރެ ދަރިފުޅަށް ސީޕީއާރު ވެސް ދީފައިނުވާ ކަމަށް ކްރުތިކާގެ ބައްޕަ ވަނީ ބުނެފައެވެ. އެ ދެމަފިރިންގެ މެދުގައި މައްސަލަތަކެއްޖެހެން މެދުވެރިވީ ކްރުތިކާ އަކީ ގޭސްޓްރިޓިކްސް މައްސަލައިގެ އިތުރުން ވަރަށް އަވަސް އަވަހަށް ބަލިވާ މީހެއްކަން އެނގުނު ހިސާބުން ކަމަށް އަންހެންމީހާގެ އާއިލާއިން ވަނީ ބުނެފައެވެ. ހަމައެއާއެކު ކައިވެންޏަށްފަހު މަހެންދްރަ ވަނީ ކްރުތިކާގެ ބައްޕަގާތު ޕްރައިވެޓް ހޮސްޕިޓަލެއް ބިނާކުރުމަށް ފައިސާ ބޭނުންވާ ކަމަށް ބުނެ އެކަމަށް ޑިމާންޑްކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މަހެންދްރަގެ އެ ޑިމާންޑްތައް ފުރިހަމަ ނުވުމުން އެކަމާ ވެސް ވަރަށް ބޮޑަށް ރުޅިއައި ކަމަށާއި އެހެންވެ ކްރުތިކާގެ އާއިލާއިން ވަނީ ދެ މީހުންނަށް އެކީގައި މަސައްކަތް ކުރެވޭނެ ކްލިނިކެއް ހުޅުވައިދިނުމަށް އެހީވެދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ކްރުތިކާ މަރުވުމުގެ ކުރިން އޭނާގެ ފިރިމީހާ މަހެންދްރަ ދިޔައީ ގޭސްޓްރިޓިކްސް ބައްޔަށް ފަރުވާ ކުރަމުން ކަމަށާއި ފަރުވާކުރުމުގެތެރޭގައި ހޭނައްތަން ބޭނުންކުރާ ބޭސްތަކެއް އޯވަޑޯޒްވާ މިންވަރަށް އަންހެނުންނަށް މަހެންދްރަ ދިން ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ވަނީ އެނގިފައެވެ. ކްރުތިކާގެ މަރުގެ މައްސަލަ އާއި ގުޅިގެން އޭނާގެ ފިރިމީހާގެ ހަގީގަތް ހޯދިއިރު އޭނާއާ ދެކޮޅަށް ގާނޫނާ ޚިލާފު އެތަކެއް މައްސަލަތަކެއް ހުރިކަން ފަޅާ އަރާފައިވާއިރު އެހެން އަންހެނުންނާ އެކު ނަހަމަ ގުޅުންތައް ހިންގިކަން ވެސް ވަނީ ފަޅާ އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ