ނިއުޔޯކް ސިޓީގެ މޭޔަރުކަމަށް ހޮވިފައިވާ ޒޮހޮރާން މަމްދާނީއާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގައި ބޭއްވެވި ބައްދަލުވުމަކަށްފަހު، ދެބޭފުޅުން ވެސް އެއްބޭފުޅަކު އަނެއްބޭފުޅަކަށް ތަޢުރީފްކުރައްވައި، ނިއުޔޯކްގައި ދިރިއުޅުމުގެ ޚަރަދު ހެޔޮކުރުމާއި، ހައުސިންގ މަޝްރޫޢުތައް ހިންގުމާއި، އާންމު ރައްކާތެރިކަން ކަށަވަރުކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި އެއްބަސްވެފައިވާކަން ހާމަކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ ތެރެއިން، ކުރިން ހުރި ފިކުރީ ތަފާތުތަކާ ދެކޮޅަށް، ދެ ބޭފުޅުންގެ ދެމެދުގައި ހޫނު ގުޅުމެއް އުފެދިފައިވާކަން ފާހަގަކުރެވުނެވެ. އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މަމްދާނީއާ އެކު މުހިންމު އަދި ނަތީޖާ ނެރެވޭފަދަ ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އަދި ދެ ބޭފުޅުންގެ ނިޔަތަކީ ވެސް އެބޭފުޅުން އެދެކެ ލޯބިވާ ނިއުޔޯކް ސިޓީއަށް ހެޔޮގޮތްތައް މެދުވެރިކުރުން ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޓްރަމްޕް ވަނީ މަމްދާނީ މޭޔަރަކަށް ހޮވުންވީ "ފުރިހަމަ" ކާމިޔާބީއެއް ކަމަށް ސިފަކުރައްވައި މަމްދާނީއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި މަމްދާނީ ވަރަށް ގިނަ ކުޅަދާނަ ބޭފުޅުންނާ ވާދަކުރައްވައި ކާމިޔާބު ކުރުމަކީ ހައިރާންކުރުވަނިވި ކަމެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި މަޝްވަރާތަކުގައި، ދިރިއުޅުމުގެ ޚަރަދު ބޮޑުވުމާއި "ގެދޮރު އެޅުން އަވަސްކުރުމުގެ" މުހިންމުކަމަށް ބޮޑު ސަމާލުކަމެއް ދެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
"އަޅުގަނޑު ކުރާ ކޮންމެ ކަމަކީ ނިއުޔޯކަށް ފައިދާހުރި ކަމަކަށް ވާނެ... ނިއުޔޯކަށް ވަރުގަދަ އަދި ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި އެންމެންގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާއަށް އަޅުގަނޑުމެން އެހީތެރިވާނަން،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.
މަމްދާނީ ވިދާޅުވީ ބައްދަލުވުމަށް ޝުކުރުވެރިވާ ކަމަށާއި، މަޝްވަރާތަކުގެ މައިގަނޑު މައުޟޫއަކީ ދިރިއުޅުމުގެ ޚަރަދުތަކާ މެދު އޮތް ކަންބޮޑުވުން ކަމަށެވެ.
"ގޭބިސީގެ ކުއްޔާއި، ކާބޯތަކެތީގެ އަގުތަކާއި، ކަރަންޓާއި ފެންފަދަ ޚިދުމަތްތަކުގެ އަގުތަކާއި، މީހުންނަށް ދިރިއުޅުމަށް އުނދަގޫވާ އެކި ގޮތްތަކާ ބެހޭގޮތުން އަޅުގަނޑުމެން ވާހަކަ ދެއްކިން، ރައީސާ އެކު ހޭދަކުރެވުނު ވަގުތަށް އަޅުގަނޑު ޝުކުރުވެރިވަން. އަދި ނިއުޔޯކްގެ ރައްޔިތުންނަށް ދިރިއުޅުމުގެ ޚަރަދު ހެޔޮކޮށްދިނުމަށްޓަކައި އެކުގައި މަސައްކަތް ކުރުމަށް އުންމީދު ކުރަން،" މަމްދާނީ ވިދާޅުވިއެވެ.
މީގެ ކުރިން ކެމްޕޭނުގެ ތެރޭގައި މަމްދާނީއަށް "ކޮމިއުނިސްޓެއް" ކަމަށް ގޯސްކޮށް ލޭބަލްކޮށް، މަމްދާނީ މޮޅުވެއްޖެނަމަ ފެޑެރަލް ފަންޑު ނިއުޔޯކަށް ނުދެއްވާނެކަމުގެ އިންޒާރުދީފައިވާ ޓްރަމްޕް، ބައްދަލުވުމުގެ ކުރިން ވިދާޅުވެފައިވަނީ މަޝްވަރާތައް "އަދަބުވެރި" ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މަމްދާނީ އަށް ނިސްބަތްކޮށް ތަކުރާރުކޮށް ކޮމިއުނިސްޓެއް ކަމަށް ކުރިން ޓްރަމްޕް ގޮވާލައްވާފައިވާތީ އެކަމާ ބެހޭގޮތުން ނޫސްވެރިޔަކު ސުވާލުކުރެއްވުމުން ޓްރަމްޕް ވިދާޅުވީ، އޭނާގެ ބައެއް ޚިޔާލުތައް ބަދަލުވެފައިވާ ކަމަށެވެ.
"އޭނާގެ ބައެއް ޚިޔާލުތައް އެބަހުރި، ނަމަވެސް އެނގޭނެ ކާކަށްތޯ... އަޅުގަނޑުގެ ބައެއް ޚިޔާލުތަކަށް ވެސް ބަދަލު އައިސްފައި އެބަހުރި" ޓްރަމްޕް ވިދާޅުވެފަވެއެވެ.
ޓްރަމްޕް ވިދާޅުވީ މަމްދާނީ "ވަރަށް ރަނގަޅު މަސައްކަތެއް" ކުރައްވާނެ ކަމަށް އިތުބާރުކުރައްވާ ކަމަށާއި، މޭޔަރަކަށް ހޮވިފައިވާ މަމްދާނީ "ބައެއް ކޮންޒަވޭޓިވް މީހުން ހައިރާންކުރާނެ" ކަމަށްވެސް ވިދާޅުވިއެވެ. ޓްރަމްޕް އިތުރަށް ފާހަގަކުރެއްވީ ޓްރަމްޕަށް އެހީތެރިކަން ދޭ މީހުންގެ ތެރެއިން ގިނަ ބަޔަކު މަމްދާނީއަށް ވޯޓުދީފައިވާ ކަމަށެވެ.
"އޭނާ ވިދާޅުވީ އަޅުގަނޑުގެ ވޯޓުދިން ގިނަ ބަޔަކު އޭނާއަށް ވޯޓުދީފައިވާ ކަމަށް އަދި އަޅުގަނޑު އެކަމަށް އޯކޭ... އެއީ ވަރަށް ރަނގަޅު ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.
ނޫސްވެރިން މަމްދާނީއާ ސުވާލުކުރީ ޓްރަމްޕަކީ އަދިވެސް ޒާތީ ބާރުވެރިކަމަށް ލޯބިކުރާ ބޭފުޅެއް ކަމަށް ގަބޫލުކުރައްވާތޯއެވެ.
އަޅުގަނޑަށް މިކަމަށް ވުރެ ދެރަ ބަސްތަކުން ވެސް ގޮވާފައި އެބަހުރި، އެއީ މާބޮޑު އިހާނެތިކަމެއް ނޫން، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރަން ފެށުމުން އޭނާގެ ހިޔާލު ބަދަލުވެދާނެ" މަމްދާނީ ޖަވާބުދެއްވުމުގެ ކުރިން ޓްރަމްޕް އޭނާގެ ކޮނޑުގައި އަތްޕުޅު ބާއްވައި ވިދާޅުވެފަވެއެވެ.
"ރައީސް ޓްރަމްޕް އާއި އަޅުގަނޑު، ދެ މީހުން ވެސް އަޅުގަނޑުމެންގެ މަގާމުތަކާއި ޚިޔާލުތައް ވަރަށް ސާފުކޮށް ހާމަކުރަން." މީގެ ކުރިން ރައީސަށް ފެޝިސްޓެއް ކަމަށް ގޮވާލެއްވުމުގައި މަމްދާނީ އަދިވެސް ދެމިހުންނަވާތޯ އެހެން ނޫސްވެރިއަކު ސުވާލުކުރުމުން މަމްދާނީ ޖަވާބުދެއްވަމުން ވިދާޅުވެފަވެއެވެ.
ފަހުން ޓްރަމްޕް މަޖާކޮށްފައި މަމްދާނީއަށް ވިދާޅުވީ އޭނާ އަމިއްލަ ނަފްސު ސިފަކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
މި ބައްދަލުވުމަކީ، ސިޔާސީ ގޮތުން ތަފާތު ޚިޔާލުތަކެއް ހުރި ދެ ބޭފުޅުން، އާންމު ރައްޔިތުންނަށް ފައިދާ ކުރާނެ ކަންކަމުގައި އެއްބަސްވެ، އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވިގެންދިޔަ މުހިންމު ބައްދަލުވުމެއް ކަމަށް އެމެރިކާގެ ގިނަ ބަޔަކު ދެކެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
މަމްދާނީ ހޯދީ ފުރިހަމަ ކާމިޔާބީއެއް، އޭނާ އަށް އަހަރެން އެއްބާރުލުން ދޭނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ