ގެދޮރު ބިނާ ކުރަން ދޫކުރާ ހިޔާވެހި ލޯނު ސްކީމަށް އެދުނު މީހުންގެ ތެރެއިން ގިނަ ބަޔަކު އެ ލޯނަށް ޝަރުތު ހަމަނުވެ އޮއްވައި، ލޯނުގެ ގޮތުގައި ދޫކުރާ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފި އެވެ.
ތ. ގުރައިދޫގައި އިއްޔެ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހިޔާވެހި ސްކީމުގެ ދަށުން ކޮންމެ ރަށެއްގައި ވެސް ގެދޮރު ބިނާ ކުރަން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ލިބެނީ އެންމެ 29 ރަށަކަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ބޭންކުން ނިންމާފައި ވަނީ، ރާއްޖޭގެ ހަމަ ހުރިހާ ރަށެއްގައި ވެސް ވަކި ރަށެއް ނުބަލައި، ހަމަ އެކަނި ސިޓީތަކެއް ނޫން، ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓައި، ގެދޮރު ބިނާކުރުމަށް ތިން މިލިއަން ރުފިޔާ އާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ފަށާނެ،" މުއިއްޒު ވިދާޅުވި އެވެ. "އެކަމުގެ ނިންމުން މިހާރު މީގެ ދެދުވަހެއްގެ ކުރިން، ބޭންކުގެ ބޯޑުންވާނީ ނިންމާފައި."
ސަރުކާރުން ދޫކުރަނީ ހިޔާވެހި ފަހިމާލެ، ހިޔާވެހި ސަހަރު، ހިޔާވެހި ރަށްވެހި ނަމުގައި ދޫކުރާ ލޯނުތަކެކެވެ. މާލެ ސަރަހައްދަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ. ސަހަރަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، ރަށްވެހި ލޯނުގެ ގޮތުގައި ދޫކުރަނީ އެއް މިލިއަން ރުފިޔާ އެވެ.
މިއަހަރު ހުޅުވާލި ފުރުސަތުގައި ހިޔާވެހި ލޯނަށް އެދުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެ ލޯނަށް އެދުނު ގިނަ މީހުންގެ ޝަރުތު ފުރިހަމަ ނުވި ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. ލޯނަށް އެދެންޖެހެނީ ސަރުކާރުގައި ނަމަވެސް ލޯނުގެ ފައިނޭންޝަލް އެލިޖިބިލިޓީ ކަނޑައަޅަނީ ބޭންކުތަކުންނެވެ.
އެނގިފައިވާ ގޮތުގައި، ފައިނޭންޝަލް އެލިޖިބިލިޓީ ކަނޑައެޅިއިރު، ހިޔާވެހި ލޯނުތަކަށް ބޭންކުތަކުން ހާއްސަ އުސޫލެއް ނުގެންގުޅެ އެވެ. ފައިނޭންޝަލް އެލިޖިބިލިޓީ އާންމުކޮށް ކަނޑައަޅަނީ ލިބޭ އާމްދަނީ އާއި އިކުއިޓީއަށް ބަލައިފަ އެވެ.
ހިޔާވެހި ލޯނަށް އެދޭ ގިނަ ބައެއްގެ ޝަރުތު ހަމަނުވެ އޮއްވައި، ލޯނު ޕެކޭޖު ބޮޑު ކުރިކަން މުއިއްޒު އިއުލާނުކޮށްފި ހިޔާވެހި ލޯނަށް އެދޭ ގިނަ ބައެއްގެ ޝަރުތު ހަމަނުވެ އޮއްވައި، ލޯނު ޕެކޭޖު ބޮޑު ކުރިކަން މުއިއްޒު އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ