ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

30 ވަނަ ބަޔާ ގުޅޭ
މައިރާގެ ފިޔަވަޅުތަކުގެ އަޑު އެކީ އޮބިގެން ދިޔުމާއެކު އިވާން ދެއަތުގެ ތެރޭގައި މޫނު ފޮރުވައިލަމުން ކަކުލުގައި އުޅަނބޮށި އަޅުވައިލި އެވެ. އިސާހިތަކު، ފަޅުކޮށް އޮތް ލޮބީގެ ތެރެއަށް ފާއްދައިލީ އޭނާގެ ގިސްލުމުގެ އަޑެވެ.
------
ކާމޭޒުމަތީގައި އެއް އަތް ދަމާލައިގެން އޮތް އައިލީން ބޯ ހިއްލައިލީ ގެއަށް ވަތް ނަދާލް ފެނުމުންނެވެ. އާދައިގެ މަތިން ނަދާލް ހަމަ ގެއަށް ވަނުމާއެކު ދޮރު ތަޅުލައިފި އެވެ. އޭނާ އައިލީންއަށް ދިއްކޮށްލީ އޭ4 ސައިޒުގެ ސިޓީ އުރައެކެވެ. މޫނުމަތީގައި ސުވާލުމާކު ޖެހިފައި އިނދެ އައިލީން އެ ސިޓީއުރަ ހުޅުވައިލި އެވެ.
"މައިޝާންލައްވާ ވަރީގެ ސެޓްފިކެޓް ނަގައިގެން މި އައީ.. މިހާރު އައިލީންއަކީ މިނިވަނެއް" ނަދާލް ލޯތްބާއެކު އައިލީންގެ ކޯތާފަތުގައި ފިރުމަމުންދިޔަ ފަން އިސްތަށިތައް ކަންފަތުގައި އަޅުވައިލި އެވެ.
"ހެހެ. މިނިވަނެކޭ؟" އައިލީންގެ އަޑުގައިވަނީ މަލާމާތެވެ. "މިނިވަނަކަށް ވާނީ ކިހިނެއްތަ ނަދާލް އަހަރެން މިތާނގަ ބަންދުކޮށްގެން އުޅޭހާ ހިނދަކު؟" އޭނާ އަތުގައި އޮތް ސެޓްފިކެޓް ދުރަށް ހޫރައިލުމަށްފަހު ގޮނޑިން ތެދުވި އެވެ.
ނަދާލް ލޯ މަރައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލީ އައިލީންއާ ކުރިމަތިލުމަށް ނަފްސު ތައްޔާރުކޮށްލާ ފަދައަކުންނެވެ. އެއަށްފަހު ލަސްލަހުން އައިލީންއާ ގާތަށް ފިޔަވަޅެއް އަޅައިލި އެވެ. އައިލީން ޖެހިލުންވެފައިހުރެ ފިޔަވަޅު އަޅައިލީ ފަހަތަށެވެ. ނަދާލް ކުރިއަށް އަޅަމުންދިޔަ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް ފަހަތަށް އަޅަމުންގޮސް އޭނާ ބަދިގޭގެ ތިރީ ކަބަޑު ސެޓުގައިޖެހި މަތަވި އެވެ. އިތުރަށް ފަހަތަށް ދެވެން ނެތްކަން އެނގުމާއެކު ހާސްކަން އެކުލެވިފައިވާ ދެލޮލުން ނަދާލްއަށް ބަލައިލި އެވެ. އޭރު ނަދާލްގެ ތުންފަތުގައިވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާގެ ދެއަތް އައިލީންގެ ދެފަރާތުން ގެންގޮސް ކަބަޑުސެޓުގެ މަތީގައި އަޅުވައިލި އެވެ.
"ފީލް ޓްރެޕްޑް ޔެޓް؟ އަހަރެން ކޮންމެ ކަމެއްވެސް މި ކުރަނީ ލޫނާއަށް ރަނގަޅަކަށޭ ބުނެވިއްޖެއެއްނު. އަހަރެން ބޭނުމިއްޔާ މިއަށްވުރެވެސް ބޮޑަށް ލޫނާ ބަންދުކޮށްލައިގެން ގެންގުޅެވިދާނެ. އަހަރެންގެ ކެތްތެރިކަން އިމްތިހާނު ނުކުރޭ" ނަދާލް ސިއްރެއް ފަދައިން އައިލީންގެ ކަންފަތްދޮށުގައި ބުނެލި އެވެ. އެހާ ގާތުން އެ އަސަރުގަދަ އަޑު އިވުމުން އައިލީންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔަ އެވެ. އެ ބަސްތަކަށް ރައްދުދޭކަށް އޭނާގެ ދޫ ހަރަކާތެއް ނުކުރި އެވެ. ނަދާލްގެ މޫނު އޭނާގެ މޫނާ ނުރައްކާތެރި ދަރަޖައަކަށް ކައިރިވި ހިނދު އެ ހަށިގަނޑު ދުރަށް ކޮށްޕައިލާކަށް އޭނާގެ ދެއަތް ހަރަކާތެއް ނުކުރި އެވެ. ބަދަލުގައި އެ ހޫނު ނޭވާއަށް މަރުހަބާ ކިޔަމުން އޭނާއަށް ދެލޯ މަރައިލެވުނީ އެވެ.
އައިލީންގެ ހިތުވިންދު އަވަސްވަމުން ދިޔައީ އިންތިހާއަށެވެ. ނަދާލް ބޭނުންވި ފަދައިން އެ ހިނދުކޮޅުގެ ތެރޭގައި އޭނާ ހަމަ ރަނގަޅަށްވެސް ގައިދުވި އެވެ. އޭނާގެ ސަލާމަތަކަށް ވީ އެޕަރޓްމެންޓްގެ ދޮރުގައި މީހަކު ޖަހައިލި ޓަތްކެކެވެ. އެ ޓަކީގެ އަޑަށް ނަދާލް އޭނާ ދޫކޮށްލުމަށްފަހު ދޮރު ހުޅުވަން ހިނގައިގަތްކަމީ ހަމަ ނަސީބޭ އައިލީންގެ ހިތަށް އެރި އެވެ. ނޫންނަމަ އެ ދެމެދުގައި ވަރަށްބޮޑު ގޯހެއް ހިނގައި ދިޔައީސްކަން އައިލީންއަށް ކަށަވަރެވެ.
"މައި؟" ނަދާލް ދޮރު ހުޅުވައިލުމާއެކު މައިރާ އިތުރު ހުއްދައަކާނުލައި އެޕަރޓްމެންޓްގެ ތެރެއަށް ދެމިގަތެވެ. އޭރު ހަތަރެސްފައި ތުރުތުރުލާވަރުން މައިރާއަށް ކޮޅަށްވެސް ހުރެވެނީ ހަމަ ކިރިޔާ އެވެ. ސޯފާ ފެނުމާއެކު ގައިން ވަރު ދޫވެފައިވާ މީހަކު ފަދައިން އޭގައި އިށީނެވެ. ކަރުނައާ އެކުވެ މައިރާގެ އެސްފިޔަތަކުގައި ހުރި މަސްކަރާގެ އަސަރުވަނީ ލޯ ކައިރިއަށް ފޭދިފަ އެވެ.
މައިރާގެ ހާލަތު ފެނި ނަދާލްއާއި އައިލީން ކަންބޮޑުވެފައިހުރެ އެކަކު އަނެކަކަށް ބަލައިލި އެވެ. ނަދާލް މައިރާގާތުން ވީގޮތް އޮޅުން ފިލުވުމުގެ މަސައްކަތް ފެށިއިރު އައިލީން އަވަސްވެގަތީ މައިރާއަށް ފެން ތަށްޓެއް ގެނެސްދޭށެވެ.
"މައި.. ހިޔަރ.. ޓެލް މީ.. ކިހިނެއްވީ؟" އައިލީން ގެނައި ފެންތަށި މައިރާގެ އަތަށް ދިއްކޮށްލަމުން ނަދާލް އެއްސެވެ.
"ނެޑް.. ކޭން އައި ޓޯކް ޓު ޔޫ؟ އެލޯން؟" މައިރާ ތުރުތުރު އަޅަމުންދިޔަ ދެއަތުން ފެންތަށީގައި ހިފެހެއްޓި އެވެ. އައިލީން އިތުރު ސުވާލަކާނުލައި އެތަނުން ދުރަށް ޖެހިލީ މައިރާ އެދުނު ފަދައިން ނަދާލްއާ ވަކިން ވާހަކަދެއްކުމުގެ ފުރުސަތު ދެމުންނެވެ.
"އައިލީން އެ ދިޔައީ.. ދެން ކިޔާބަލަ މައި.. ކިހިނެއްތަވީ؟ އަހަރެން ވަރަށް އެބަ ހާސްވޭ.. ދުވަހަކުވެސް މައި ނުފެންނަ ކަހަލަ ގޮތަކަށް މި ފެނުނީ" އައިލީން ކޮޓަރިއަށް ވަނުމާއެކު ނަދާލް ބުންޏެވެ. މައިރާ އަތުގައިހުރި ފެންތަށި ކޮފީ މޭޒުމަތީގައި ބެހެއްޓުމަށްފަހު ނަދާލްގެ އަތުގައި ހިފަހައްޓައިލީ ދައްކަން އުޅޭ ވާހަކައިގެ ގޮތުން ހިތްވަރު ލިބިގަތުމަށްޓަކަ އެވެ.
"އި.. އިވާން.. އައި މެޓް ހިމް" މައިރާގެ ޖުމްލައާއެކު ނަދާލްއަށް ވެގެންއުޅޭ ގޮތެއް ނަގައިގަނެވުނު ފަދައިން ބޯ ޖަހައިލި އެވެ. އެހެނަސް މައިރާ ދެން ބުނެލި ޖުމްލައާއެކު އޭނާގެ މޫނުމަތީގައި ސުވާލުމާކު ޖެހިގެން ދިޔަ އެވެ. "ނެޑް.. އަހަ.. އަހަރުމެންނަށް ވަރަށް.. ވަރަށް.. ވަރަށް ބޮޑު މިސްޓޭކެއް ހެދިއްޖެ. އެއީ އިވާންއެއް ނޫން ނެޑް. އިވާންއެއް ނޫން!"
"މައި ކީކޭތަ ތި ކިޔަނީ؟ ތި ހަމަޖެހިފަ ހުރިހާ ވާހަކައެއް ކިޔައިދީބަލަ" ނަދާލް ބުންޏެވެ.
"އެއީ އިވާންއެއް ނޫނޭ.. އެއީ.. އިވާންގެ ކޮއްކޮ. އިވާންގެ ކޮއްކޮ އުޅުނީ އިންޓެލްގަ.. ސީކްރެޓް ޕޮލިހަކަށް.. އެއީ އިވާންއެއް ނޫނޭ ނެޑް.. މިއަދު އަހަރެން.." މައިރާ އެދުވަހު އޭނާއާއި އިވާންގެ ދެމެދުގައި ހިނގައިދިޔަ ހުރިހާ ކަމެއް ތަފުސީލުކޮށް ނަދާލްއަށް ކިޔައިދޭން ފެށި އެވެ.
"ޝިޓް! ދެޓްސް ސަޗް އަ މެސް!" މައިރާގެ ވާހަކަ ނިންމައިލުމާއެކު ނަދާލްއަށް ބުނެވުނެވެ.
"ދެން.. ދެން ކިހިނެއް ހަދާނީ؟ އިވާންއަށް ދުވަހަކުވެސް މިކަމުން އަރައި ނުގަނެވޭނެ ނެޑް. އިވާންގެ މޫނުމަތިން އެ ހިތާމަ ނުދެއްކިޔަސް.. މަލްއާމެދު އަހަރުމެން ދެރަވާ ވަރަށްވުރެ މާ ބޮޑަށް.. މާ ބޮޑަށް އިވާންވެސް އިވާންގެ ކޮއްކޮއާމެދު ދެރަވާނެ ދޯ. އެއްބަނޑު އެއްބަފާ.. އެވެސް އެއްމާބަނޑު. އަހަރެންނަށް އިވާންގެ ވާހަކަތަކުން ޔަގީންވޭ އެމީހުންގެ ގުޅުން ރަނގަޅުކަން.. އިވާންގެ ކޮއްކޮދެކެ އިވާން ވަރަށް ލޯބިވާކަން.. އެ ހުރިހާ ހިތާމައެއް ތަހައްމަލު ކުރަނިކޮށް އަހަރެންނަށްވެސް އިވާންއަށް އިތުރު ދެރައެއް ދެވުނީ.. އަހަރެން މޮޔަވެދާނެ ނެޑް.. އަހަރެންނަށް މި ގިލްޓާއެކު ނޫޅެވޭނެ ނެޑް.. ޕްލީޒް ޑޫ ސަމްތިންގް.. ހެޔޮނުވާނެ.. އިވާންގެ ލައިފް އިވާންއަށް އަނބުރާ ހޯދައިދީ" މައިރާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ.
"މައި.. މައި ކާމް ޑައުން. ދެން ހުއްޓާލަބަލަ" މައިރާގެ ކޮނޑުގައި ހިފައި ގަޔާ ކައިރި ކޮށްލަމުން ނަދާލް ހިތްވަރުދިނެވެ. "އަހަރެން.. އަހަރެން ކޮންމެވެސް ގޮތެއްވޭތޯ ބަލާނަން" އޭނާ ބުންޏެވެ. މައިރާ ބޯ ޖަހައިލީ އެ ބަހަށް އިތުބާރު ކުރުން ފިޔަވައި އިތުރު ގޮތެއް ނެތީތީ އެވެ.
-------------
ފޯނުގައިވާ އެޑުރެހަށް އަދިވެސް އެއްފަހަރު ބަލައިލުމަށްފަހު ނަދާލް މަގުގެ ކަންމަތިން ލިބުނު ޖާގައިގައި ކާރު ޕާކުކޮށްލި އެވެ. ކާރުން ފޭބުމަށްފަހު އޭނާ މިސްރާބުޖެހީ ދިހަ ވަރަކަށް ފޫޓު ދުރުގައިހުރި ވެހިކަލް މަރާމާތުކުރާ ގަރާޖަކާ ދިމާލަށެވެ. އެއީ އޭނާ އާންމުކޮށް އައިސް އުޅޭ ޒާތުގެ ތަނެއް ނޫނެވެ. ގޭގައި އޮންނަ ކާރުތައްވެސް މަރާމާތުކުރަން ވެއްޖެނަމަ ގިނަ ފަހަރަށް މެކޭނިކަކަށް ގުޅައިގެން ގެއަށް ގެންދަނީ އެވެ. އެހެންކަމުން ގަރާޖުގެ ކުރިމައްޗަށް ހުއްޓިލުމަށްފަހު އޭނާއަށް މޫނު ކުނިކޮށްލެވުނެވެ. އެތެރެއަށް ވަންނަން ބޭނުން ނުވީތީ އެވެ. އެވަގުތު އެ ގަރާޖުން މީހަކު ނުކުތުމަކީ ނަދާލްގެ ނަސީބު ކަމުގައި ވެދާނެ އެވެ.
"ހަލޯ.. އެކްސްކިއުޒް.. މިތަނުގަ އިވާންއެއް އުޅޭތަ؟" ނަދާލް ލަސްނުކޮށް އެމީހާއަށް ގޮވައިލި އެވެ.
"އިވާން ވެއްޖެ އެތެރޭގަ" ފެންނަ ފެނުމަށް އުމުރުން ތިރީހުގެ ފަހުގެ އަހަރުތައް ގުނަމުންދާ އެ ޒުވާނާ ޖަވާބު ދިނެވެ.
"އިވާންއަށް ގޮވާލަދީބަލަ" ނަދާލް އެދުނެވެ. އެމީހާ ފާޑަކަށް ނަދާލްއަށް ބަލައިލުމަށްފަހު އިވާން ގޮވައިގެން އެތަނަށް އަތުވެއްޖެ އެވެ.
"ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް އޮވެގެން މި އައީ. ރަނގަޅު ވަގުތެއްތަ؟" ނަދާލް އަހައިލި އެވެ. އިވާން ބޯ ޖަހައިލުމަށްފަހު ނަދާލްގާތު އިށީންނާށޭ ބުނާ ފަދައިން ގަރާޖުގެ ދޮރު ކައިރީގައި ބަހައްޓާފައިހުރި ޕްލާސްޓިކް ގޮނޑިއަކަށް އިޝާރާތް ކޮށްލި އެވެ.
"ނޯ ތޭންކްސް" ނަދާލް އޭނާ ލައިގެންހުރި ގަދަނޫކުލައިގެ ޕޯލޯ ޓީޝާޓާއި ހުދުކުލައިގެ ފަޓުލޫނަށް ބަލައިލަމުން ބުންޏެވެ. އޭނާގެ މޫނުމަތީގައި ކުރަހާލެވިފައިވަނީ ކިބުރުވެރިކަމެވެ.
"މާ ގިނަ ވަގުތެއް ނެތް. ތި ދައްކަން އުޅޭ ވާހަކައެއް ދައްކަބަލަ." އިވާންގެ އަޑުގައިވަނީ ނުރުހުމެވެ.
"އޯކޭ. އެހެންވިއްޔާ އަހަރެން ދާނީ ސީދާ މައުލޫއަށް. މައި.. މައި އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި" ނަދާލް ބުންޏެވެ.
"ހެއް. ދެނޯ؟" އިވާން މަލާމާތުގެ ރާގެއްގައި އެއްސެވެ. އޭނާ އަދިވެސް ހުރީ ނަދާލްގެ ހަގީގީ މައުޟޫއަކީ ކޮބައިކަން ނޭނގިފަ އެވެ.
"އަހަރެންނަށް އެނގޭ ކަންތައްތައް މި ދިޔައީ ގޯހުން ގޯހަށްކަން. އިވާންއަށް ފޫ ނުބެއްދޭނެ ވަރުގެ ދެރައެއް ދެވިއްޖެކަން އެނގޭ. އަހަރެންގެ ގޮތެއްނޫން އެއްވެސް ކަމެއްގަ ހިސާބު ކިތާބު ބަރާބަރު ނުކޮށް ބޭއްވުމަކީ. އެހެންވެ އަހަރެން މި އައީ ހުރިހާކަމެއް ހައްލު ކުރަން" ނަދާލްގެ އަތުގައި އޮތް ފައިލު އިވާންއަށް ދިއްކޮށްލި އެވެ.
"މިއީ ކޯއްޗެއް؟" އެ ފައިލު ހުޅުވައިލުމާއެކު ފެނުނީ މީގެކުރިން އިވާންގެ އަޑުގައިހުރި ނުރުހުމުގެ އަސަރު އެ މޫނުމައްޗަށްވެސް ފާއްދައިލި ތަނެވެ.
"އަ ޖޮބް އޮފަރ. އައި.އައި.އެމްގެ ސެކިއުރިޓީ އިންޗާރޖެއްގެ މަގާމު. މިހާރުވެސް ތި މަގާމުގަ މީހަކު އެބަހުރި.. އެކަމަކު އިވާންގެ ދިރިއުޅުން ކުރިން އޮތް ގޮތަށް އިޔާދަ ނުކޮށްދެވުނަސް... ކޮންމެވެސް ވަރެއް ކޮށްދެވޭނެކަމަށް ނިންމައިގެން އަހަރެން މި އައީ. އެހެންވީމަ ދެ ޝިފްޓަކަށް ދެ އިންޗާރޖުން ހަމަޖައްސާގޮތަށް ހަދައިގެން ވިޔަސް.. ކޮންމެވެސް ގޮތަކުން އިވާންއަށް ފުރުސަތެއް ދެވިދާނެ" ނަދާލް ބުންޏެވެ.
"ހެހެއް. ފުރުސަތެކޭ؟" އިވާންގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފުހެވިގެންގޮސް އޭނާގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވި އެވެ. "ބަލަ މަގޭ ދިރިއުޅުން ހަލާކު ކޮށްލި ބަޔަކު ދޭ ފުރުސަތެއްގެ ބޭނުން ހިފަން މަ އެބަ އުޅެންތަ؟ މާތް ރަސްކަލާނގެ އިރާދަފުޅާއެކު އަދި އަހަރެން ކަލޭމެންގެ ފައިބުޑަށް ވެއްޓޭވަރަށް ގޮތް ހުހެއް ނުވޭ!" އިވާންއަށް ދަތްކުނޑި ވިކައިލެވުނެވެ.
"އިވާން ތި ވިސްނަނީ އަދި މުޅިން ގޯސްކޮށް. އަހަރެން އިވާންއަށް މި އޮފަރ ކުރަނީ މިއަށްވުރެން ހަށްޓަށް ފަސޭހަ އަބުރުވެރި ދިރިއުޅުމެއްގެ ތަޅުދަނޑި" ނަދާލް ގަޔާނުވެފައި ހުރެ ގަރާޖުގެ އެތަން މިތަނަށް ބަލައިލަމުން ބުންޏެވެ.
"ތިކަހަލަ މީހުން އައިސް އަބުރުގެ ވާހަކަ ނުދެއްކިއްޔާ މަށަށް ރަނގަޅީ! އަބުރޯ. ކަލޭމެން މުއްސަނދިންނަށް ހީވެދާނެ ފައިސާގެ ނިވަލުގަ ތިބެ އެހެން މީހުންގެ ހަޔާތް ލޫޓުވާލާފަވެސް ތިމަންނާމެންނަކީ އެންމެ އަބުރުވެރި މީހުންނޭ! އެކަމަކު އަހަރުމެން ކަހަލަ މީހުންނަށް ކޮންމެ ހަލާލު މަސައްކަތަކީވެސް އަބުރުވެރި މަސައްކަތެއް! ކަލޭމެން ހީކުރަނީތަ ތިހެން އައިސް ދިއްކޮށްލާ ފައިލަކުން ނޫނީ ސިޓީ އުރައަކުން ހުރިހާ ކަމެއް ހައްލުވާނެއޭ؟ ނޫން. ކަލޭމެންގެ ފަސްބައި ދުވަހަކުވެސް ސާފެއް ނުވާނެ! ސޯ މިތަނަށް ތި އައީ މަށަށް މަލާމާތެއް ކުރަން ހިތުލައިގެން ކަމަށް ވަންޏާ މި ހިފައިގެން ތި އައި ތާކަށް ދޭ" އިވާން ރުޅިވެރިކަމާއެކު އަތުގައި އޮތް ފައިލު ނަދާލްގެ ފައިބުޑަށް ހޫރައިލި އެވެ.
ނަދާލް ނިކަން ހަމަޖެހިލާފައިހުރެ އެ ފައިލު ނަގައި އޭގެން ހިރަފުސް ފޮޅައިލި އެވެ. އިވާން ކުރި އެއްވެސް ކަމަކުން ނުވަތަ ދެއްކި ވާހަކައަކުން އޭނާއަށް ސިހުމެއް ނުލިބޭ ކަހަލަ އެވެ. "އިވާން ޔޫ ވިލް ރިގްރެޓް ދިސް!" އޭނާގެ އަޑުގައިވަނީ ސާބިތުކަމެވެ. އިވާން ފަސްއެނބުރި ހިނގައިގަތުމާއެކު ނަދާލްވެސް އެތަނުގައި މަޑުނުކޮށް ކާރާ ދިމާލަށް ހިނގައިގަތެވެ. އިވާން ހީކުރަނީ ކީކޭ ކަމަށް ހެއްޔެވެ؟ އޭނާ އެ އައީ އިވާންގެ ފައިބުޑަށް ވެއްޓި އާދޭސްކުރަން ކަމަށް ހެއްޔެވެ؟ އެހެންވިއްޔާ އިވާންއަށް އެ ކުރެވުނީ ވަރަށްބޮޑު ކުށްހީ އެކެވެ.
ނަދާލް ކާރު އިސްޓާޓު ކޮށްލުމުގެ ކުރިން މައިރާއަށް ގުޅައިލި އެވެ. "މަސައްކަތް ކޮށްފިން. އެކަމަކު މައިގެ އިވާންއަކީ އަހަރެން ހީކުރި ވަރަށްވުރެ ބޯހަރު މީހެއް. އަހަރެންނަކަށް ކުރެވޭނެ އިތުރު ކަމެއް ނެތް. މައި ދެން އެހެން ގޮތެއް ވޭތޯ ބަލާ. އަހަރެން މި ފޮނުވަނީ އިވާން ހުރި އެޑްރެސް" އޭނާ ބުންޏެވެ. އެއަށްފަހު ފޯނު ކަނޑައިލަމުން މައިރާއަށް އެޑްރެސް ފޮނުވައިލި އެވެ.
---------
"އެކަމަކު ހާދަ ކަޑަކޮށްދިޔަ ކަމެކޭދޯ ތިއީ. މަށަށް އެންމެ ކަޑައީ ތި ބޭރުގޮލާ. ކާންދިން އަތުގަ ދަތްވިއްޔަ އެ އެޅީ" ގަރާޖުގެ ދޮރުމަތީގައި ސިނގިރޭޓެއް ރޯކޮށްލައިގެންހުރި އައުޒަމް ވާހަކަދެއްކީ މެޝިންތަކުގެ އެހީގައި ބިމުން މައްޗަށް ހިއްލާލެވިފައި އޮތް ކާރުގެ ދަށުގައި އޮތް އިވާންއާ އެވެ. "ދެން ތިކަން ކުރި ބަޔަކު ހޯދާކަށް ނޫޅެންތަ؟ އިވާންއަށް ކިހާ ބޮޑު ގެއްލުމެއް ތި ވީ ތިކަމުން" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު އައުޒަމް އަނެއްކާވެސް ބުންޏެވެ.
އިވާން ވަކި އެއްޗެކޭ ނުބުންޏެވެ. އޭނާ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟ އޭނާގެ ދިރިއުޅުން ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވައްޓައިލީ ފުރާނަ ފަދައިން ލޯބިވި އަންހެންކުއްޖާއޭ ހެއްޔެވެ؟
"އަހަރެންނަމަ ތިކަން ކުރިބަޔަކު ހޯދައިގެން ފަޟީހަތް ކޮށްލާނަން. ހުވާ މި ކު-" ކުއްލިއަކަށް އައުޒަމްގެ ވާހަކަ މެދުކެނޑުނުހެން ހީވި ނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއް ނުދީ އިވާން އޭނާގެ މަސައްކަތާއިގެން ކުރިއަށްދިޔަ އެވެ. ގަރާޖަށް އައި ކަސްޓަމަރަކަށް އެހީވުމުގައި އައުޒަމް މަސްއޫލުވީ ކަމުގައި ގަބޫލު ކުރެވުނެވެ. އެހެނަސް އައުޒަމް ގޮވައިލި ސަލާމަށް ރައްދުދީ ވާހަކަދެއްކި އަންހެންކުއްޖާގެ އަޑު އިވުމާއެކު އިވާންގެ ހަރަކާތްތައް ހުއްޓުނެވެ.
"ވައަލައިކުމުއްސަލާމް.. ހައި.. މިއީ އަމްމް.. މިތާ ކައިރިން ސައިކަލު ހުއްޓުނީމަ.. މިހެން ދިޔަ މީހެއްގާތު ބުނެގެން މިހާ ހިސާބަށް މި ގެނައީވެސް" އެ އަޑުގެ ވެރިޔާ ދެނެގަނެވުމާއެކު އިވާން ކުރަމުންދިޔަ މަސައްކަތް މެދުކަނޑައިލުމަށްފަހު ކާރުގެ ދަށުން ނުކުތެވެ.
އައުޒަމްއާ ވާހަކަ ދައްކަން ހުރި މައިރާއަށް އިވާން ބަލައިލީ ހަނި ކޮށްލެވިފައިވާ ދެލޮލުންނެވެ. އެވަގުތުވީ އިއްތިފާގަކުން މައިރާވެސް އިވާންއަށް ބަލައިލި ވަގުތުކަމުން ފަޅި ސިކުންތަކަށް ދެމީހުންގެ ހަތަރުކަޅި ހަމަވި އެވެ.
އިވާން އަވަސް އަވަހަށް މައިރާއާ ދުރަށް މޫނު އަނބުރައިލުމަށްފަހު އެ ކާރުގެ އެހެން މަސައްކަތަކާއިގެން އުޅެން ފެށި އެވެ. އެހެނަސް މައިރާއަށް ކަޅި ޖަހާނުލައި އިވާންއަށް ބެލެމުންދިޔަ އެވެ. ކިލާ އުނގުޅިފައިވާ މަޑު ފެހިކުލައިގެ ޖާރޒީއެއްގައި ހުރި އިވާންގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑާއި، ވަރުބަލިވެފައިވާ މޫނުގައި ތަފާތު ހިތްގައިމު ގޮތެއް ހުއްޓެއްކަމަކު، އިވާންފަދަ ހައިބަތުހުރި ޝަހްސިއްޔަތެއް އެފަދަ ގޮތަކަށް ފެނުމުން މައިރާގެ ހިތް ގެނބުނެވެ. އޭނާއާ އެންމެ ފުރަތަމަ ދިމާވިއިރު އިވާން ހުރި ހިސާބާއި މިހާރު ހުރި ހިސާބު ހިތާހިތުން އަޅައި ކިޔާލެވުނެވެ. މިއީ ޙުދު އޭނާގެ ސަބަބުން އިވާންއަށް މެދުވެރިވި ދެރަ ގޮތޭ ހިތަށް އެރުމާއެކު މައިރާގެ ހިތް ރޯލި އެވެ. ގަޑީގެ ކަށި ނުއަތަށް އެނބުރޭނެ ނަމަ އޭނާ މާޒީގެ ދުވަސްތައް އަނބުރާ ގެނެސް ގޯސްކޮށް ކުރެވުނު ހުރިހާ ކަމެއް ރަނގަޅު ކުރީހެވެ. އިވާންއާ ދޭތެރޭ ނާއިންސާފުން އަމަލު ނުކުރީހެވެ. އިވާންގެ ބަހާއި އަމަލަށް ޝައްކު ކުރުމުގައި އެ އުފާވެރި ދުވަސްތައް ބޭކާރުކޮށް ނުލީހެވެ. އިވާންގެ ފަރާތުން ލިބުނު އޯގާތެރިކަމާ އެއްވަރަށް އިވާންއަށް ލޯބި ދިނީހެވެ.
"ކިކުގަ ހުރި ކުޑަކުޑަ މައްސަލައެއްހެން ހީވަނީ. މާކަ ގިނައިރެއް ނުވާނެ ރަނގަޅު ކޮށްލާކަށް. ކޮފީއެއް އެއްޗެއް ބޯލައިގެން މިކޮޅަށް އަންނަން ވާއިރަށް ނިންމާލެވޭނެ" މައިރާ ސިއްސައިގެން ދިޔައީ އައުޒަމްގެ އަޑަށެވެ.
"ނޫން އޯކޭވާނެ. އަހަރެން މިތާ މަޑުކޮށްލާނަން ނިމެންދެން" މައިރާ ބުންޏެވެ. އައުޒަމް 'އެންމެ ރަނގަޅޭ' ބުނެ ދޮރު ކައިރީގައި ބަހައްޓާފައިހުރި ޕްލާސްޓިކް ގޮނޑިއެއް މައިރާއަށް ދެއްކުމަށްފަހު ގަރާޖުގެ ތެރެއަށް ސައިކަލު ވައްދައިލި އެވެ.
"ކަލޯގަޔާ.. ތަފާތު ޗިކެއް އެނގޭ. ނޮޓް ޔޯރ ޓިޕިކަލް ސްކޫޕީ ސިސް. ބަލާބަ މީންދަ ލޯބިގަނޑެއް. ފަހުގެ މޮޑެލްއެކޭ އަދި" މޮޑިފައި ކޮށްފައިވާ ކަޅުކުލައިގެ އެކްސައިޓަރ ސައިކަލަށް އިޝާރާތް ކޮށްލަމުން އައުޒަމް ބުންޏެވެ. "ތި ކާރުގެ ކަންތައް މަށާ ހަވާލުކޮށްފަ އިހަށް މިކަމާ އުޅެލަބަ. ނިމެންދެން މަޑުކުރާނީއޭ ކިޔާފަ ވެރިޔާ އެ އިނީ" އޭނާ އިތުރުކޮށްލި އެވެ.
އިވާން ދެ ފަހަރަކު އެ ސައިކަލު އިސްޓާޓު ކޮށްލެވޭތޯ ބެލުމަށްފަހު އޭގެ މަސައްކަތް ފެށި އެވެ. ބައި ގަޑިއެއްހާއިރުތެރޭ އެކަން ނިންމައިލެވުމުން އައުޒަމްއަށް ގޮވައިލި އެވެ. އެކަމަކު އައުޒަމް އެ ސައިކަލު ގެންގޮސް މައިރާއާ ހަވާލުކުރަންވެސް ޖެއްސީ އޭނާއަށެވެ.
އަގު ހެދުމަށްފަހު ބިލުފޮތުން ނައްޓައިލި އިންވޮއިސް ސައިކަލުގެ މަޑީގައި ތަތްކޮށްލަމުން އިވާން އެ ސައިކަލު ގެންގޮސް މައިރާގާތު ބެހެއްޓި އެވެ. އެވަގުތަށް އިންތިޒާރުކުރަމުންދިޔަ މައިރާ ތެޅިގެންފައި އިށީނދެ އިން ގޮނޑިން ތެދުވެ ހުށިޔާރުކަމާއެކު އިވާންގެ އަތުގައި ހިފެހެއްޓި އެވެ. އިވާން ސިހިފައި އެއްފަހަރު މައިރާއަށް އަނެއްފަހަރު އައުޒަމްއަށް ބަލައިލަމުން މައިރާގެ އަތް ފޮޅައިލި އެވެ.
"އިވާން ހެޔޮނުވާނެ. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ" އައުޒަމްއަށް ނީވޭނެހާ ސިއްރުން މައިރާ ބުނެލި އެވެ. އެހެނަސް މައިރާގެ އެ އާދޭހަކުން މިފަހަރު އިވާންގެ ހިތަކަށް ކުޑަވެސް ގުޑުމެއް ނޭރި އެވެ. މައިރާއަށް ފިނި ނަޒަރެއް ދީފައި އެތަނުން ދުރަށް ހިނގައިގަތެވެ.
އިތުރު ގަޑިއެއްހާއިރު ފާއިތުވެގެން ދިޔައިރުވެސް މައިރާ އެތަނުން ދާކަށް ނޫޅުނެވެ. އައުޒަމްއަށްވެސް އެކަން ފާހަގަވެ އެކަންތައް އިވާންގެ ސަމާލުކަމަށް ގެނައެވެ.
"އޭ. އެ މަންޖެ އަދިވެސް ދާކަށް ނޫޅޭތަ؟ އަހަރެން ހީކުރީ މީހަކު ބަލާ އަންނަންދެން މަޑުކޮށްލަނީ ކަމަށް. އެކަމަކު މިހާރު އަންނަ މީހަކުވެސް އަންނަހާ އިރުވެއްޖެ އެއްނު" އައުޒަމް ފޯނު ހުޅުވައިލި އެވެ. "ޕޭމެންޓުވެސް އައިސްފަ އިނީ. ކިހިނެއްވެފަ ބާ އެ އިންނަނީ" އިވާން އެ ވާހަކައަށް ރައްދެއް ނުދިން ނަމަވެސް އައުޒަމް އަޅައެއްނުލަ އެވެ. އިވާންގެ މިޒާޖުގައި ހުންނަ ބަސްމަދުކަމަށް މިހާރު އޭނާވަނީ އާދަވެފަ އެވެ. "އޭ. އެއްކަލަ ސަޕްލަޔަރު އެބައިން މެސެޖުކޮށްފަ. އޯޑަރުކުރި ސްޕެއަރތައް އައިސްގެން. މި އަންނަނީ އެ ހިފައިގެން" އޭނާ ބުންޏެވެ.
އައުޒަމް އެ ތަނުން ދިޔުން ވީ މައިރާއަށް އިވާންއާ އެކަހެރިކޮށް ވާހަކަދެއްކުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އޭނާ އެންމެ ސިކުންތެއްވެސް ބޭކާރު ކުރުމެއްނެތި އިވާންގެ ގާތަށް ގޮސް ހުއްޓުނެވެ. އެހެނެއްކަމަކު މައިރާ އެތާ ހުރިކަމަށްވެސް ހަދާނުލައި އިވާން މަސައްކަތާއިގެން ކުރިއަށްދިޔަ އެވެ.
"އިވާން.. އަހަރެން ހާދަ ވަރަކަށް ގުޅީމޭ. އަހަރެން ނުބުނަމޭ އިވާންގާތު އިތުރު ފުރުސަތެއް ދޭކަށް. އެނގޭ އިވާން ބުނެފަކަން އޮތީ އަހަރެންގެ މޫނުވެސް ދެކެން ބޭނުން ނުވާކަން. އެކަމަކު އެޓްލީސްޓް އަހަރެންނާ ވާހަކަ ދައްކާލެވިދާނެ އެއްނު" ހުޅުކޮޅަށް އެނބުރޭ ޕަރުވާނާއެއް ފަދައިން މައިރާ ދިޔައީ އިވާންގާތު އެނބުރެމުންނެވެ. އެގޮތަށް ދިހަ މިނެޓު ވަންދެން ހުއްޓާނުލައި މައިރާކުރި އާދޭހަށް އިވާން ދިނީ ބީރު ކަންފަތެކެވެ.
"އިވާން ޕްލީޒް. މައި ސޮރީއޭ ބުނެފީމެއްނު. ދެން މައިއަށް ތިހެން ނަހަދަބަ. ދެރަވެޔޭ" އެންމެފަހުން މައިރާއަށް ކެތްނުވެގެން އިވާންގެ މުލައްދަނޑީގައި ދެއަތްތިލަ ވަށައިލަމުން އިވާންގެ އަތުގައި އޮޅުލައިގަތެވެ.
އިވާން ދެން ކުރީ ދުވަހަކުވެސް މައިރާ އިވާންގެ ފަރާތުން އުއްމީދުކުރިފަދަ ކަމެއް ނޫނެވެ. ހިތްހަމަނުޖެހިފައި ހުރެ މައިރާ ގަޔާ ދުރަށް ކޮށްޕައިލީ އެވެ. އެފަދަ ކަމަކަށް ނުވިސްނައިހުރި މައިރާގެ އަތް ޖެހުނީ ހުޅުވާލެވުފައިހުރި ކާރުގެ އިންޖީނުގަ އެވެ. ޖެހުމާއެކު މައިރާގެ އަތުން ތަންކޮޅެއް ކަނޑައިގެންގޮސް އެތަނުން ލޭ ހިލިލައިފި އެވެ.
އިވާންއަށް ބޭއިޚްތިޔާރުގައި މައިރާއާ ދިމާލަށް ފިޔަވަޅެއް އެޅެން އުޅުނެވެ. އޭނާގެ ހިތުގައިވާ އިހުސާސްތައް ބުއްދީގެ މައްޗަށް ގަދަވެގަންނަން އުޅުނެވެ. އެހެނަސް އެ އިޙުސާސްތަކުގެ މައްޗަށް ބާރު ފޯރުވަމުން އިވާން ފިޔަވަޅު އަޅައިލީ މައިރާއާ ދުރަށެވެ. ކަން ދިމާކުރިގޮތުން އެވަގުތުވީ އައުޒަމަށްވެސް އެތަނަށް އާދެވުނު ވަގުތަށެވެ. މައިރާއާއި އިވާންއަށް އައުޒަމް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ކޮނޑުމަތީގައިހުރި ފޮށިގަނޑު ބިންމައްޗަށް ދޫކޮށްލުމަށްފަހު އޭނާ އެދިމާލަށް ހިނގައިގަތެވެ.
މައިރާ އިތުރަށް އެތަނުގައި މަޑުކުރާކަށް ބޭނުމެއްނުވި އެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އައުޒަމްއަށް ފޮރުވައިލުމަށްޓަކައި އިސްޖަހައިގެންހުރެ އެތަނުން ނުކުތެވެ. ބޭރުގައި ބަހައްޓާފައިހުރި ސައިކަލު އިސްޓާޓުކޮށްލުމަށްފަހު ބާރު ދުވެއްޔެއްގައި ގޮސް މަގުކޮޅުން އޮބައިލި އެވެ.
އައުޒަމް އިވާންއަށް ބަލައިލަމުން ބުމަ އަރުވައިލި އެވެ. އޭނާގެ މޫނުމަތިން އެކަނިވެސް އޭނާ ކޮންމެވެސް ވަރަކަށް ކަންތައްތައް ނަގައިގެންފިކަން އިވާންއަށް ޔަގީންކުރެވުނެވެ. އިވާން ފުން ނޭވާއެއް ދޫކޮށްލީ އެކަންތައް ---------
"އައިލީން" ނަދާލްއަށް ގޮތް ހުސްވެފައިވާ ފަދައިން އެ ގޮވައިލެވުނީ މިރޭގެ ކިތައްވަނަ ފަހަރު ކަމެއްވެސް ނޭނގެ އެވެ. ދިގުއަކައެއްގެ ބައްޓަމަށްހުރި ކާމޭޒުދޮށުގައި އޭނާއާ ޖެހިގެންހުރި ގޮނޑީގައި އިން އައިލީންގެ އިސް އުފުލައިލެވޭތޯ އޭނާއަށް ހާދަ މަސައްކަތެއް ކުރެވިއްޖެ އެވެ.
"ޕްލީޒް.. ކޮންމެވެސް އެއްޗެއް ކާލަބަ" އެކި ބާވަތްތަކުގެ ކާނާއިން ފަޅު ފިލުވައިލެވިފައިވާ ސުފުރާމައްޗަށް ނަޒަރު ހިންގައިލަމުން އޭނާ އަނެއްކާވެސް އާދޭހުގެ ރާގެއްގައި ބުންޏެވެ. އެހެނަސް އައިލީންގެ ހިތަށް ކެހެރު ވަކެކޭވެސް ހީނުވާކަހަލަ އެވެ. ލައިގެން އިން ޓީޝާޓުގެ ފަސްބަޔާ ކުޅެލައި ކުޅެލައި އިނެވެ.
ނަދާލް މާޔޫސީ ގޮތަކަށް ކަރު އެލުވައިލި އެވެ. އައިލީން އިށީނދެ އިން ގޮނޑި އޭނާއާ ވީ ފަޅިއަށް އަނބުރައިލުމަށްފަހު މަޑުމަޑުން އައިލީންގެ ދަތްދޮޅީގައި ހިފައި އިސްއުފުލައިލި އެވެ. އައިލީންއާ ހަތަރުކަޅި ހަމަވެގެން ދިޔަހިނދު އައިލީން އެ ނަޒަރު ވަކިކޮށް ނުލީތީ ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ދެކުނީ އެއީ ބައި ގަޑިއެއްހާއިރު ވަންދެން އޭނާ ކުރި މަސައްކަތައް ލިބުނު ކުރިއެރުމެއްގެ ގޮތުގަ އެވެ.
"ނަދާލް ޕްލީޒް.. އަހަރެން ދޫކޮށްލަބަ" އައިލީންގެ ދެލޮލުގައިވަނީ ހިތާމަ އެވެ. އާދޭހެވެ. ބޭގަރާރުކަމެވެ. ނަދާލްގެ މޫނު ދުރަށް އަނބުރައިލީ އައިލީން އެ އެދޭ ކަންތައް ކޮށްދެވޭކަށް ނެތޭ ބުނާ ބީދައިންނެވެ. އުއްމީދު ގެއްލިފައި ވަނިކޮށް އޭނާއަށް އައިލީން "ލިބުމުން" ދެން ދޫކޮށްލަން ކެރޭނީ ކިހިނެއް ހެއްޔެވެ؟
"އައި.. އައި ކާންޓް. ޔޫ ހޭވް ނޯވަން އައުޓް ދެއަރ ލޫނާ.. އަހަރެން ކިހިނެއް ލޫނާ ގިނިކަންޏަށް ދޫކޮށްލާނީ؟" ނަދާލް މޭޒުމަތީގައިހުރި ފްރައިޑް ރައިސް ތަށިން ސުވާއެއް ނަގައި އައިލީންގެ އަނގަޔާ ދިމާކޮށްލަމުން ބުންޏެވެ. އޭނާގެ ފުރިހަމަ ސަމާލުކަންހުރީ އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް އައިލީންއަށް އެއްޗެއް ކާން ދިނުމަށެވެ.
ނަދާލްގެ ޖަވާބު އައިގޮތުން ހިތްހަމަ ނުޖެހުނު އައިލީން ވަގުތުން ސަމުސަލުގައި ޖަހައި ދުރަށް ހޫރައިލުމަށްފަހު ގޮނޑިން ތެދުވި އެވެ. ނަދާލް ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެން ކަހަލަ އެވެ. އައިލީންއަށް އެތަނުން ހިނގައި ނުގަނެވެނީސް އޭނާ އައިލީންގެ އަތުގައި ހިފެހެއްޓި އެވެ. އަދި ކުއްލިއެއްޖަހައި އައިލީން ގޮނޑީގައި ބޭންދުމަށްފަހު ގޮނޑީގެ ދެފަރާތުގައި އަތް އަޅުވައިލަމުން އައިލީން އެ ދޭތެރޭގައި ހައްޔަރުކޮށްލި އެވެ.
"އައި.. އައިމް ނޮޓް އަ ޕޭޝަންޓް މޭން އައިލީން. އެކަމަކު އައިލީންއަށްޓަކައި އަހަރެން ވަރަށް.. ވަރަށް އެބަ ކެތްކުރަން. ޑޯންޓް.. ޑޯންޓް ޓެސްޓް މައި ލިމިޓްސް" ނަދާލް ދެލޯ މަރައިލި އެވެ. އެއަށްފަހު ގޮނޑިން ދޫކޮށްލަމުން އަނެއްކާވެސް މޭޒުމަތިން ކޮންމެވެސް އެއްޗެއް ހޯދައިލި އެވެ.
"ނުކެޔަސް މި ވިޓަމިން ގުޅަ ކާލަބަ. ޕްލީޒް. އަހަރެން ލޫނާއަށް ރަނގަޅަކަށޭ މި ހުރިހާ ކަމެއްވެސް މި ކުރަނީ ގަބޫލުކޮށްބަލަ" ބޭސްކާޑަކުން ނައްޓައިލި ވިޓަމިން ގުޅައެއް ފެންތައްޓަކާއެކު އައިލީންއަށް ދިއްކޮށްލަމުން ނަދާލް ބުންޏެވެ. އައިލީންއާމެދު ވިސްނައި އޭނާގެ ސިކުނޑި މިހާރު ސުމަކަށް ދާން ފަށައިފި އެވެ. މީގެ ދެތިން ހަފްތާ ކުރިން އޭނާގެ ބެލުމުގެ ދަށަށް ގެނެވުނު އިރުވެސް އިންތިހާއަށް ހިކިކޮށްހުރި އައިލީންގެ ހަށިގަނޑު މިހާރު ވަނީ ކުރިއަށްވުރެވެސް އަނަރޫފަވެފަ އެވެ. އެކަމާ ފިކުރު ބޮޑުވާ ވަރުން ބޭސް ފިހާރައިން ގަނެގެން ގެންނަން ޒާތްޒާތުގެ ވިޓަމިންތައްވެސް ދެ ދުވަހުން އެއްދުވަހު ފެންނަނީ ޑަސްބިނުންނެވެ.
އައިލީން މިފަހަރުވެސް ނަދާލްގެ ބަސް ގަބޫލެއް ނުކުރި އެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައި ގޮނޑިން ތެދުވެގެން ކޮޓަރިއާ ދިމާލަށް ދުއްވައިގަތެވެ.
ނަދާލްއަށް ކަތުރު ކަށިގަނޑަށް ބާރު ކޮށްލެވުނެވެ. އެހެން ރޭރެއާ ހިލާފަށް މިރޭ އައިލީން ދާތަން ބަލަން މަޑުން އިންނާކަށް އޭނާ ގަސްތެއް ނުކުރި އެވެ. ކަމަކަށް ތައްޔާރުވާފަދަ ފުން ނޭވާއަކުން ހަށި ފުރައިލި އެވެ. އައިލީންއަށް ކާންދޭން އުޅުނު ވިޓަމިން ގުޅަ އަމިއްލަ ތުންފަތުގެ ދޭތެރޭގައި ހިފަހައްޓައިލަމުން ދުރު ފިޔަވަޅުތަކެއްގައި ގޮސް އައިލީންގެ އަތުގައި ހިފައި މަގަތަށް ދަމައިލި އެވެ. ދެން ފެނުނީ ކުއްލި ހަރަކާތަކާއެކު އައިލީން ގެނެސް މޭޒުގައި ޖައްސައިލުމަށްފަހު އައިލީންގެ ތުންފަތް ގައިދުކޮށްލަމުން ފަރިތަކަމާއެކު އެ ވިޓަމިން ގުޅަ އައިލީންގެ ދޫ މައްޗަށް ވައްޓައިލި ތަނެވެ. އައިލީންގެ ސިކުނޑިއަށް ހިނގައިދިޔަ ކަންތައް ރަނގަޅަށް ނަގައި ނުގަނެވިފައި ހުއްޓައި ނަދާލް މޭޒުމަތީގައިހުރި ފެންތަށިން ކޯވަރެއް އަނގަޔަށް އަޅައިލުމަށްފަހު އަނެއްކާވެސް އެ އަމަލު ތަކުރާރުކޮށްލި އެވެ.
މަގުސަދު ހާސިލު ވުމަށްފަހުގައިވެސް މިފަހަރު ނަދާލްއަށް އައިލީންއާ ދުރަށް ދިޔުން ވީ އުނދަގޫ ކަމަކަށެވެ. އެހާ ދުވަސް ފަހުން އައިލީންއާ އެފަދަ ގޮތަކަށް ކައިރި ވެވުމުން އޭނާގެ ހަށިގަނޑުގައި ނިދައިފައިވާ ކޮންމެ ހިއްސެއް ހޭލައްވައިލެވުނު ފަދަ އެވެ. އަދިވެސް އޭނާގެ ހިތާއި ނަފްސު ދެގޮތެއްނުވެ އެދޭ ހަމައެކަނި ބައިވެރިޔާއަކީ އައިލީންކަން ނަދާލްއަށް ޔަގީން ކުރެވުނެވެ. އެ ހިނދުކޮޅަށް ނިމުމެއް އަންނާކަށް ބޭނުމެއްނުވި އެވެ. ނަމަވެސް ކުއްލިއަކަށް އައިލީން އޭނާ ކޮށްޕައިލުމަށްފަހު ކަންކަށި މައްޗަށް އަރުވައިލި ބާރު ހަމަލާއާއެކު ނަދާލްއަށް އޭނާގެ ބިލާހުން ހޭލައިގަންނަން މަޖުބޫރުވި އެވެ. ރަނގަޅަށް ދެލޯ ހުޅުވައި ނުލެވެނީސް އައިލީން އަނެއްކާވެސް އޭނާ ދުރަށް ކޮށްޕާލައިފި އެވެ. ނަދާލްއަށް ދެ ފިޔަވަޅު ފަހަތަށް އަޅައިލަމުން ފައިގެ ހަމަ ހިފަހައްޓައިލެވުނީ ކިރިޔާ އެވެ.
"ތިއީ ހާދަ ގޮތެއްފޮތެއް ނެތް މީހެކޭ! ކަލޭ ހަނދާނެއް ނެތްތަ އަހަރެން މީނީ އަދިވެސް މައިޝާންގެ އިއްދައިގަ ކަމެއް އޭން؟" އައިލީން ދެންވެސް ނަދާލް ކޮށްޕައިލެވޭތޯ އުޅުނެއްކަމަކު އެކަމަށް ވިސްނައިގެންހުރި ނަދާލް މިފަހަރު ހުރި ފިޔަވަޅު މަތިން ގުޑައިވެސް ނުލި އެވެ.
"ފޯރބިޑަން ފްރުޓް އޯލްވޭޒް ޓޭސްޓްސް ދަ ބެސްޓް" ނަދާލް އެއް މިޔަކަނިން ހެވިފައިހުރެ ލާނެތް ރާގެއްގައި ބުންޏެވެ. އޭނާއަށް ކުރެވުނު ކަންތަކާމެދު ކުޑަކޮށްވެސް ދެރަނުވާކަން އެ މޫނުމަތިން އެނގެ އެވެ.
"ހުރި ނުލަފާކަން ބަލާބަލަ. ކަލެއަށް ކޮން ހައްގެއް އޮތީ އެ ފާޑަށް އަހަރެންގެ ނުރުހުމުގަ އަހަރެންނާ ގާތްވާން" އައިލީންގެ ދެލޮލުގައިހުރި ކަރުނަތައް ހީވަނީ ދެންމެ ދެންމެ އެ ކޯތާފަތް މައްޗަށް ފައިބައިގެންފާނެ ހެނެވެ. ރުޅި އައިސްފައިހުރެ ނަދާލްއާ ވާހަކަ ދައްކަމުން ދިޔައީ މީގެކުރިން ދުވަހަކުވެސް ނުދައްކާހާ ރުންކުރު ކޮށެވެ. އެއިން ކޮންމެ ޖުމްލައަކުން ނަދާލްގެ ހިތުގައި ލެވުނު ޒަހަމަށް ކެތްކުރި ނަމަވެސް އައިލީން އެރޭގެ ދެވަނަ ފަހަރަށް އޭނާގެ ކޯތާފަތް މަތީގައި ޖެހުމަށް އުފުލައިލި އަތުގައި ނަދާލް ހިފެހެއްޓީ ހަރުކަށި ކަމާއެކުގަ އެވެ.
"ހަމަ ނޭނގޭތީތަ ތި އަހަނީ؟ ނޫނީ އެއްވެސް ވަރަކަށް ވިސްނަން ބޭނުން ނުވަނީތަ؟" ނަދާލްގެ ބުމަ ވަނީ ގޮށްޖެހިފަ އެވެ. "އަހަރެންނާ އެންމެ ފުރަތަމަ ދިމާވި އިރު ކިހާ ހެލްތީކޮށް ހުރި ކުއްޖެއްތަ އައިލީން ތިއީ؟ ނައު ޓޭކް އަ ލުކް އެޓް ޔޯސެލްފް!" އައިލީންގެ އަތް މައްޗަށް ހިއްލައިލަމުން ނަދާލް އައިލީންގެ ހަށިގަނޑަށް އިޝާރާތްކުރި އެވެ.
"މައިޝާންގެ ކައިރިން އައިލީން ސަލާމަތްކޮށްގެން ގެނައި ދުވަހަށްވުރެވެސް މިހާރު އައިލީންގެ ހާލަތު ދެރަ! އަހަރެންގެ ބެލުމުގެ ދަށުގަހުރެ އައިލީންއަށް ތިހެން ވާން އަހަރެން ދޫކޮށްލާނީ ކިހިނެއްތަ؟ އަހަރެން އައިލީންއަށް ކާންދޭން މަސައްކަތް ނުކުރަނީކީ ނޫނޭ! ވައި ޖަސްޓް ވައި އާރ ޔޫ ސްޓާވިންގް ޔޯސެލްފް؟ ޑޫ ޔޫ ހޭވް އަ ޑެތް ވިޝް؟" ނަދާލްގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރު ވަމުންނެވެ.
"ކަލޭމެންގެ ކައިރިން ސަލާމަތްވެވެން އޮތް ގޮތަކީ މަރުވުން ކަމަށް ވަންޏާ އަހަރެންނަށް އެގޮތްވެސް މާ ރަނގަޅޭ" އައިލީންގެ ރައްދު ޖުމްލައާއެކު ނަދާލްގެ މެއަށް ޒާތެއްގެ ލޮޅުމެއް އަރައިގެންދިޔަ އެވެ. "ކަލޭމެން ފިރިހެނުންނަށް ހީވާނެ އަންހެނެއްގެ ބޯމަތީ ފުރާޅެއް ލާދީފަ ދެއިރު ފެންފޮދެއް ދެވުނީމަ އެއީ ތިމަންނާމެންގެ ހަރު މުދަލޭ؟ ކަލެއާ މައިޝާންއާ ހުރި ތަފާތަކީ ކޮބާ އޭން؟" އައިލީން އިތުރުކޮށްލި އެވެ.
"ތަފާތު ނޭނގޭތަ؟ އަހަރެން ކަމެއް ކުރާ އިރަށް އަހަރެންނާ ދިމާލަށް ބަވާ ކުދިކޮށްފަ ނުވިތާކަށް އަތް އިސްކުރަންވެސް.. އަހަރެންގެ ގައިގަ ޖަހަންވެސް އައިލީންއަށް ކެރޭ! މައިޝާންއާ ޖެހުނީމަ އައިލީންގެ ތި އެޓިޓިއުޑް ދިޔައީ ކޮންތާކަށްތަ؟ އަހަރެންގާތު ތި އެޓިޓިއުޑް ތި ދައްކަނީ އޭނަ އައިލީންއަށް ކުރާ ކޮންމެ ކަމެއް އަހަރެން އައިލީންއަށް ނުކުރާނެކަން އެނގޭތީއެއްނު؟" ނަދާލް ހިތްހަމަ ނުޖެހިފައިހުރެ އައިލީންގެ އަތުން ދޫކޮށްލި އެވެ. އައިލީންއަށް ލިބޭ ކޮންމެ ފުރުސަތެއްގައި އޭނާ މައިޝާންއާ އެއްގޮތް ކުރާ ކުރުން އޭނާއަކަށް ކަމަކު ނުދެ އެވެ.
"ދެން ކޮށްބަލަ! އޭނަ އަހަރެންނަށް އަނިޔާ ކުރީތީ ނަދާލްވެސް އަހަރެންނަށް އަނިޔާ ކޮށްބަލަ! އެއީ އެއްނު ނުވެފަ އޮތް ކަމަކީ؟" އައިލީންގެ ބަސްމަގު ހުރިގޮތުން ނަދާލްއަށް އޭނާގެ ހިތާމައާއި ރުޅިވެރިކަން ކޮންޓްރޯލުކުރުން ވީ ދަތިކަމަކަށެވެ. އެ އުދާސްތައް ގޮށްމުށުގެ ބާރު އެތިފަހަރެއްގެ ގޮތުގައި އައިލީންގެ ކައިރީގައިހުރި މޭޒުމައްޗަށް ދޫކޮށްލެވުނީ ވިސްނައިލުމެއްނެތި އެވެ. އެ މޭޒުމަތީގައިހުރި ތަށިތައްވެސް ގުޑައިގެންދާހާ ވަރަށެވެ.
"އާހް މާމާ!" ނަދާލްގެ އެ ހަރަކާތުން ލިބުނު ސިހުމުގައި އައިލީން ދެ ކަންފަތުގައި އަތް އަޅައިގެންހުރެ ހަޅޭއް ލަވައިގަންނަމުން ބިންމައްޗަށް ތިރިވި އެވެ. އަވަސްއަވަހަށް ފުން ނޭވާތަކެއް ލަމުންދިޔައިރު އެ ދެލޮލުގައި ގިނަވެފައިވި ކަރުނަތަށްވެސް ހޯސްލާފައި ފައިބައި ގަނެއްޖެ އެވެ.
ނަދާލް އައިސްފައި ހުރި ރުޅި ފިލައިދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނާ އައިލީންގާތު ކުޑަކަކޫ ޖަހައިލަމުން އިށީނީ އައިލީންއަށް ވީ ގޮތެއް ދެނެގަތުމަށެވެ. އައިލީންއާ ދިމާލަށް އަތް ހިއްލައިލި ހިނދު އައިލީން ސިހިފައި ދުރަށް ޖެހިލި ގޮތުން ނަދާލްއަށް ކޮންމެވެސް ވަރަކަށް ވީ ގޮތް ރޭކައިލި އެވެ. ކަރުނައިން ފުރިފައިވާ ދެލޮލުން އައިލީން އޭނާއާ ބަދަލުކޮށްލި ނަޒަރުގެ ފަހަތުގައި ފޮރުވިފައިވާ ޖެހިލުންވުމާއި ބިރު ފެނި ނަދާލްގެ ހިތުގައި އުފެދިގަތީ މީގެ ކުރިން ދުވަހަކުވެސް ތަހައްމަލު ކުރެވިފައި ނުވާފަދަ ވޭންހުރި ތަދެކެވެ.
އާނއެކެވެ. އައިލީންގެ ދެލޮލުން ނަދާލް ނުދެކެނީ ކޮން އަސަރެއް ހެއްޔެވެ؟ އެ ދެލޮލުން ފެނުނު އުފަލާއި، ހިތާމައާއި، ޝަކުވާ އަދި ރުޅިވެރިކަމުގެ ކުރިމަތީގައިވެސް އޭނާ ހުރީ ސާބިތުކަމާއެކުގަ އެވެ. އެހެނަސް އައިލީން އޭނާދެކެ ބިރުގަތުމަކީ ނަދާލްއަށް ބަރުދާސްތު ކުރެވޭނެވަރު ކަމެއް ނޫނެވެ. އޭނާގެ ހަމަބުއްދި ފިލައިދިޔަސް އޭނާގެ ފުށުން އައިލީންއަށް ކުޑަވެސް ޖިސްމާނީ އަނިޔާއެއް ނުދޭނެ އެވެ. އޭނާގެ އަބަދުގެވެސް އުއްމީދަކަށްވީ އައިލީންއަށް ހިމާޔަތްދީ ރައްކާތެރިކަން އިހުސާސް ކޮށްދިނުމެވެ. އެކަމުގައި އޭނާ ނާކާމިޔާބު ވެއްޖެކަން ގަބޫލު ކުރެވުމާއެކު ނަދާލްއަށް އިސް ޖަހައިލެވުނެވެ. ފަޅި ސިކުންތަކަށް ނަމަވެސް ރުޅީގެ މައްޗަށް ނަފްސު ދޫކޮށްލެވުނީތީ އެކަމާ އަމިއްލަ ނަފްސަށް އަޑުލައިގަތެވެ. އައިލީން ބިރުގަންނާނެ ފަދަ ގޮތަށް އަމަލުތައް ބެހެއްޓުނީތީ ހިތާމަކުރި އެވެ. މައިޝާންގެ ސަބަބުން އައިލީންއަށް ލިބިފައިވި ނަފްސާނީ ގެއްލުން ހަނދާން ނައްތާލެވުނީތީ އިންތިހާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރި އެވެ.
"ލޫނާ!" ނަދާލް ހިތްވަރުކޮށްލާފައި އައިލީންގެ އަތުގައި ހިފައިލުމުން އައިލީން މިފަހަރުވެސް ސިހިފައި ޖެހިލީ ދުރަށެވެ. އެކަމުން ހިތަށް ކުރި އަސަރާއެކު ގަދަކަމުން ކަހަލަ ގޮތަކަށް ނަދާލްއަށް ހިންދިރުވައިލެވުނެވެ. ދެލޯ ފެންކަޅިވެގެން ދިޔައީ ބޭ އިޙްތިޔާރުގަ އެވެ. ދެން އިތުރަށް ކެތް ނުވާނޭހެން ހީވުމުން އަވަސް ހަރަކާތަކާއެކު އައިލީންގެ ހަށިގަނޑުގައި ދެއަތް ވަށައިލަމުން އައިލީން ގެނެސް މޭގެ ތެރޭގައި ފޮރުވައިލި އެވެ. "ލޫނާ.. ލޫނާ.. އައި ވުޑް ނެވަރ ހިޓް ޔޫ ބޭބީ.. އައި.. އައިމް ސޮރީ ލޫނާ. ޕްލީޒް.. ޑޯންޓް ބީ ސްކެއަރޑް އޮފް މީ ޕްލީޒް.. ދެން.. ދެން ދުވަހަކުވެސް އެކަހަލަ ކަމެއް ނުކުރާނަން.. ދެން.. ދެން ދުވަހަކުވެސް ލޫނާއާ ދިމާލަށް ހަޅޭއްވެސް ނުލަވާނަން.. ލޫނާ.." އޭނާ މަޢާފަށް އެދުނެވެ.
ނަދާލްގެ އޯގާތެރި ފިރުމުންތަކާއި ލަފްޒުތައް ވެގެންދިޔައީ ނޭނގި ނަމަވެސް އައިލީންގެ ހިތަށް ލިބުނު ޝިފާ އަކަށެވެ. އެ ހިތުގައިވި ބިރުވެރިކަމާއި ހާސްކަން މަޑުމަޑުން ފިލައިގޮސް ގިސްލުމުގެ އަޑު ފަނޑުވާން ފެށި އެވެ. ނަދާލްއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އެހިސާބުންނެވެ.
- ނުނިމޭ -
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ