ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް ޚާއްސަ ސަމާލުކަމެއް ނުދެން: ޖޭއެސްސީ

ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމުގައި އެ ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުނުކުރާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.
ޖޭއެސްސީން މިހެން ބުނެފައި ވަނީ ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަން ފެށުމާ ގުޅިގެން އާންމުންގެ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނަކީ ޤާނޫނުއަސާސީއާއި، އެ ކޮމިޝަންގެ ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުސްތަޤިއްލު މުއައްސަސާއެއް ކަމަށެވެ. އަދި ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު ފުރިހަމަޔަށް ފޯރުކޮށްދޭ ފަނޑިޔާރުގެއެއް ބިނާކުރުމަކީ ޖޭއެސްސީގެ މައިގަނޑު މަސްއޫލިއްޔަތު ކަމަށް ވެސް ބަޔާނުގައިވެއެވެ.
މިކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނުން ދަނީ ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، އެބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަމުން ކަމަށް އެ ކޮމިޝަނުން ބުންޏެވެ. މީގެ އިތުރުން ފަނޑިޔާރުންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ޝަރީޢަތް ހިންގާ ފަނޑިޔާރުން އަވަސްކަމާއެކު ޢަދުލުވެރި އިންސާފު ދެމުންދާތޯ ބަލަހައްޓަމުންދާ ކަމަށް ޖޭއެސްސީން ވަނީ ހާމަކޮށްފައެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ވަކި ފަރާތަކަށް ނުޖެހި، ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް، ޤާނޫނުތަކުގެ އަލީގައި މައުލޫމާތު ސާފުކޮށް، ހުރިހާ ކަމެއް ފުރިހަމައަށް ބެލުމަށްފަހު ނޫނީ ފިޔަވަޅު ނާޅާކަމަށް ޖޭއެސްސީން ބުނެއެވެ. މިކަމުގެ ހެކިތަކުގެ ގޮތުގައި ކޮމިޝަނުން ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރު ހުށަހެޅުނު 176 ޝަކުވާގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާއެވެ. އަދި ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ޖުމްލަ 6 ފަނޑިޔާރުންނަށް (ޖުމްލަ ޝަކުވާގެ 3.4 އިންސައްތަ) އެކަންޏެވެ.
ޖޭއެސްސީން ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ކޮމިޝަނުން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށެވެ. ވަކި ފަނޑިޔާރަކަށް ނުވަތަ ވަކި ކޯޓަކަށް ނިސްބަތްވުމުގެ ސަބަބުން ތަޙްޤީޤުކުރުމަކަށް ނޫނެވެ. އެހެންކަމުން، ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް ނުދެކޭ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ