ތައިލޭންޑްގެ 3 ބޭހަކަށް ސަމާލުވާން އެދިއްޖެ

ތައިލޭންޑްގެ އުފައްދާ ތިން ބޭހެއްގައި ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަ ކުރެވިގެން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެ ތިން ބޭހަކީ މެޓްފޯމިން ހައިޑްރޮކްލޮރައިޑާއި ރެނިޓިޑީންގެ އިތުރުން ވިޓަމިން އޭ ޔޫއެސްޕީ 200،000 އައިޔޫ އެވެ.
އެތަނުން ބުނީ ތައިލޭންޑުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ، ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އިން ކުރި ތަހުލީލުތަކުން ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަން ޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަމަށް، ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކުން އެ އޮތޯރިޓީއަ ށް އަންގާފައިވާ ކަމަށެވެ.
އަދި މިކަމާ ގުޅިގެން ބެލިބެލުމުން ބޭސް އިމްޕޯޓް ކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން އެ ބްރޭޑްތަކުގެ ބޭސް ރާއްޖެ އިމްޕޯޓްކޮށްފައިކަން ފާހަގަވެފައި ނުވާ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ނަމަވެސް، ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހީން ބޭސް ފަރުވާ އަށް ދާ ގައުމަކަށ ވާތީ އަދި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ، އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ޕޯޓްތަކުން އެތެރެކުރާ ބޭސްތައް ހާއްސަ ސަމާލު ކަމެއް ދީގެން ބަލައި ފާސްކުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެމްއެފްޑީއޭގެ ހޮޓްލައިން ނަމްބަރު 7200321 އިން މައުލޫމާތު ހޯދޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ