ހާއްސަ ހާލަތްތަކުގައި އެ މީހެއްގެ ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިގޮތަށް ވިދާޅުވީ، މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އެ މަނިކުފާނު ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހެންވޭރު ރައްޔިތުންނާ އެކު ކަލާފާނު ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އާންމުންގެ މީހަކު ފާޅު ކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.
ތަފްސީލު - އުމުރުން ދުވަސްވީ އެ މީހާގެ ކަންބޮޑުވުމަކީ އޭނާގެ ދިރިއުޅުމަށް އަމިއްލަ ބޭނުމަށް ޕެންޝަން އެކައުންޓުގައި ހުރި ފައިސާ ބޭނުން ނުކުރެވޭތީ އެވެ. މިހާރު އެ ފަންޑުން ފައިސާ ނެގުމަށް ހުރި ކަންކަމަކީ މާ މަދު އަދި އޭނާއަށް އެހާ މުހިންމު ކަންތައްތަކެއް ނޫންކަން އޭނާ ފާހަގަކުރި އެވެ.
މިވަގުތު އެ ފަންޑުން ފައިސާ ނެގެނީ ބޯހިޔާވަހިކަމާއި ހައްޖަށް ދިޔުމަށެވެ.
އެ ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ، އިތުރު ކަންކަމަށް އެ ފައިސާ ބޭނުން ކުރެވޭ ގޮތަށް ހެދުމަށްޓަކައި ގާނޫނު އިސްލާހުކުރުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
"އެއް ބޭފުޅަކު މިތަނުގައި ފާހަގަކުރެއްވި ޕެންޝަން ފަންޑުގެ ވާހަކަ. އަޅުގަނޑު ވައުދުވެފައި އޮތް ކަމެއް މިއީ. ޕެންޝަން ފަންޑުގެ ބޭނުން ހިފޭ ކަންކަންކޮށްދޭން. ބައެއް ކަންކަން ފެށިފައި އެ ވަނީ. އިތުރަށް ފުރުސަތު ދޭން ވެގެން، މިހާރު މަޖިލިސް ޗުއްޓީއަށް ފަހު ދެން ހުޅުވޭ ދައުރަށް އެބަ ހުށަހަޅަން ޕެންޝަންއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެ އިސްލާހުގެ ދަށުން ވަރަށް ގިނަ ފުރުސަތުތައް ޕެންޝަން ފައިސާ ބޭނުންކުރުމަށް ހުޅުވިގެންދާނެ އެވެ.
"ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވޭ ގޮތަށް [އިސްލާހު ގެންނަން ހުށަހަޅާނީ]. އެ ހާއްސަ ހާލަތްތައް އޭގައި ބަޔާން ކުރެވޭނެ. އެހެންވީމަ މިހާރަށް ވުރެ ގިނަ ހާލަތްތައް ހިމަނައިގެން ގާނޫނަށް އިސްލާހު ގެނެވޭނެ،" އެ ހާލަތްތަކުގެ ތަފްސީލަށް ވަޑައިނުގަންނަވައި ރައީސް ވިދާޅުވި އެވެ.
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތަށް ގާނޫނު އިސްލާހުކުރާނަން: ރައީސްަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ