މިދިޔަ ހަފުތާ މާލެއާއި ސިނަމާލެ ބުރިޖުގައި 45 އެކްސިޑެންޓު ހިނގައި، ތިން މީހަކަށް އަނިޔާވި

މިދިޔަ ހަފުތާ މާލެއާއި ސިނަމާލެ ބުރިޖުގައި ޖުމުލަ 45 އެކްސިޑެންޓު ހިނގައި، ތިން މީހަކަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން ވަނީ، މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މާލެއާއި ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓުތަކުގެ ތަފުސީލުތައް ހިއްސާކޮށްފައެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި، އެންމެ ގިނައިން އެކްސިޑެންޓުތައް ހިނގާފައި ވަނީ މާލޭގައެވެ. އެއީ، 42 އެކްސިޑެންޓު ކަމަށްވާއިރު، ސިނަމާލެ ބުރިޖުގައި ހިނގީ ތިން އެކްސިޑެންޓެކެވެ. ޖުމުލަ 45 އެކްސިޑެންޓު ހިނގިއިރު، އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު އެކަނި ވެސް 10 އެކްސިޑެންޓު ހިނގިއިރު، މިދިޔަ ހޮނިހިރު ދުވަހު ހިނގީ އަށް އެކްސިޑެންޓެކެވެ. https://x.com/PoliceMv/status/1992900145378103356 މި ހާދިސާތަކުގެ ތެރޭގައި ހިމެނެނީ، ސީރިއަސް ދެ އެކްސިޑެންޓާއި އިތުރު 43 އެކްސިޑެންޓެވެ. މި އެކްސިޑެންޓުތަކުގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ. އަދި، 37 އުޅަނދަކަށް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި ގިނައިން އެކްސިޑެންޓުތައް ހިނގާފައި ވަނީ، ދުވާލުގެ ވަގުތުތަކުގައެވެ. އެގޮތުން، ދުވާލު 33 އެކްސިޑެންޓު ހިނގާފައިވާއިރު، ރޭގަނޑުގެ އެކި ވަގުތުތަކުގައި ވަނީ، 27 އެކްސިޑެންޓު ހިނގާފައެވެ. އެކްސިޑެންޓުތަކުގެ ވައްތަރުތަކަށް ބަލާއިރު، އެންމެ ގިނައިން މިދިޔަ ހަފުތާގައި އެކްސިޑެންޓުތައް ހިނގީ، ސައިކަލާއި ކާރު ޖެހިގެންނެވެ. އެ ބާވަތުގެ 11 އެކްސިޑެންޓު ހިނގާފައިވާއިރު، ސައިކަލު ސައިކަލާ ޖެހިގެން ނުވަ އެކްސިޑެންޓެއް ހިނގިއެވެ. ފުލުހުން އެކްސިޑެންޓުތަކުގެ ހިސާބުތައް އާންމުކުރާއިރު، ދޭތެރެއަކުން ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވެއެވެ. އެގޮތުން، މި މަހުގެ 10 ވަނަ ދުވަހު ވެސް ވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ