ހަނިމާދޫ އެއާޕޯޓުގައި ޑޮލަރު އޭޓީއެމަކާއި ކައުންޓަރެއް ހުޅުވައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ. މި ޚިދުމަތްތައް ފައްޓަވައިދެއްވީ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރައްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ. އެއާޕޯޓްގައި ޑޮލަރު ކައުންޓަރާއި ޑޮލަރު އޭޓީއެމް ވެސް ގާއިމުކުރެވުމުން ހާމަވެގެން ދަނީ އެ ބޭންކުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ތަނަކުން ވެސް ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް ދޭ އަހުމިއްޔަތުކަން ކަމަށް ޝަރީފް ވިދާޅުވިއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗާއި 202 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ޚިދުމަތް ބީއެމްއެލްއިން ވަނީ ގާއިމުކޮށްފައެވެ. އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ